އިނގެރޭސި ޕްރިމިއަރލީގު: ޗެލްސީ އަދި ސިޓީއަށްވެސް ފަސޭހަ މޮޅެއް

އިނގެރޭސި ޕްރިމިއަރލީގުގެ ތާވަލުގެ އެންމެ ކުރިން ވާދަކުރަމުންދާ ދެ ޓީމުކަމަށްވާ ޗެލްސީ އަދި ސިޓީވެސް ރޭ ކުޅުނު މެޗުން ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ. ސްޓެންފާޑް ބްރިޖްގައި ޗެލްސީން ޓޮޓެންހަމް ބަލިކޮށްފ...

04 Dec 2014 | 05:24

އިނގެރޭސި ޕްރިމިއަރލީގުގެ ތާވަލުގެ އެންމެ ކުރިން ވާދަކުރަމުންދާ ދެ ޓީމުކަމަށްވާ ޗެލްސީ އަދި ސިޓީވެސް ރޭ ކުޅުނު މެޗުން ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.

ސްޓެންފާޑް ބްރިޖްގައި ޗެލްސީން ޓޮޓެންހަމް ބަލިކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މިސީޒަންގައި މިހާތަނަށް އަދި ބަލިވެފައިނުވާ ޗެލްސީން މެޗުގެ ލީޑު ނަގާފައިވަނީ 19 ވަނަ މިނެޓުގައި ހަޒާޑްގެ ގޯލާއެކުގައެވެ. މިއީ އެޑިން ހަޒާޑް ސީޒަންގައި ކާމިޔާބުކޮށްދިން 7 ވަނަ ގޯލައެވެ.

އޭގެ 3 މިނެޓްފަހުން ލީޑު ފުޅާކޮށްދިނީ 5 ރީނދޫ ކާޑާއެކު ސަސްޕެންޑް ވެފައިވާ ކޮސްޓާގެ ފޫބެއްދުމަށް މެޗަށްނިކުތް ޑިޑިއޭ ޑްރޮގްބާއެވެ. ޗެލްސީން މެޗުގެ ފުރަތަމަ ހާފްގައި ރީތި ފުޓުބޯޅައެއް ކުޅެ ހަމަލާތަށްވަނީ އުފައްދާފައެވެ.

ދެވަނަ ހާފް ފެށިގެން ޓޮޓެންހަމްއިންވަނީ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުހިފުމުގެ ނަތީޖާއަކަށްވީ ކައުންޓަރ އެޓޭކްގައި ޗެލްސީން ލީޑު ފުޅާކުރުމެވެ. ޗެލްސީގެ 3 ވަނަ ގޯލް ކާމިޔާބުކޮށްދިނީ ލޮއިކް ރެމީއެވެ.

މެންޗަސްޓަރ ސިޓީންވަނީ ރަށުންބޭރުގައި ސަންޑަރލޭންޑް ބަލިކޮށް ޕޮއިންޓް ތާވަލުގައި ޗެލްސީއާއި ފަރަގު ދަމަހައްޓާފައެވެ. އެއީ 6 ޕޮއިންޓްގެ ފަރަގެކެވެ. ސިޓީ ސަންޑަރލޭންޑް ބަލިކޮށްފައިވަނީ ފަހަތުންއަރާ 4-1 ގެ ނަތީޖާއަކުންނެވެ.

ސަންޑަރލޭންޑަށް ލީޑު ނަގާދީފައިވަނީ ޒުވާން ފޯވަރޑް ވިކްހަމްއެވެ. ނަމަވެސް މާގިނައިރެއްނުވެ ސާޖިއޯ އަގުއޭރޯގެ ގޯލާއެކު ސިޓީންވަނީ ރައްދުދީފައެވެ. މެޗުގައި ސިޓީއަށް ލީޑު ނަގާދިނީ 39 ވަނަ މިނެޓުގައި ޔޮވެޓިޗެވެ.

މެޗުގެ ދެވަނަ ހާފް ފެށިގެން މާގިނައިރެއްނުވެ ޒަބަލެޓާގެ ގޯލުން ސިޓީވަނީ މެޗުގެ ނަތީޖާ ކަށަވަރުކޮށްފައެވެ. ސިޓީގެ 4 ވަނަ ގޯލް ކާމިޔާބުކޮށްދިިނީ މެޗުގައި މޮޅު ކުޅުމެއްދެއްކި ކުން އަގުއޭރޯއެވެ. މިއީ އަގުއޭރޯ މި ސީޒަންގައި ކާމިޔާބުކުރި 19 ވަނަ ގޯލައެވެ.

މިބައްޔަކީ ސަންޑަރލޭންޑް އެންމެ ފަހުން ކުޅުނު 5 މެޗުގެ ތެރެއިންބަލިވި ފުރަތަމަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް