އިންޑިއާގެ ކުންފުންޏަކުން ހަދިޔާއަށް މުވައްޒަފުންނަށް އައިފޯން ދީގެން މަޝްހޫރުކަން ހޯދައިފި!

04 Nov 2026 | 10:30
އައިފޯނު ދިނުމުން މުވައްޒަފުން އުފާފާޅު ކުރަނީ --

އައިފޯނު ދިނުމުން މުވައްޒަފުން އުފާފާޅު ކުރަނީ --

އިންޑިއާގެ ދިއްލީގައި ހިންގާ ކުންފުންޏަކުން އެ ތަނުގެ މުވައްޒަފުންނަށް ދިވާލީ ހަދިޔާގެ ގޮތުގައި އައިފޯން 16 ދީގެން މަޝްހޫރުކަން ހޯދައިފި އެވެ.

އެ ކުންފުނިން ސޯޝަލް މީޑީއާގައި އާންމު ކުރި 15 ސިކުންތުގެ ވީޑިއޯގައި ފެންނަނީ މުވައްޒަފުންގެ ޑެސްކުތައް މަތީ ކޮމްޕިއުޓަރުތަކުގެ ކުރިމަތީގައި ހުދާއި ފެއްސާއި ނޫ އަދި ކަޅު ކުލައިގެ އައިފޯނުތައް ބަހައްޓާފައި ހުރި މަންޒަރެވެ. ވީޑިއޯގެ ފަހުކޮޅުގައި ބައެއް އަންހެން މުވައްޒަފުން ހަދިޔާ ލިބުމުން އުފަލުން ހީނލައި ހިތްހަމަޖެހުން ފާޅުކުރާ ތަން ފެނެއެވެ.

ވީޑިއޯ ޕޯސްޓުކޮށްފައިވަނީ ކުންފުނީގެ ރަސްމީ އެކައުންޓުން ކަމަށްވެ އެވެ. އެ ކުންފުންޏަކީ ލޯނާއި އެނޫންވެސް ފައިނޭންޝިއަލް ހިދުމަތްތައް ދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެކެވެ،

އެ ވީޑިއޯއާއި ގުޅިގެން ގިނަ ބަޔަކު ވަނީ އިންޓަނެޓްގައި އެއީ އޭއައި ވީޑިއޯއެއް ކަމަށް ބުނެ ވާހަކަ ދައްކާފައި އެވެ. ނަމަވެސް އެ ކުންފުނިން ވަނީ ތަކުރާރުކޮށް ވީޑިއޯ ބެލުމުން އެއީ އޭއައި ވީޑިއޯއެއް ނޫންކަން ޔަގީން ވާނެ ކަމަށެވެ.

މިހާ ކުޑަ ކުންފުންޏެއްގެ މުވައްޒަފުންނަށް އިންޑިއާގައި ފާހަގަ ކުރާ އީދު ކަމަށްވާ ދިވާލީގައި މިހާ ބޮޑު ހަދިޔާއެއް ދިން މިއީ ފުރަތަމަ ފަހަރު ކަމަށް ވެދާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް ބޮޑެތި ކުންފުނިތަކުން މީގެ ކުރިން ވަނީ ހުރިހާ މުވައްޒަފުންނަށް ކާރު ފަދަ ހަދިޔާވެސް ދީފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް