ކޮންޓްރެކްޓް އުސޫލުން ރަސްރަނި ބަގީޗާއަށް ތިން ގައިޑަކު ހޯދަން ހައުސިން މިނިސްޓްރީން އިއުލާނު ކޮށްފި އެވެ.
މިއަދު އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ބޭނުންވަނީ ތިން ގައިޑުން ކަމަށާއި ކޮންޓްރެކްޓްގެ މުއްދަތަކީ އެއް އަހަރު ކަމަށެވެ. މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ޝިފްޓް ޑިއުޓީ އުސޫލުން ކަމުގައިވެސް އެ އިއުލާނުގައި ބުނެފައި ވެ އެވެ.
މުސާރައިގެ ގޮތުގައި މަހަކު 4465 ރުފިޔާ، ސާވިސް އެލަވަންސްގެ ގޮތުގައި މަހަކު 1500 ރުފިޔާ އަދި ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 35% ލިބޭނެ ކަމަށް ބުނެފައި ވެ އެވެ. އެހެންކަމުން ލިބޭ އާމްދަނީގެ ޖުމްލަ 7500 އަށްވުރެ މައްޗަށް އަރަ އެވެ. މީގެ އިތުރުން ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ އާއި ހަމަޖެހިފައިވާ އުސޫލުން ޝިފްޓް ޑިއުޓީ އެލަވަންސް ލިބޭނެ ކަމުގައިވެސް ބުނެފައި ވެ އެވެ.
އެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށެވެ. އަދި މި މިނިސްޓްރީގެ www.housing.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެ ކަމަށެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 ޑިސެންބަރު 12 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (އަމީނީމަގު، މާފަންނު / މާލެ) ގެ ކައުންޓަރަށް ކަމަށާއި އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެ ކަމުގައި އެ އިއުލާނުގައި ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް