އަދީބަށް ހަޖަމު ނުވި ބޮޑު މަންޒަރު!

އެއީ މީގެ އެއް އަހަރު ކުރި އެވެ. ޑިސެމްބަރު 4، 2014 ވީ ބުރާސްފަތި ދުވަހެވެ. މިހާރު ޖަލުގައި އޮންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހުންނެވީ ޓުއަރިޒަމް މިނިސްޓަރުގެ މަގާމުގަ އެވެ. ނައިބު ރައީސް ...

04 Dec 2015 | 05:08

އެއީ މީގެ އެއް އަހަރު ކުރި އެވެ. ޑިސެމްބަރު 4، 2014 ވީ ބުރާސްފަތި ދުވަހެވެ. މިހާރު ޖަލުގައި އޮންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހުންނެވީ ޓުއަރިޒަމް މިނިސްޓަރުގެ މަގާމުގަ އެވެ. ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވީ އަމިއްލަފުޅަށް އިނގިރޭސިވިލާތަށް އަރުވާލެވިގެން ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ. ޑިފެންސް މިނިސްޓަރު ކަމުގައި ހުންނެވީ މިހާރު ޖަލުގައި އޮންނެވި ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމެވެ. ގައުމުގެ ވަލިއްޔުލް އަމްރު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުންނެވީ އަމިއްލަ ދަތުރުފުޅެއްގައި މެލޭޝިޔާގަ އެވެ.

އެމްޑަބްލިއުއެސްސީގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން މާލެ ފެނަށްޖެހުނު ފެނުގެ ކާރިސާ ފެށުނީ އެދުވަހު އެވެ. ރައީސް ޔާމީން ގައުމުގައި ނެތް ނަމަވެސް ފެނުގެ ކާރިސާއާއި ގުޅިގެން މިނިސްޓަރުން ހިމެނޭ ގޮތަށް ޓާސްކްފޯހެއް އެކުލަވައިލެއްވި އެވެ. އެ ޓާސްކްފޯހުގެ ތެރޭގައި ވަޒީރުންގެ މަޖިލީހުގެ ތެރެއިން ހިމެނިވަޑައިގެންނެވީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމް އާއި އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އާއި އެކޮނޮމިކް މިނިސްޓަރު ސައީދު އާއި ފިޝަރީޒް މިނިސްޓަރު ޝައިނީގެ އިތުރުން ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އޭރު މާލޭގައި ޓުއަރިޒަމް މިނިސްޓަރު އަދީބު ހުންނެވި ނަމަވެސް އެ ޓާސްކްފޯހުގައި ހިމެނިވަޑައިގެންފައެއް ނުވެ އެވެ.

ފެންނަންފެށި މަންޒަރަކީ ހަފްތާއަކަށް ވުރެ ގިނަ ދުވަހަށް ދެމިގެންދިޔަ ފެނުގެ ކާރިސާ ހަމައަކަށް އެޅުވުމުގައި އޭރުގެ ޑިފެންސް މިނިސްޓަރު ނާޒިމް ހޭލަމޭލައަށް އެކި ދިމަދިމާއިން ބޮޑު މަންޒަރަށް އަރަމުން ދިޔަ މަންޒަރެވެ. ފެން ހިފައިގެން އިންޑިއާއިން ފްލައިޓެއް އަޔަސް ޗައިނާއިން މަނަވަރެއް އަޔަސް ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވިޔަސް އެތާންގައި ހުންނަވާ މަންޒަރު ފެނިގެންދިޔައީ އޭރުގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމެވެ.

މުޅި އޮޑީގައި ހަސަނުގެ ދެފައޭ ބުނާ ބީދައިން މުޅި ވޯޓާ ކްރައިސިސް ހައްލު ކުރުމުގައި ލީޑަރެއްގެ ގޮތުގައި އުޅުއްވިތަން ފެނިގެންދިޔައީ ނާޒިމެވެ. ނާޒިމްގެ މަސައްކަތަށް ތައުރީފްގެ ބަސްތައް އޮހެމުންދިޔަކަމީ ހަގީގަތެކެވެ.

ހަތް ދުވަހަށް ދެމިގެންދިޔަ ފެނުގެ ކާރިސާ ކުރިއަށްދިޔައިރު އަދީބު ކުރެއްވީ އެންމެ ތިން ޓްވީޓެވެ. އެއީ ފެންކިއުގައި ބިދޭސީންނަށްވެސް ބައިވެރިވެވޭނެ ކަމަށް ޓާސްކްފޯހާ ހަވާލާދީ ކުރެއްވި ޓްވީޓަކާއި ރައީސް ޔާމީންގެ ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު މާލެ ވަޑައިގަންނަވާނެ ކަން އިއުލާނު ކުރައްވައި ކުރެއްވި ޓްވީޓެއްގެ އިތުރުން ސިޔާސީ އިދިކޮޅު ފަރާތްތަކަށް ފާޑު ވިދާޅުވެ ކުރެއްވި ޓްވީޓެކެވެ.

https://twitter.com/Ahmed_Adeeb/status/541106130353532928

ކޮންމެއަކަސް ފެނުގެ ކާރިސާ ނިމިގެން ދިޔައިރު ދިވެހިންގެ ހިތުގައި ކާނަލް ރިޓަޔަޑް ނާޒިމް އާއިމެދު ކޮންމެވެސް ވަރެއްގެ ލޯތްބެއް އުފެދިގެން ދިޔަކަން އޭރު ނޫސްތަކުގެ ކޮމެންޓް ތަކުންނާއި ތުންތުންމަތިން ހާމަވަމުން ދިޔަ  އެވެ.

ނަމަވެސް ދެންވީ ގޮތެއް ނޭނގެ އެވެ. ކުއްލިއަކަށް ސަރުކާރުގެ އިވެންޓްތަކުންނާއި ބޮޑު މަންޒަރުން ނާޒިމް ނުފެނި ދާން ފެށި އެވެ. މާ ގިނަ ދުވަހެއް ނުވެ ދިވެހިން ސިއްސުވައިލީ ނާޒިމްގެ ގެއިން ފިސްތޯލައެއް ފެނުނު ހަބަރާ އެކުގަ އެވެ. ޓެރަރިޒަމްގެ ކުށް ސާބިތުވެ މިވަގު ނާޒިމް އެ ގެންދަވަނީ ޖަލުގައި 11 އަހަރުގެ ހުކުމެއް ތަންފީޒް ކުރަމުންނެވެ.

އޭރުވެސް އަދި މިހާރުވެސް ދިވެހިންގެ މެދުގައި ތުންތުންމަތިންނާއި ސޯޝަލް މީޑިއާގައި އާންމުކޮށް ދެކެވޭ ވަހަކައަކީ ކާނަލް ނާޒިމް "ދުއްވާލީ" ފްރޭމް ކޮށްގެން ކަމަށާއި ފްރޭމް ކުރީ އަދީބު ކަމަށް ބުނެ ދެކެވޭ ވާހަކައެވެ. އެވާހަކަތައް ދައްކާ މީހުން ބުނަމުން ދިޔައީ ނާޒިމްގެ މަގްބޫލުކަން އަދީބަށް ހަޖަމް ނުވުމުން "ދުއްވާލީ" ކަމަށެވެ.

މިއަދު މިވަނީ މަންޒަރު ބަދަލުވެފަ އެވެ. ނާޒިމްގެ މައްޗަށް އިއްވި ޖަލު ހުކުމުގެ އިސްތިއުނާފް މައްސަލަ އެވަނީ ފަށައިފަ އެވެ. ހަޖަމު ނުވެގެން ފިސްތޯލައެއް ބޮލުގައި އަޅުވައި ނާޒިމް "ދުއްވާލި" ކަމަށް ބުނާ އަދީބު މިހާރު އެ އޮންނެވީ ޖަލުގަ އެވެ. ފިސްތޯލައެއްގެ ތުހުމަތާވެސް އެކީގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް