ކުވެއިތު ފަންޑް ފޮ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭއެފްއީއޭޑީ) އިން ތ. ވޭމަންޑޫގައި އާ ހޮސްޕިޓަލެއް އެޅުމަށް ތިން މިލިއަން ކުވެއިތު ދީނާރު (ގާތްގަނޑަކަށް 10 މިލިއަން އެމެރިކާ ޑޮލަރު) ގެ ލޯނު އެއްބަސްވުމެއްގައި ދިވެހިރާއްޖެއާ އެކު މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ ކޭއެފްއީއޭޑީގެ ވަގުތީ ޑިރެކްޓާ ޖެނެރަލް ރާޝިދު އަލް-ބާދިރް އާއި ދިވެހިރާއްޖޭގެ ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒެސް ވުޒާރާގެ ވަޒީރު ޙަސަން ޒަރީރެވެ.
ރާޝިދު އަލް-ބާދިރް ބުނީ މި މަޝްރޫޢުގެ ބޭނުމަކީ ވޭމަންޑޫ އާއި ކައިރި ރަށްތަކުގެ ޞިއްޙީ ޚިދުމަތް ރަނގަޅުކޮށް، ބަލިމީހުން އެހެން ރަށްރަށް ނުވަތަ މާލެއަށް ފޮނުވަން ޖެހޭ މިންވަރު ކުޑަކުރުން ކަމަށެވެ. އަދި ކަނޑު އަދި ވައިގެ އެމްބިއުލާންސް ޚިދުމަތަށް ބަރޯސާވާ މިންވަރު ދަށްކޮށް، ޞިއްޙީ ޚިދުމަތް ލާމަރުކަޒުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިވެދޭނެ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން 50 އެނދުގެ ހަތަރު ބުރީގެ ހޮސްޕިޓަލް ޢިމާރާތެއް އެޅޭނެއެވެ. އެ ޢިމާރާތުގެ ބިމުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 13،321 އަކަ މީޓަރެވެ. އޭގެ އިތުރުން 568 އަކަ މީޓަރުގެ އެއް ބުރީގެ ޚިދުމަތުގެ ޢިމާރާތެއް ވެސް ހިމެނެއެވެ. މި މަޝްރޫޢުގައި ސިވިލް، އިލެކްޓްރިކަލް އަދި މެކޭނިކަލް މަސައްކަތާއި، ޞިއްޙީ ސާމާނާއި، ފަރުނީޗަރާއި ކޮންސަލްޓެންސީ ޚިދުމަތް ހިމެނެއެވެ. ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި، 2029 ވަނަ އަހަރުގެ ފަހުކޮޅު ހޮސްޕިޓަލް ހުޅުވާނެ ކަމަށް ބެލެވެއެވެ.
މުޅި މަޝްރޫޢުގެ ޖުމްލަ އަގު ގާތްގަނޑަކަށް 6.3 މިލިއަން ކުވެއިތު ދީނާރު (19.2 މިލިއަން ޑޮލަރު) ކަމަށް އަންދާޒާކުރެވެއެވެ. އޭގެ ތެރެއިން %47.8 ކޭއެފްއީއޭޑީގެ ލޯނުން ހަމަޖެހޭއިރު، ބާކީ ބައި އަދި އިތުރަށް ހިނގާ ޚަރަދެއް ހަމަޖައްސާނީ ދިވެހި ސަރުކާރުންނެވެ. މި ލޯނު 24 އަހަރުގެ މުއްދަތަށް ދޫކޮށްފައިވާ އިރު، ހަތަރު އަހަރުގެ ގްރޭސް ޕީރިއަޑެއް ހިމެނެއެވެ. ލޯނު އަނބުރާ ދައްކާނީ ހަ މަހުން އެއް ފަހަރު، 40 އިންސްޓޯލްމަންޓުންނެވެ. ލޯނުގެ އިންޓަރެސްޓް ރޭޓަކީ އަހަރަކު %1 އެވެ. އޭގެ އިތުރުން އެޑްމިނިސްޓްރޭޓިވް ޚަރަދަށް އަހަރަކު %0.5 ނެގޭނެއެވެ.
ކޭއެފްއީއޭޑީ އިން ވަނީ ކުރިންވެސް ރާއްޖޭގެ ޞިއްޙީ ދާއިރާ އާއި ދަތުރުފަތުރާއި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް އެހީ ދީފައެވެ. އޭގެ ތެރޭގައި މިދިޔަ އަހަރު ހުޅުވި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްޤީގެ މަރުޙަލާތައް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް