ނައުޝާދު ރޭގައި މިސްކިތުގައި ނިދާފައި - ދުވަސް ފޮޓޯ: ކިޔުންތެރިއެއް
މިސްކިތަކަށް ގެއްލުންދިން މައްސަލައިގައި ޖަލު ހުކުމެއް އިއްވި މީހާ، ބަންދުގައި ހޭދަކުރި މުއްދަތު އަދަބުން އުނިކުރުމާ ގުޅިގެން ދޫކޮށްލައިފި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، ގ. މާލެހިޔާ 2 02-13 / މާލެ، ނައުޝާދު މޫސާގެ މައްޗަށް ކުށް ސާބިތުވެ، މި މަހުގެ 1 ވަނަ ދުވަހު ކްރިމިނަލް ކޯޓުން 1 މަހާއި 15 ދުވަހުގެ ޖަލު ހުކުމެއް އިއްވި ކަމަށެވެ. ނަމަވެސް ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ކުރި އަމުރުގެ ދަށުން އޭނާ 1 މަހާއި 21 ދުވަސް ބަންދުގައި ހޭދަކޮށްފައިވާތީ، ތަންފީޒުކުރަންޖެހޭ އިތުރު ޖަލު އަދަބެއް ނެތް ކަމަށް ކޯޓުން ކަނޑައަޅައިފިއެވެ. އެހެންކަމުން، އޭނާ ބަންދުގައި ބެހެއްޓުމަށް ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލުކޮށްފައިވާކަމަށެވެ.
ދުވަހަށް އެނގިފައިވާ ގޮތުގައި، ބަންދުން ދޫކޮށްލުމާއެކު، ރޭގެ ވަގުތެއްގައި ނައުޝާދު އަނެއްކާވެސް ފުރުގާން މިސްކިތަށް ވަދެ، އެތަނުގައި ނިދާފައިވެއެވެ. 32 އަހަރުގެ ނައުޝާދަކީ ތަކުރާރުކޮށް މިސްކިތުގެ ޙުރުމަތް ކަނޑައި ގެއްލުންދޭ މީހެއް ކަމަށްވާއިރު، އޭނާ ދޫކޮށްލާފައި ހުރުމާ މެދު އާންމުން ކަންބޮޑުވެއެވެ.
ކުރިން ނައުޝާދު ހައްޔަރުކުރީ ފަތިހު 4:14 ހާއިރު ފުރުގާން މިސްކިތަށް ވަދެ، މިސްކިތަށް ބޮޑުކަމުގޮސް، މިސްކިތުގެ ޙުރުމަތް ކެނޑޭފަދަ އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތަކެއް ހިންގި މައްސަލައިގައެވެ. ފުރަތަމަ ކޯޓަށް ހާޒިރުކުރުމުން އޭނާ 15 ދުވަހަށް ބަންދަށް ދިނެވެ. އެ މުއްދަތު ހަމަވުމުން، ޝަރީޢަތް ނިމެންދެން ބަންދުކުރިއެވެ. ހުކުމް ކުރިއިރު، އޭނާ ކުށަށް އިޢުތިރާފުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް