އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީން ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ފަހަތުން އަރާ ދެ ލަނޑު ކާމިޔާބުކޮށް 2-1 ގެ ނަތީޖާއިން މޮޅު ވެއްޖެއެވެ.
ރޭގެ މޮޅާއެކު ސިޓީއަށް އަނެއްކާވެސް ލީގު ތާވަލުގެ ކުރީގައި 8 ޕޮއިންޓްގެ ލީޑެއް ލިބިފައިވާއިރު، އެ ޓީމު އަދި މި ސީޒަންގައި އެއްވެސް މުބާރާތެއްގައި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ.
ޕްރިމިއާ ލީގުގައިވެސް ސިޓީއަށް ގެއްލުނު ހަމައެކަނި 2 ޕޮއިންޓަކީ އޮގަސްޓް މަހު އެވަޓަންއާ އެއްވަރުވި މެޗުން ގެއްލުނު ދެ ޕޮއިންޓެވެ. އޭގެ ފަހުން ސިޓީއިން ޖެހިޖެހިގެން 13 މޮޅު ހޯދާފައިވާއިރު، ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި މީގެ ކުރިން ޖެހިޖެހިގެން މި އަދަދަށް މޮޅުވެވިފައިވަނީ ޕްރެސްޓަން، ސަންޑަލޭންޑް އަދި މަޝްހޫރު އާސެނަލް އާއި ޗެލްސީއަށެވެ.
ސިޓީއަށް ޕްރިމިއާ ލީގުގައި ކުރިއަށް އޮތީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗުން މޮޅުވެވިއްޖެނަމަ މެންޗެސްޓާ ސިޓީއަށް، ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި ޖެހިޖެހިގެން އެންމެ ގިނަ މޮޅު ހޯދުމުގެ މުޅިން އައު ރެކޯޑެއް ގާއިމް ކުރެވޭނެއެވެ.
ރޭގެ މެޗުގައިވެސް ސިޓީން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރީތި މޮޅު ކުޅުމެއް ކުޅެފައެވެ. އެހެން ނަމަވެސް ފުރަތަމަ ހާފުގެ ފަހު ވަގުތު އެންޖެލޯ އޮގްބޯނާ ބޮލުން ޖެހި ލަނޑާއެކު ލީޑު ނަގައި ވެސްޓް ހޭމް އިން ސިޓީ ހާސްކޮށްލިއެވެ.
ދެ ވަނަ ހާފުގައިވެސް ސިޓީން މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމަށް އެއްވަރު ކޮށްދިނީ އާޖެންޓީނާގެ ޑިފެންޑަރ ނިކޮލަސް އޮޓަމެންޑީ އެވެ. ސިޓީއަށް ފަހު ވަގުތު މޮޅެއް ހޯދައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފަހު ހާފު ކުޅެން ނުކުތް ސްޕެއިންގެ މިޑްފީލްޑަރ ޑޭވިޑް ސިލްވާ އެވެ. ސިލްވާ ވަނީ ދާދިފަހުން ސިޓީއާއެކު އެއްބަސްވުން އާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް