މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުން ކުދި ގައުމުތައް ސަލާމަތްވުމަށް އޮތް އެއް ހައްލަކީ 'ސޭފަރ އައިލެންޑްސް' ތަރައްގީކުރުން ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ތާރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ތާރިގު މިހެން ވިދާޅުވީ ފްރާންސްގެ ވެރިރަށް ޕެރިހުގައި މިހާރު ކުރިއަށްދާ ކޮޕް 21 ގެ ހަވާސާގައި ރާއްޖޭން ބޭއްވި ރަސްމިއްޔާތެއްގައި 'ކްލައިމެޓް ރެސިލިއެންޓް ސޭފަރ އައިލެންޑް' ޕްރޮގްރާމް އާއި ގުޅޭ ޚާއްސަ ޕްރެޒެންޓޭޝަނެއް ދެއްވަމުންނެވެ.
އެ ޕްރެސެންޓޭޝަން ދެއްވަމުން މިނިސްޓަރު ވިދާޅުވީ ސޭފަރ އައިލެންޑްސް އަކީ ތިމާވެށްޓަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކަށް ރައްކާތެރިވުމަށް ސަމާލުކަން ދީގެން އަދި ދެމެހެއްޓެނިވި ތަރައްގީ އާއި އިގްތިސާދީ ނަޒަރުން ވިސްނައިގެން ތަރައްގީކުރާ ރަށްތައް ކަމަށެވެ.
'ސޭފަރ އައިލެންޑްސް' އާއި ބެހޭގޮތުން މިނިސްޓަރ ޠާރިގު ދެއްވި ޕްރެޒެންޓޭޝަންގައި ވަނީ ސޭފަރ އައިލެންޑް ތަރައްގީކުރުމުގައި ރާއްޖޭން ކޮށްފައިވާ ތަޖުރިބާ ހިއްސާކޮށްފައެވެ. އެގޮތުން ސަރުކާރުން ތ. ވިލިފުށި ތަރައްގީކޮށްފައިވަނީ ސޭފަރ އައިލެންޑެއްގެ ގޮތުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ރ. ދުވާފަރުގައި ވެސް މީހުން އާބާދުކޮށްފައި ވަނީ ސޭފަރ އައިލެންޑެއްގެ ގޮތުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ގދ. ތިނަދޫގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށްގެންދަނީ ވެސް ސޭފަރ އައިލެންޑެއްގެ ވިސްނުމުގައި ތަރައްގީކުރާ ރަށެއްގެ ގޮތުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދެއްކެވި ބޭފުޅުންގެ ތެރޭގައި ލަގްޒަމްބާގްގެ މިނިސްޓަރ އޮފް އެންވަޔަރަންމެންޓް ކެރޯލް ޑައިޝްބާގް އާއި ސޭންޓްލޫސިއާގެ މިނިސްޓަރ އޮފް ސަސްޓޭނަބަލް ޑިވެލޮޕްމެންޓް އެނަރޖީ ސައިންސަސް އެންޑް ޓެކްނޮލަޖީ ޑރ. ޖޭމްސް ފްލެޗަރ އާއި އައިޕީސީސީގެ ޗެއާމަން ޕްރޮފެސަރ ހުއިސަން ލީ ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް