މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -
ކުށުގެ ވެށީގެ މޫނުމަތިން ދިވެހި ކަނބަލުން ފެނުން މި ފަހުން އާންމުވަމުންގޮސް މިއަދު މިވަނީ ދިވެހި ކަނބަލުން އެ މަގުން ދިވެހި ފިރިހެނުންގެ މައްޗަށް ކުރި ހޯދައިފައެވެ.
މިއަދު ކްރިމިނަލް ކޯޓުން ހަތަރު މީހެއްގެ ބަންދު އަމުރު ނެރެފައިވާއިރު އޭގެ ތެރެއިން ތިން މީހުންނަކީ ދިވެހި ކަނބަލުންނެވެ. އެއީ މިއަދުގެ ރެކޯޑުގެ 75 އިންސައްތައެވެ.
އެ ކަނބަލުންގެ ތެރޭގައި ހިމެނެނީ ސ. ހިތަދޫ މެމޯސާގޭ، އުމުރުން 44 އަހަރުގެ ފަޒްނާ އިބްރާހީމެވެ. ދެވަނަ ކަނބަލަކީ ކ. މާލެ، ލޮނުމިދިލިގޭ އުމުރުން 47 އަހަރުގެ މަރްޔަމް އަބްދުއްރައްޒާގެވެ. އަދި ތިންވަނަ ކަނބަލަކީ ޅ. ނައިފަރު ނިއާމުގޭ، އުމުރުން 31 އަހަރުގެ ފާތިމަތު ސަނާ ހުސެއިންއެވެ.
މި ތިން މީހުންވެސް ހައްޔަރުކޮށްފައިވަނީ ތަފާތު ތިން މައްސަލައެއްގައެވެ.
އެގޮތުން ފަޒްނާ އިބްރާހިމް ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމުގެ މައްސަލައެއްގައެވެ. އޭނާ ލައިގެން ހުރި ޓީޝާޓުގެ ކަރުވަޅުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު 19 ޕެކެޓު ނަގައިދީފައިވާކަމަށް ފުލުހެއްގެ ބަޔާނުގައި ވާކަމަށް ބަންދު އަމުރުގައިވެއެވެ. މި މައްސަލައިގާ 15 ދުވަހަށް އޭނާ ބަންދު ކުރުމަށް ގާޒީ އަމުރުކުރައްވާފައިވެއެވެ.
މަރްޔަމް އަބްދުއްރައްޒާގް ހައްޔަރުކޮށްފައިވަނީ ބިރު ދެއްކުމާއި އާންމު މަސްލަހަތަށް ގެއްލުންދިނުމުގެ މައްސަލައެއްގައެވެ. އޭނާ 10 ދުވަހަށް ބަންދު ކުރުމަށް ގާޒީ އަމުރުކުރައްވާފައިވެއެވެ.
ފާތިމަތު ސަނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަތުގައެވެ. އިންޓެލިޖަންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އޭނާ ހުއްޓުވައި ލަގެޖު ފޮށި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ހުރި ކަމަށް ބެލެވޭ ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާކަމަށް ފުލުހަކު ބަޔާން ދީފައިވާކަމަށް ބަންދު އަމުރުގައިވެއެވެ. އިތުރު ބަޔަކާ ގުޅިގެން މ. މުއްޔަށް މަސްތުވާތަކެތި އެތެރެކުރާން ސަނާ ބައިވެރިވެފައިވާކަން ހޯދިފައިވާކަމާއި ފެނުނު މަސްތުވާތަކެތީގެ މައުލޫމާތު ސަނާއަށް ލިބިފައިވާކަމާއި ފޯނުން މަސްތުވާތަކެތީގެ އެކި މުއާމަލާތްތައް ސަނާކޮށްފައިވާކަން ހޯދިފައިވާކަމަށްވެސް އިންޓެލިޖަންސް ރިޕޯޓުގައިވެއެވެ. ސަނާ 10 ދުވަހަށް ބަންދު ކުރުމަށް ގާޒީ އަމުރުކުރައްވާފައިވެއެވެ.
މި ތިން ކަނބަލުންނާއެކު ބަންދުގެ އަމުރު މިއަދު ހިއްސާކުރާ ހަތަރުވަނަ ފަރާތަކީ ހއ. ބާރަށު، ކުއްޅަވައްގޭ، އުމުރުން 25 އަހަރުގެ ޢަލީ ޖުމާން، ދިވެހީން ދަންނަ ގޮތުންނަމަ "ޑެތު" އެވެ.
ޑެތުގެ ބަންދު އަމުރުގައި ބުނެފައިވަނީ ޑެތުގެ ޑެތުހުބް (ސުމުއްވުލްއަމީރު ފަތްބަންޑާރަ ޑެތުމޭނާ ކިލެގެފާނު)ގެ އެކައުންޓުން ކޮށްފައިވާ ޕޯސްޓުގެ ރިޕޯޓު ފުލުހުން ހުށަހަޅާފައިވާކަމަށެވެ. ޑެތުގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ ދަޢުވާއެވެ. އޭނާ އިތުރު 15 ދުވަހަށް ބަންދު ކުރުމަށް ގާޒީ މިއަދު އަމުރުކުރައްވާފައިވާއިރު ޑެތު ހައްޔަރުކޮށްފައިވަނީ ތަންތަނުގައި ރޯކުރުމާއި ލޫޓުވުމަށް ގޮވައިލާ ޑެތު ކުރި ޕޯސްޓަކާއި ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް