ސައީދު މަޖިލީހަށް ޖަވާޞުދާރީވެވަޑައިގެންނަވަނީ -- ފޮޓޯ: މަޖިލީސް
ކުރީ ސަރުކާރާ އަޅައިބަލާއިރު ރަސްމީ ރޭޓުގައި ޑޮލަރު ދޫކުރި މިންވަރު 80 އިންސައްތަ އިތުރުވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އޭނާއާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލައިގައި މިއަދު ޖަވާބުދާރީވެވަޑައިގަންނަވަމުން ދެއްކެވި ވާހަކައިގަ އެވެ.
އެމްޑީޕީގެ 13 މެންބަރަކު ސޮއިކުރައްވައި މަޖިލީހަށް ހުށަހެޅުއްވި އެ މައްސަލައަށް ރައްދުދެއްވައި މިނިސްޓަރު ވިދާޅުވީ، ބޭރު ފައިސާގެ އެކްސްޗޭންޖް ރޭޓާ ގުޅޭ ސިޔާސަތު ކަނޑައެޅުމުގެ ޒިންމާ ޤާނޫނީ ގޮތުން އެޅިފައި އޮތީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ކަމަށެވެ. އެހެންނަމަވެސް އެ ސުވާލު އޭނާއާ ކުރެވޭތީ ތަފާސްހިސާބުތައް ހިއްސާކުރެއްވިއެވެ.
ސައީދު ވިދާޅުވި ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2021 އިން ފެށިގެން 17 ނޮވެމްބަރު 2023 އާ ހަމައަށް ރަސްމީ ރޭޓުން ދޫކުރީ 1.75 ބިލިއަން ޑޮލަރެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ގާތްގަނޑަކަށް ތިން އަހަރު ތެރޭ އެ ޢަދަދު 1.9 ބިލިއަން ޑޮލަރަށް އެރި ކަމަށް ވެސް ވިދާޅުވިއެވެ.
ދެހާސް ސައްވީސް ވަނަ އަހަރު އެކަނި 483.53 މިލިއަން އެމެރިކާ ޑޮލަރު ރަސްމީ ރޭޓް، 15.42 ގެ ރޭޓްގައި ދޫކޮށްފައި ވޭ. އެއީ 2012 އާ އަޅާ ބަލާއިރު 97 ޕަސެންޓް ބޮޑުވުމެއް. ދެން 2025 ވަނަ އަހަރަށް ބަލާއިރު މި ދެންނެވި ބާވަތްތަކަށް [ވިޔަފާރިތަކަށް ދޫކުރި ޓީޓީ އާއި ބޭރުގައި ކިޔަވާ ދަރިވަރުންނަށާއި ބޭހަށް ފުރާ މީހުންނަށް ދޫކުރި ޑޮލަރު] 733.82 މިލިއަން އެމެރިކާ ޑޮލަރު ދޫކުރެވިފައި އެބަވޭ. ދެހާސް ސައްބީސް ވަނަ އަހަރުގެ މިހާ ހިސާބަށް 718.53 މިލިއަން އެމެރިކާ ޑޮލަރު، ޖުމްލަ 1.9 ބިިލިއަން 1.942.45 މިލިއަން އެމެރިކާ ޑޮލަރު މިސަރުކާރުން ދޫކޮށްފައި އެބަ އޮތް. މީގެ މާނައަކީ 80 ޕަސެންޓްގެ އިތުރުވުމެއް މިއޮތީ އައިސްފައި،" ސައީދު ވިދާޅުވިއެވެ.
ކުރީ ސަރުކާރުގެ ފަހު ތިން އަހަރާ އަޅައިބަލާއިރު މި ސަރުކާރުގައި މަހެއްގެ މައްޗަށް ޑޮލަރު ދޫކުރި ނިސްބަތް ގާތްގަނޑަކަށް 97 އިންސައްތަ މައްޗަށް ގޮސްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. ޑޮލަރުގެ ދަތިކަން ބޮޑުވެފައިވާ ކަމަށް ކުރެވޭ ތުހުމަތު އޭނާ ސިފަކުރެއްވީ ދޮގު ތުހުމަތެއްގެ ގޮތުގައެވެ.
ޑޮލަރު ދޫކުރެވޭ މިންވަރު އެހާ ބޮޑަށް އިތުރުވީ، ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ވަކި ނިސްބަތެއް މާރުކުރަން ލާޒިމުކުރުން ފަދަ ފިޔަވަޅުތައް މި ސަރުކާރުން އެޅުމުން ކަމަށް ވެސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް