މީގެ 21 އަހަރު ކުރިން އިންޑިއާގެ މުމްބާއީއަށް ދިން ހަމަލާތަކެއްގައި ބައިވެރިކަމުގެ ކުށް ސާބިތުވެގެން ޖަލަށް ލާފައިވާ ބޮލީވުޑްގެ ތަރި ސަންޖޭ ދަތަށް ޖަލުގައި ހުކުމް ތަންފީޒުކޮށް ނިމެންދެން ހުރެވޭ ކަމަށް ނަހަދައެވެ.
މިދިޔަ އަހަރުގެ މާޗް މަހު އިންޑީއާގެ ސުޕްރީމް ކޯޓުން އޭނާ ޖަލަށް ލާން ހުކުމް ކުރުމުން ސަންޖޭ ދަތު ވަނީ ފޫނޭގެ ޖަލަކަށް ލާފައި އެވެ. ނަމަވެސް މިހާތަނަށް ދެ ފަހަރު ޕެރޯލްގެ ދަށުން އޭނާ ޖަލުން ޗުއްޓީ ނަގައިގެން ގެއަށް ގޮސްފައިވާއިރު އަނެއްކާވެސް އޭނާ 14 ދުވަހަށް ދޫކޮށް ދިނުމަށް ވަނީ އެދިފައި އެވެ.
ރިޕޯޓުތައް ބުނާގޮތުން އުމުރުން 55 އަހަރުގެ ތަރި ދަނީ ޖަލުގައި ނުހުރުމަށް އެކި ފަހަރު އެކި ބަހަނާ ދައްކަމުންނެވެ. އެގޮތުން މި ފަހަރު ގެއަށް ބަދަލުވުމަށް ދެއްކި ބަހަނާއެއް އަދި ސާފެއް ނުވެ އެވެ.
މިދިޔަ ދެ ފަހަރުގެ ތެރެއިން 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އޭނާގެ ބަލި ހާލަތު ހުރިގޮތުން މަހަކަށް ގެއަށް ބަދަލުކޮށްދިނުމަށް އެދުމުން ބަދަލުކޮށްދީފައި ވެއެވެ. އަދި ދެވަނަ ފަހަރު އަންހެނުން ބަލިވެގެން ދެ ދަރިން ބަލަށް އެއްމަހަށް ގެއަށް ބަދަލުވާން އެދުނެވެ. އެފަހަރު އޭނާ އެނބުރި ޖަލަށް ދިއައީ އެއް މަހަށް ވުރެ މާ ގިނަ ދުވަސް ފަހުންނެވެ.
ސަންޖޭ ދަތު މާގިނައިން ޖަލުން ގެއަށް ބަދަލުކޮށްދިނުމަށް އެދެމުންދާތީ މިހާރު ކަމާބެހޭ ފަރާތްތަކުންވެސް ދަނީ އޭނާއަށް ޝައްކު ކުރަމުންނެވެ. ސަންޖޭ ދަތު ޖަލަށް ލާފައިވަނީ 42 މަހަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް