ޕީއެންސީ ސަރުކާރު 15 އަހަރަށް ދެމިއްޖެނަމަ ޑޮލަރުގެ އަގު ހުންނާނީ 10 ރުފިޔާގައި: ފަލާހް

04 Nov 2026 | 07:42
ޕީއެންސީ ސަރުކާރު 15 އަހަރަށް ދެމިއްޖެނަމަ ޑޮލަރުގެ އަގު ހުންނާނީ 10 ރުފިޔާގައި: ފަލާހް

މި ސަރުކާރަށް 10 ނުވަތަ 15 އަހަރު ވެރިކަންކުރުމުގެ ފުރުޞަތު ލިބިއްޖެނަމަ ޑޮލަރުގެ ރޭޓް 10ރ. އަށް ތިރިވާނެ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

ޢޭނާ މިހެން ވިދާޅުވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރުނެތް ކަމަށް ހުށަހެޅުނު މައްސަލައިގަ މިއަދު މަޖިލީހުގައި ބަހުސް ކުރައްވަމުންނެވެ.

ފަލާހު ވިދާޅުވީ ޑޮލަރުގެ އަގު މައްޗަށް ޖެހުނީ ކުރީގެ އެމްޑީޕީ ސަރުކާރުން ފައިސާ ޗާޕްކުރުން ފަދަ އިޤުތިޞާދީ ސިޔާސަތުތައް ތަންފީޒުކުރުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ. އެ ދައުރުގައި ދައުލަތަށް ވަތް އާމްދަނީގެ ބޮޑު ބައެއް ކޮރަޕްޝަނުގެ ތެރެއިން ގެއްލިފައިވާ ކަމަށެވެ.

އަދި ނެގި ލޯނުތަކުން އެއްވެސް ފައިދާހުރި މަސައްކަތެއް ހިންގާފައި ނުވާ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވިއެވެ.

ފަލާހުގެ ޢަންދާޒާގައި ވިދާޅުވީ 10 ވަރަކަށް ނުވަތަ 15 ވަރަކަށް އަހަރަށް ޕީއެންސީގެ ސަރުކާރެއް ދެމިގެން ގޮސްފި ނަމަ ޑޮލަރުގެ އަގު ހުންނާނީ 10 ރުފިޔާގައި ކަމަށެވެ.

"ތާކުންތާކު ނުޖެހޭ ގޮތަށް އިގުތިސާދީ ކަންތައްތައް ކުރީމާ ވާނީ މިހެން. އިއްޒަތްތެރި ރައީސް، މިއީ ޑޮލަރަށާއި އޭތި މީއްޗަށް ބަދަލު އަންނަ ސަބަބު. އަޅުގަނޑުމެންގެ މި ވެރިކަން އިރާދަފުޅުކުރެއްވިއްޔާ ދެމިގެން މިހެން ގޮސް ދުވަސްތަކަކަށް، 10 ވަރަކަށް 15 ވަރަކަށް އަހަރަކަށް ދެމިގެން ގޮސްފިއްޔާ ޑޮލަރު ހުންނާނީ 10 އަކަށް، 10 ގައި" ފަލާހު ވިދާޅުވިއެވެ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގަ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ފާހަގަކޮށްފައިވާ ފަސް ޕޮއިންޓުގެ ތެރޭގައިވެސް ޑޮލަރުގެ އަގު އިންތިހާއަށް އުފުލުމުގެ ޒިންމާ މިނިސްޓަރު ނަންގަވަން ޖެހޭކަން ހިމެނެ އެވެ.

އެކަމާއި ގުޅޭގޮތުން މިއަދު ޖަލްސާގައި ޖަވާބުދާރީވެވަޑައިގެންނަވަމުން ސައީދު ވިދާޅުވީ ބޭރު ފައިސާގެ ރޭޓް ކަނޑައެޅުމުގެ ޒިންމާ ޤާނޫނީ ގޮތުން އޮންނަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ކަމަށެވެ. އެހެންނަމަވެސް ތަފާސްހިސާބުތަކުން ޖަވާބު ދެއްވާނެ ކަމަށް ވިދާޅުވެ، މިނިސްޓަރު ހާމަކުރެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި 2021 ވަނަ އަހަރުން ފެށިގެން އެ ދައުރު ނިމެންދެން ރަސްމީ ރޭޓުގައި ދޫކޮށްފައިވަނީ 1.75 ބިލިއަން ޑޮލަރު ކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ގާތްގަނޑަކަށް ތިން އަހަރު ތެރޭގައި ރަސްމީ ރޭޓުން 1.9 ބިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ. އެއީ ކުރީ ސަރުކާރާ އަޅައިބަލާއިރު 80 އިންސައްތައިގެ އިތުރުވުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް