ޓްރަމްޕްގެ ޕާޓީ ބަލިވުމުން އީލޮން މަސްކަށް 446 މިލިއަން ޑޮލަރުގެ ގެއްލުން ވެއްޖެ

04 Nov 2026 | 12:44
އީލޮން މަސްކާއި ޑޮނަލްޑް ޓްރަމްޕް --

އީލޮން މަސްކާއި ޑޮނަލްޑް ޓްރަމްޕް --

އެމެރިކާގެ 2026 ވަނަ އަހަރުގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ބޮޑު ނާކާމިޔާބީއެއް ލިބިފައިވާއިރު، އެ ޕާޓީގެ ކެމްޕެއިނަށް އެންމެ ގިނައިން ފައިސާ ހޭދަކުރި އީލޮން މަސްކް ސޯޝަލް މީޑިއާގައި އެކަމާ މެދު ސަމާސާ ބަހެއް ބުނެފިއެވެ.

އަންގާރަ ދުވަހު ބޭއްވި ވޯޓުގައި ޑެމޮކްރެޓުން ވަނީ ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓެޓިވްސް ކޮންޓްރޯލް އަތުލައި، ޒަމާނުއްސުރެ ރިޕަބްލިކަން ބާރުގަދަ ޓެކްސަސް އާއި ކެންސަސް ފަދަ ސްޓޭޓުތަކުން ވެސް ކާމިޔާބީ ހޯދައިފައެވެ.

ޓެސްލާ އާއި ސްޕޭސް އެކްސް ގެ ބާނީ މަސްކް، އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް ގައި ބުނީ މިފަހަރު އޭނާގެ އިންތިޚާބަށް ނުފޫޒު ފޯރުވާ ޖައްވީ ލޭޒަރުތައް މަސައްކަތެއް ނުކުރި ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން މަސްކް ވަނީ ރިޕަބްލިކަން ކެންޑިޑޭޓުންނަށް ތާއީދުކޮށް 446 މިލިއަން ޑޮލަރު ޚަރަދުކޮށް، އެ ޕާޓީގެ އެންމެ ބޮޑު ފައިސާ ހޭދަކުރި ފަރާތަށް ވެފައެވެ. އެ ފައިސާގެ ބޮޑު ބައެއް ދޫކުރީ އޭނާގެ އަމިއްލަ ޕޮލިޓިކަލް އެކްޝަން ކޮމިޓީ "އެމެރިކާ ޕެކް" އަށާއި ރިޕަބްލިކަން ޕާޓީއާ ގުޅިފައި އޮންނަ "ސެނެޓް ލީޑާޝިޕް ފަންޑް" (އެސްއެލްއެފް) ސުޕާ ޕެކް މެދުވެރިކޮށެވެ.

ޓެކްސަސްގެ ސެނެޓް ރޭހުގައި ރިޕަބްލިކަން ކެންޑިޑޭޓް ކެން ޕެކްސްޓަން އަށް އެސްއެލްއެފް މެދުވެރިކޮށް މަސްކް 158 މިލިއަން ޑޮލަރު ހޭދަކުރި ނަމަވެސް، ޑެމޮކްރެޓް ޖޭމްސް ޓަލަރީކޯ ވަނީ ޕެކްސްޓަން ބަލިކޮށްފައެވެ. ޓެކްސަސް އެމެރިކާގެ އާޓިފިޝަލް އިންޓެލިޖެންސް ސިނާޢަތުގެ މައި މަރުކަޒަކަށް ހެދުމަށް ޑޭޓާ ސެންޓަރުތައް ބާރު ސްޕީޑުގައި ބިނާކުރުމުގެ ޕެކްސްޓަންގެ ވައުދާ ދެކޮޅަށް ވޯޓުލައި، ޓަލަރީކޯ ހުށަހެޅި ހަރުކަށި ރެގިއުލޭޝަންތަކާ ބެހޭ ސިޔާސަތަށް ވޯޓަރުން ތާއީދުކުރީއެވެ.

ހަމައެހެންމެ ޓެކްސަސްގެ ގަވަނަރުކަމުގެ ރޭހުގައި ވެސް ޑެމޮކްރެޓް ޖީނާ ހީނޮހޯސާ ވަނީ، މަސްކް ފަސް މިލިއަން ޑޮލަރު ހޭދަކުރި ރިޕަބްލިކަން ކެންޑިޑޭޓާ ވާދަކޮށް، މިހާރުގެ ގަވަނަރު ގްރެގް އެބޮޓް ބަލިކޮށްފައެވެ.

އެމެރިކާގައި ބިލިއަނަރުންގެ ބޮޑެތި ކެމްޕެއިން ޚަރަދުތައް ސިޔާސީ ހަގީގަތެއްގެ ގޮތުގައި ބެލެވެން ފެށީ 2010 ވަނަ އަހަރު ސުޕްރީމް ކޯޓުން ނެރުނު ނިންމުމަށް ފަހުއެވެ. އެ ނިންމުމުގައި ކޯޕަރޭޝަންތަކާއި ޔޫނިއަންތައް ފަދަ ޖަމާޢަތްތައް ކެންޑިޑޭޓުންނާ މިނިވަންކޮށް ޚަރަދުކުރާ ނަމަ، ސަރުކާރަށް ސިޔާސީ ހޭދައިގައި ހިފެހެއްޓުމެއް ނުގެނެވޭނެ ކަމަށް ކަނޑައެޅިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް