ބަޖެޓު 2020: 20،000 ހައުސިން ޔުނިޓަށް 600 މިލިއަން ރުފިޔާ

ދިވެހި ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސް ދިނުމަށްޓަކައި ސަރުކާރުން މިއަހަރުގެ ތެރޭގައި ތައާރަފުކުރި ސްޓްރެޓިޖިކް އެކްޝަން ޕްލޭންގައިވާ ހިމަނާފައިވާ ރާއްޖޭގެ...

04 Nov 2019 | 06:32

ދިވެހި ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސް ދިނުމަށްޓަކައި ސަރުކާރުން މިއަހަރުގެ ތެރޭގައި ތައާރަފުކުރި ސްޓްރެޓިޖިކް އެކްޝަން ޕްލޭންގައިވާ ހިމަނާފައިވާ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަޅާ 20،000 ހައުސިން ޔުނިޓްގެ މަޝްރޫއު ފެށުމަށްޓަކައި އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓްގައި 600 މިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރުގެ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، 20،000 ސޯޝަލް ހައުސިން ޔުނިޓު ޕްރޮގްރާމަކީ ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސްދޭނެ ބޮޑު މަޝްރޫއުއެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރަށްރަށުގައި ކުރިއަށްގެންދާ ހައުސިން މަޝްރޫއުތަކަށް 359 މިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފައިވާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ 20،000 ހައުސިން ޔުނިޓުގެ ތެރެއިން ސަރުކާރުން ރާވާފައި ވަނީ އަންނަ އަހަރުގެ ތެރޭގައި 10،000 ހައުސިން ޔުނިޓުގެ މަސައްކަތް ފެށުމަށް ކަމަށެވެ.

މިފަދައިން ވިދާޅުވިއިރު މި މަސައްކަތްތައް ނުވަތަ ހައުސިން ޔުނިޓުތައް އެޅުމަށް ސަރުކާރުން ނިންމާފައިވަނީ ކޮންކޮން ރަށެއްގައި ކަމެއް މިނިސްޓަރު ވިދާޅެއްނުވެއެވެ.

މީގެ ކުރިން ރައީސް އޮފީހުން ބުނެފައިވަނީގެދޮރުއެޅުމަށް ފައިނޭންސްދޭ އިދާރާތަކާއި ފަހި ދިރިއުޅުން ކޯޕަރޭޝަނުންވެސް އެކި ސަރަހައްދުތަކުގައި ގެދޮރު އަޅާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް