ވަޒީރު ސައީދުގެ އިތުބާރު ނެތް ކަމަށް ފާހެއް ނުވި

04 Nov 2026 | 05:35
މުހައްމަދު ސައީދު -- ފޮޓޯ: މަޖިލީސް

މުހައްމަދު ސައީދު -- ފޮޓޯ: މަޖިލީސް

އިޤްތިޞާދީ ތަރައްޤީ، ޓްރާންސްޕޯޓާއި ވިޔަފާރީގެ ވަޒީރު މުޙައްމަދު ސައީދު މަޤާމުން ވަކިކުރުމަށް އެދި އިދިކޮޅު އެމްޑީޕީން ހުށަހެޅި އިތުބާރު ނެތް ކަމުގެ ފާޑުކިޔުން، މިއަދު ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުން ފާހެއް ނުވިއެވެ.

ވަޒީރު ވަކިކުރުމާ ދެކޮޅަށް 54 މެމްބަރުން ވޯޓު ދެއްވިއިރު، ވަކިކުރުމާ އެއްކޮޅަށް ވޯޓު ދެއްވީ 10 މެމްބަރުންނެވެ.

މި ފާޑުކިޔުން ހުށަހެޅީ އޯގަސްޓު މަހު، އެމްޑީޕީގެ 13 މެމްބަރުން ސޮއިކޮށްގެންނެވެ. ފާޑުކިޔުމުގައި ވަޒީރާ ދެކޮޅަށް ހަ ތުހުމަތެއް ކޮށްފައިވެއެވެ. އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ޑޮލަރުގެ ކަޅު ބާޒާރުގެ ރޭޓު މައްޗަށް ދިޔުމާއި، ސަރުކާރުން އިޢުލާންކުރި ބޮޑެތި ޕްރޮޖެކްޓްތައް ހުއްޓިފައި އޮތުމާއި، ސްޕެޝަލް އިކޮނޮމިކް ޒޯން ޤާނޫނަށް ގެނައި ބަދަލުތަކުގެ ސަބަބުން ޤައުމުގެ ސިޔާދަތަށް ނުރައްކާވާ ކަމަށް ބުނާ ތުހުމަތެވެ. މީގެ އިތުރުން މަޖިލީހަށް ޖަވާބުދާރީ ނުވެވަޑައިގަތުމާއި، ވިޔަފާރިތައް ރައްކާތެރި ނުކުރެއްވުމާއި، ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގައި ފަރުވާކުޑަކުރެއްވުން ހިމެނެއެވެ.

މިހާރުގެ މަޖިލީހުގައި ސަރުކާރު ޕާޓީ ޕީއެންސީއަށް ބޮޑު އަޣުލަބިއްޔާއެއް ލިބިފައިވާއިރު، އެމްޑީޕީގެ މެމްބަރުންގެ ޢަދަދަކީ 13 އެވެ. ވަޒީރު ސައީދަކީ ރައީސް ޢަބްދުﷲ ޔާމީނުގެ ދައުރުގައި ވެސް އިޤްތިޞާދީ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. 2023 ވަނަ އަހަރު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމާއެކު ސައީދު އަލުން މި މަޤާމަށް ޢައްޔަންކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް