ޓްރަމްޕް އެންމެ ރުޅި އަންނަ އިލްހާން، ފަސް ވަނަ ދައުރަކަށް ކޮންގްރެސް ގޮނޑި ކާމިޔާބުކޮށްފި

04 Nov 2026 | 11:52
އިލްހާން އޮމަރު --

އިލްހާން އޮމަރު --

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ މިނެސޯޓާގެ ފިފްތު ޑިސްޓްރިކްޓުގެ ގޮނޑި ޑިމޮކްރެޓިކް ޕާޓީގެ އިލްހާން އޮމަރު ބޮޑު ތަފާތަކުން ކާމިޔާބުކޮށްފި އެވެ.

މިއީ އެ ގޮނޑި އޭނާ ޖެހިޖެހިގެން ކާމިޔާބު ކުރި ފަސް ވަނަ ދައުރެވެ.

ވަގުތީ ނަތީޖާތައް ދައްކާ ގޮތުން 44 އަހަރުގެ އިލްހާނަށް 263,000 އަށް ވުރެ ގިނަ ވޯޓު ލިބިފައިވާއިރު، އެއީ ޖުމްލަ ވޯޓުގެ 76.5 އިންސައްތައާއި 77 އިންސައްތައާ ދެމެދުގެ މިންވަރެކެވެ. ރިޕަބްލިކަން ޕާޓީން ވާދަކުރި ޖޯން ނޭގަލް އަށް ލިބުނީ 16 އިންސައްތަ ވޯޓެވެ. އަމިއްލަ ގޮތުން ވާދަކުރި ޑިވެލް އެލް ޖެކްސަން އަށް ލިބުނީ ހަތް އިންސައްތައެވެ.

މި އިންތިޚާބުގެ ކުރިން ޑޮނަލްޑް ޓްރަމްޕާއި އޭނާގެ ސަޕޯޓަރުން އިލްހާން ބަލިކުރުމުގެ މަޤުޞަދުގައި ވަރުގަދަ ކެމްޕެއިނެއް ހިންގިއެވެ. އިލްހާންގެ އިމިގްރޭޝަން ލިޔެކިޔުންތަކާ ގުޅިގެން ފެޑެރަލް ތަޙުޤީޤެއް ހިނގަމުންދާ ކަމަށް ބުނެ ޓްރަމްޕްގެ ފަރާތުން ބޮޑެތި ސިޔާސީ ހަމަލާތައް އިލްހާނަށް އަމާޒުކުރިއެވެ.

ނަމަވެސް އިލްހާން ބުނީ އެ ތަޙުޤީޤުތަކުގައި އެއްވެސް ބުރަދަނެއް ނެތް ކަމަށާއި، އެއީ ޓްރަމްޕްގެ ސަރުކާރުން ސިޔާސީ ބޭނުމެއްގައި ނަން ކިލަނބުކުރަން ހިންގާ ޕްރޮޕެގެންޑާއެއް ކަމަށެވެ.

މިނެސޯޓާގެ ފިފްތު ޑިސްޓްރިކްޓަކީ މިނިއާޕޮލިސް އާއި ވަށައިގެންވާ އަވަށްތައް ހިމެނޭ، ޒަމާނުއްސުރެ ޑިމޮކްރެޓިކް ޕާޓީގެ ވަރުގަދަ ބާރެއް އޮންނަ ސަރަޙައްދެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް