ސްޕެނިޝް ލީގުގެ މި ސީޒަންގައި ވަރަށް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ވެލެންސިއާ 1-0 ގެ ނަތީޖާއިން ގެޓަފޭ އަތުން ރޭ ބަލިވެއްޖެއެވެ. ރޭގެ މެޗުން މޮޅުވެގެން، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން އެއްވަރު ވެފައި އޮތް ބާސެލޯނާއާ 2 ޕޮއިންޓަށް ގާތް ކުރެވެން އޮތް ނަމަވެސް ވެލެންސިއާއަށް ވަނީ އެކަން ހާޞިލް ކުރެވޭ ގޮތް ނުވެފައެވެ.
އެކަކު މަދުކޮށް ކުޅެމުން އައި ގެޓަފޭ އަތުން ވެލެންސިއާއަށް މި ސީޒަންގައި ލީގުގެ ފުރަތަމަ ބައްޔާ ކުރިމަތިލާން ޖެހުނުއިރު، ބާސެލޯނާއަށް ވަނީ ތާވަލުގެ ކުރީގައި މިހާރު 5 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. ބާސާއަށް 36 ޕޮއިންޓް ލިބިފައިވާއިރު ވެލެންސިއާ ދެ ވަނައިގައި އޮތީ 31 ޕޮއިންޓާއެކުގައެވެ. 3 ވަނައިގައި އޮތް އެތުލެޓިކޯއަށް 30 ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފަހުގެ ޗެމްޕިއަން ރެއަލް މެޑްރިޑް އޮތީ 28 ޕޮއިންޓާއެކު ލީގުގެ 4 ވަނައިގައެވެ.
ރޭގެ މެޗުގައި ދެ ޓީމުންވެސް ނުރައްކާތެރި ހަމަލާތަކެއް އުފެއްދިއިރު، ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ވެލެންސިއާއަށް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.
މެޗު ފެށުނީއްސުރެ ގިނަ ހަމަލާތައް އުފައްދަމުން އައި ގެޓަފޭއަށް ހާސްކަން ކުރިމަތިވީ 24 ވަނަ މިނިޓުގައި އެ ޓީމުގެ އަރަމްބާރީއަށް ދެ ވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. މިއީ ވެލެންސިއާގެ މާޓިން މޮންޓޮޔާއަށް ކުރި ފައުލަކަށް ދެއްކި ކާޑެކެވެ.
މެޗުގެ ބޮޑުބައި އެކަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް ގެޓަފޭއިން ވަނީ ދެވަނަ ހާފުގެ މެދެއްކަން ހިސާބުގައި ލަނޑު ކާމިޔާބު ކޮށްފައެވެ. 65 ވަނަ މިނިޓުގައި ގެޓަފޭއަށް މި ލަނޑު ޖަހައިދިނީ މާކެލް ބަރްގާރާއެވެ. އޭނާ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަނީ ވެލެންސިއާގެ ކުޅުންތެރިއެއްގެ ފައިގާ ޖެހި މިސްރާބު ބަދަލުވެގެންނެވެ.
ގެޓަފޭގެ ލަނޑަށް ފަހު ވެލެންސިއާއިން ވަރަށް ބޮޑަށް ކުރިއަށް ޖެހި ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް