ފޮޓޯ: މޯލްޑިވް ގޭސް
ބައިނަލްއަޤުވާމީ ބާޒާރުގައި ގޭހުގެ އަގު މައްޗަށް ދިޔުމާ ގުޅިގެން ރާއްޖެއަށް ގޭސް ގެނައުމަށް ކުރިމަތިވެފައިވާ ހުރަސްތަކާ ހެދި، ފުޅިތަކަށް ގޭސް އަޅައިދޭ މިންވަރު ދަށްކުރަން މޯލްޑިވް ގޭހުން މިއަދު ނިންމައިފިއެވެ.
އެ ކުންފުނިން ބުނީ މިއީ ވަގުތީ ބަދަލެއް ކަމަށެވެ. މި ބަދަލަށް އަމަލު ކުރަން ފަށާނީ މިމަހުގެ ހަތެއްވާ ހޮނިހިރު ދުވަހުން ފެށިގެންނެވެ.
އެ ކުންފުނިން ހާމަކުރި ގޮތުގައި އެ ދުވަހުން ފެށިގެން 10 ކިލޯގެ ފުޅިއަކަށް ދެން އަޅާނީނީ ހަތް ކިލޯއެވެ. 22 ކިލޯގެ ފުޅިއަކަށް 14 ކިލޯ، އަދި 45 ކިލޯގެ ފުޅިއަކަށް އަޅާނީ 31 ކިލޯގެ ގޭހެވެ. ފުޅިއަށް އެޅޭ ގޭހުގެ ބަރުދަނަށް ބަލައި ކުރިންވެސް ކަނޑައެޅިފައިވާ ކިލޯގެ ރޭޓުން ފައިސާ ނެގުމުގެ ސަބަބުން، ގޭހުގެ އަގު ބޮޑުނުވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ދުނިޔޭގެ ބާޒާރުގައި ގޭހާއި ތެލުގެ އަގު އުފުލެމުންދާ މައިގަނޑު ސަބަބަކީ މިދިޔަ ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްތިޢުމާރީ އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައެވެ.
އެ ހަނގުރާމައިގެ ސަބަބުން ތެލާއި ގޭސް ދައުރުވުމުގައި ދުނިޔޭގެ އެންމެ މުހިންމު އެއް މަގު ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅީގައި ބޮޑެތި އަސްކަރީ ހުރަސްތައް ވަނީ ކުރިމަތިވެފައެވެ. މި ހާލަތުގެ ސަބަބުން އަވައްޓެރި ލަންކާއާއި ޕާކިސްތާނުގައިވެސް ގޭހާއި ތެލުގެ އަގު ރާއްޖެއަށް ވުރެ ކުރިން ބޮޑުކޮށްފައިވެއެވެ.
ރާއްޖޭގައި ގޭސް ރައްކާކުރެވޭ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރުވެސް ކުރިއަށް ގެންދެއެވެ. އެ މަޝްރޫޢު ނިމުމުން ތިން މަސް ދުވަހުގެ ގޭސް އެއް ފަހަރާ ރައްކާކުރެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް