ކޮންޓެއިންނާ ކޮންޓްރޯލް ޕްރޮގުރާމްއާބެހޭ އެއްބަސްވުމެއްގައި ކަސްޓަމްސްއާއެކު މޯލްޑިވްސް ޕޮލިސް ސާވިސްއާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަޙީދެވެ. ކަސްޓަމްސް ގެ ފަރާތުން ސޮއިކުރެއްވި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަޙްމަދު ޒުހޫރުއެވެ. އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަރާތުން ސޮއިކުރެއްވީ ކޯސްޓްގާރޑްގެ ކޮމަޑާންޓް ކާނަލް މުޙައްމަދު އިބްރާހިމްއެވެ.
މި އެމްއޯޔޫ ގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމަސް ޒުހޫރު ވިދާޅުވީ ކޮންޓެއިނަރ މެދުވެރިކޮށް އެތެރެކުރެވޭ މަސްތުވާތަކެއްޗާއި ހަތިޔާރު ފަދަ ތަކެއްޗާއި ޓެރަރިޒަމްގެ އަމަލުތަކުގައި ކޮންޓެއިނަރ މެދުވެރިކޮށް ކުރަމުންދާ ކަންތައްތައް އަތުލައިގަތުމަށް މި އެއްބަސްވުމުގެ ސަބަބުން ފަސޭހަ ވާނެ ކަމަށެވެ. އަދި ޔޫއެންއޯޑީސީގެ މެމްބަރު ގައުމުތަކާއި ދެމެދު އޮންނަ ގުޅުން ބަދަހިވެ މެމްބަރު ގައުމުތަކާ މައުލޫމާތު ހިއްސާކުރެވިގެންދާނެކަމަށް ޒުހޫރު ވިދާޅުވި އެވެ.
ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން އެއްބަޔަކު އަނެއް ބައެއްގެ މެދުގައި މަޢުލޫމާތު ހިއްސާކުރުމާއި ފުލުހުން ކޮންމެހެން ހިއްސާކުރާ މަޢުލޫމާތުތައް ވެރިފައިކުރުމަށް ބޭރުގެ ފަރާތްތަކާއި ގުޅިގެން މަޢުލޫމާތު ވެރިކުރުމަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. އަދި މި މަސައްކަތްތައް ފެށި އޭގެ މަންފާ ރައްޔިތުން ލިބެން ފެށުމުން ރާއްޖޭގެ ކުށުގެ ވެށްޓަށް އޭގެ ހެޔޮ އަސަރު ކުރަމުންދާނެކަމަށް ސީޕީ ވިދާޅުވި އެވެ.
ކޯސްޓްގާރޑް ކޮމަޑާންޓް ކާނަލް މުޙައްމަދު އިބްރާހިމް ވިދާޅުވީ މި އެމްއޯޔޫގެ ސަބަބުން ރާއްޖޭގެ އެންމެ އުތުރުން ފެށިގެން އެންމެ ދެކުނަށް މިފަދަ ކުށްތައް ހުއްޓުވުމަށްޓަކައި ފުލުހުންނާއި ތިން މުއައްސަސާ ގުޅިގެން މަސައްކަތްކުރެވޭނެ ވެށްޓެއް ރަސްމީކޮށް ގާއިމްވެގެން ދިޔައީ ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން ކޮންޓެއިނަރ މެދުވެރިކޮށް އެތެރެކުރެވޭ މަސްތުވާތަކެއްޗާއި ހަތިޔާރާއި ޓެރަރިޒަމާއި ގުޅުންހުރި މުޢާމަލާތްތައް ހުއްޓުވައި ތަހުގީގުކޮށް މަޢުލޫމާތު ބަދަލުކުރެވިގެންދާނެއެވެ. އަދި ތން ފަރާތް ގުޅިގެން މަސައްކަތްކުރާނެ ޔުނިޓެއް ގާއިމްކޮށް އިންޓެލިޖެންސް މަޢުލޫމާތުތައް ބަދަލުކުރެވި ޔޫއެންއޯޑީސީގެ މެމްބަރު ގައުމުތަކާއި މަޢުލޫމާތު ހިއްސާކުރެވިގެންދާނެއެވެ. މީގެ އިތުރުން މިފަދަ ހަރަކާތްތައް ހުއްޓުވުމަށް ބޭނުންވާ ތަމްރީނާއި ބޭނުންވާ ވަސީލަތްތައް ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ތިން މުއައްސަސާއިން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް