އޭސީޖޭއޭ އާއި އެމްއެމްސީ އާދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

އޯލް ޗައިނާ ޖަރނަލިސްޓްސް އެސޯސިއޭޝަން (އޭސީޖޭއޭ) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. އެމްއެމްސީ އޮފީހުގައި މިއަދު ހެނދުނު ބޭއްވި މި މަޝްވަރ...

04 Dec 2015 | 08:29

އޯލް ޗައިނާ ޖަރނަލިސްޓްސް އެސޯސިއޭޝަން (އޭސީޖޭއޭ) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

އެމްއެމްސީ އޮފީހުގައި މިއަދު ހެނދުނު ބޭއްވި މި މަޝްވަރާ ބައްދަލުވުމަކީ ރާއްޖޭގެ މީޑިއާ އާއި ޗައިނާ މީޑިއާ ގުޅިގެން މިހާރަށްވުރެ އިތުރަށް ކުރެވިދާނެ ކަންތައްތަކާމެދު މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

މިބައްދަލުކުރެއްވުމުގައި އެމްއެމްސީގެ އިސްވެރިންވަނީ އެޤައުމުގެ މީޑިއާ މެދުވެރިކޮށް ރާއްޖޭގެ މީޑިއާގެ ފަރާތްތަކަށް އިތުރަށް ތަމްރީނު ކުރެވިދާނެ ދާއިރާތަކާބެހޭގޮތުން ބައްލަވާލައްވާފައެވެ.

މިގޮތުން މިހާރުވެސް ކޮންމެ އަހަރަކު ރާއްޖޭގެ ނޫސްވެރިން ޗައިނާއަށް ގެންދާ ދަތުރުތަކުގައި ވީހާވެސް ގިނަ މީޑިއާއަކަށް ބައިވެރިވުމުގެ ފުރުޞަތު މިހާރަށްވުރެ އިތުރަށް ލިބޭނެގޮތްތައް ހަމަޖައްސަވައިދެއްވުމަކީ ވަރަށްވެސް ބޭނުންތެރި ކަމެއްކަމުގައި ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މިފަދަ ފުރުޞަތުތަކުގެ ސަބަބުން ދެޤައުމުގެ ގުޅުން ޚާއްޞަކޮށް މީޑިއާގެ ގުޅުން ވަރަށްބޮޑަށް އިތުރުވެގެންދާކަމަށްވެސް ފާހަގަ ކުރެއްވިއެވެ.

އޭސީޖޭއޭގެ އިސްވެރިން ދެއްކެވި ވާހަކައިގާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ބައްލަވާލައްވާ ވިދާޅުވީ ރާއްޖެ އާއި ޗައިނާއަކީ އަމަދުވެސް ވިޔަފާރީގެ ރޮނގުން ދެއެކުވެރިން ކަމަށެވެ. އަދި މާލެ-ހުޅުމާލެ ބްރިޖާއި ސިލްކުރޫޓުގެ މަޝްރޫޢުގެ ސަބަބުން މިގުޅުން އިތުރަށް ބަދަހިވެގެންދާކަމަށްވެސް ފާހަގަ ކުރެއްވެވިއެވެ.

އަދި މިފަދަ ފުރުޞަތެއް ލިބި ރާއްޖެފަދަ ޤައުމަކަށް އައުމުގެ ނަޞީބު ލިބުނީތީ ޝުކުރު އަދާކުރައްވާ ކަމަށާއި ޚާއްޞަކޮށް އެމްއެމްސީ އިން މިފަދަ ދަޢުވަތެއް ދެއްވީތީ އެމްއެމްސީގެ އިސްވެރިންނަށާއި މެމްބަރުންނަށް ޝުކުރު އަދާކުރެއްވިއެވެ.

އޯލް ޗައިނާ ޖަރނަލިސްޓްސް އެސޯސިއޭޝަންގެ މިދަތުރަކީ ދެޤައުމުގެ މީޑިއާގެ ގުޅުން މިހާރަށްވުރެ އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާމެދު މަޝްވަރާ ކުރުމަށް މިމަހުގެ 3ން 5އަށް ކުރާދަތުރެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް