ފަނޑިޔާރު އަލީ ރަޝީދު --
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު، ރިޓަޔާކޮށްދޭން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ފަނޑިޔާރު އަލީ ރަޝީދު ފަނޑިޔާރުކަމުން ރިޓަޔާވެވަޑައިގަތުމަށް ހުށަހެޅުއްވީ މިދިޔަ މަހު އަމިއްލަފުޅަށެވެ. ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަނޑިޔާރު ރިޓަޔާކޮށްދޭނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށެވެ.
ޖޭއެސްސީން ބުނީ ފަނޑިޔާރުންގެ ގާނޫނާއި ރިޓަޔަމަންޓް ގަވާއިދުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ފަނޑިޔާރު އަލީ ރަޝީދު އެދިވަޑައިގެންނެވި ގޮތަށް ރިޓަޔާކޮށްދެއްވުމަށް ޖޭއެސްސީން މިދިޔަ ހަފްތާގެ ބުދަ ދުވަހު ބޭއްވި ޖަލްސާގައި ނިމްމާފައިވާ ކަމަށެވެ.
ޖޭއެސްސީން ބުނީ އެކަމާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ބޭފުޅަކު ހޯދުމަށް ފަނޑިޔާރުންގެ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަ ކުރުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރަމުންދާ ކަމަށެވެ.
ފަނޑިޔާރުކަމުން އަލީ ރަޝީދު ރިޓަޔަކުރައްވާ ސަބަބު ހާމައެއް ނުކުރައްވަ އެވެ. ފަނޑިޔާރި އަލީ ރަޝީދު ސުޕްރީމް ކޯޓަށް އައްޔަންކުރެއްވީ މީގެ ހަ އަހަރު ކުރިންނެވެ.
ފަނޑިޔާރު އަލީ ރަޝީދަކީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމާއި ސިވިލް ކޯޓުގެ އިސް ގާޒީ ކަމާއި ޑްރަގް ކޯޓުގެ ގާޒީކަން ވެސް ކުރެއްވި ބޭފުޅެކެވެ. އަދި އޭނާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރު ޖަލު ހުކުމް އިއްވި ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނަވަނިކޮށް އަލީ ރަޝީދުގެ ސުލޫކީ މައްސަލަތަކެއް ވެސް ޖޭއެސްސީއަށް ހުށަހެޅި އެވެ. އެކަމަކު، އެއިން އެއްވެސް މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވެފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް