އަހުމަދު ސަލީމް -- ފޮޓޯ: މަޖިލީސް
2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުން އެކުލަވައިލި ވަގުތީ ކޮމިޓީގެ މުގައްރިރަކަށް މަޖިލީހުގެ ނައިބުރައީސް އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ހޮވައިފިއެވެ.
މިއަދުގެ ބައްދަލުވުމުގައި ސަލީމް މުގައްރިރަކަށް އައްޔަންކުރަން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް އެ ހުށަހެޅުމަށް ތާއީދުކުރެއްވިއިރު، ކޮމިޓީގައި އެ ވަގުތު ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުން އެ ހުށަހެޅުން ފާސްކޮށްފައިވެއެވެ. ކޮމިޓީގެ ނައިބު މުގައްރިރަކަށް ހޮވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ.
މާލިއްޔަތު ކޮމިޓީ އާއި އިގުތިސާދީ ކޮމިޓީ އެއްކޮށްލައިގެން ބަޖެޓް ދިރާސާކުރާ ގޮތަށް ކަނޑައެޅުއްވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިދިޔަ ބުރާސްފަތި ދުވަހު ބަޖެޓް މަޖިލީހަށް ހުށަހެޅުއްވުމާ ގުޅިގެން ރިޔާސަތުން އެ ނިންމެވުން ނިންމެވީއެވެ.
ސަރުކާރުން އަންނަ އަހަރަށް ހުށަހެޅީ 59.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި އަހަރު ކަނޑައެޅި 64.2 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު 4.5 ބިލިއަން ރުފިޔާ ކުޑަ ނަމަވެސް، ބަޖެޓް ޑެފިސިޓް 9.4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވެއެވެ. މި އަހަރުގެ ޑެފިސިޓް ހުރީ 7.5 ބިލިއަން ރުފިޔާގައި ކަމަށް ވާތީ، އެއީ 1.9 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
ބަޖެޓުގެ ޖުމްލައަކީ ޖީޑީޕީގެ ނިސްބަތުން 46.1 އިންސައްތައެވެ. ކޮވިޑުގެ ބަލިމަޑުކަމުގެ ދުވަސްވަރު ފިޔަވައި، ފާއިތުވި 10 އަހަރު ދައުލަތުގެ ބަޖެޓް ދިޔައީ އަހަރުން އަހަރަށް ބޮޑުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް