ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

04 Nov 2026 | 13:17
ފޮޓޯ: ދިރާގު

ފޮޓޯ: ދިރާގު

ޒުވާނުންނަށް އާމްދަނީއެއް ލިބެމުން ވަޒީފާގެ ތަޖުރިބާ ހޯދޭ ގޮތަށް ދިރާގުން ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ 2027 ވަނަ އަހަރުގެ ބުރަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވައިލައިފިއެވެ.

ދިރާގުގެ ސީއެސްއާރުގެ ތެރެއިން ހިންގާ މި ޕްރޮގްރާމަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޯޕަރޭޓް ފެންވަރުގައި ފެށި މިބާވަތުގެ ފުރަތަމަ ޕްރޮގްރާމެވެ. މި ޕްރޮގްރާމްގެ ބޭނުމަކީ ޒުވާނުން ވަޒީފާގެ މާޙައުލަށް ތައްޔާރުކޮށް، ޢަމަލީ ތަމްރީނާއި ތަޖުރިބާ ފޯރުކޮށްދިނުމެވެ.

ޕްރޮގްރާމަށް ކުރިމަތިލެވޭނީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ، އޭލެވެލް ނިންމާފައިވާ، ފުލް ޓައިމް ވަޒީފާއެއް އަދާނުކުރާ ދިވެހި ޒުވާނުންނަށެވެ. މާލޭގެ އިތުރުން ކުޅުދުއްފުށި ސިޓީ، ބ. އޭދަފުށި، އަދި ލާމު އަތޮޅުގައި ހުންނަ ދިރާގުގެ އޮޕަރޭޝަން ސެންޓަރުތަކުގައި ވެސް ބައިވެރިވެވޭނެއެވެ. ޝައުގުވެރިވާ ފަރާތްތަކުން 30 ނޮވެމްބަރު 2026 ގެ ކުރިން ދިރާގުގެ ވެބްސައިޓް މެދުވެރިކޮށް ފޯމު ހުށަހެޅޭނެއެވެ.

ބައިވެރިންނަށް ތަމްރީނު ލިބޭ ދާއިރާތަކުގެ ތެރޭގައި ޑޭޓާ އެނަލިޓިކްސް، ބްރޭންޑް އެންޑް މާކެޓިންގ، ކްލައުޑް އެންޑް އައިޓީ، ސައިބާ ސެކިއުރިޓީ، ފައިނޭންސް، ހިއުމަން ރިސޯސަސް، ސޭލްސް، އަދި ޕްރޮކިއުމަންޓް ފަދަ ދާއިރާތައް ހިމެނެއެވެ. މީގެ އިތުރުން ވަގުތު ބެލެހެއްޓުމާއި ޕްރޮޖެކްޓް ހިންގުން ފަދަ ސޮފްޓް ސްކިލްސް ތަރައްޤީކުރުމުގެ ތަމްރީނު ވެސް ދިރާގުގެ އެކި ޑިޕާޓްމަންޓްތަކުގެ މުވައްޒަފުން ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

2009 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ މި ޕްރޮގްރާމުގައި މިހާތަނަށް ޖުމްލަ 312 ޒުވާނުން ބައިވެރިވެފައިވާ އިރު، ކުރީގެ ގިނަ ދަސްވެނިން ދިރާގާއި ރާއްޖޭގެ އެކި ކުންފުނިތަކާއި ޖަމިއްޔާތަކުގައި ވަޒީފާ އަދާކުރަމުންދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް