މިދިޔަ ހޯމަ ދުވަހު އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ވަގަށް ނެގި ލެޕްޓޮޕްތައް ހޯދައި އަށް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އޮކްޓޯބަރ 29 ވަނަ ދުވަހުގެ 07:54 ގަ އިސްލާމިކް ޔުނިވާރސިޓީ އޮފް މޯލްޑިވްސް އިން އެތަނުގެ ހަތަރު ވަނަ ފަނގިފިލާގައި ހުރި ލެޕްޓޮޕްތަކެއް ވަގަށް ގެންގޮސްފައި ކަމަށް ބުނެ ހުށަހެޅި މައްސަލައާ ގުޅިގެން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަގަށް ނަގާފައިވާ ލެޕްޓޮޕްތަކާއި ބައެއް އިލެކްޓްރޯނިކް ސާމާނު ވަނީ ހޯދާފައި ކަމަށެވެ.
"މި މައްސަލައާ ގުޅިގެން ދިވެހި ތިން ފިރިހެނަކާއި ފަސް ބިދޭސީއެއް ވަނީ ހައްޔަރުކޮށްފައި. މި މައްސަލާގައި ހައްޔަރު ކުރި 3 ދިވެހި ފިރިހެނުންނަށް ވަނީ 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައި." ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލާގައި ހައްޔަރު ކުރި ފަސް ބިދޭސީންނަކީ ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާ ޚިލާފަށް އުޅެމުންދާ ބަޔަކަށްވާތީ މި ފަސް ބިދޭސީން އިމިގްރޭޝަނާ ހަވާލުކުރުމަށް ވަނީ ނިންމާފައި ކަމަށެވެ.
މީގެ އިތުރުން އެސްޓާސްއިން ހުށަހަޅާފައިވާ ލެޕްޓޮޕްތަކެއް ވަގަށްނަގާފައިވާ މައްސަލާގައި އެސްޓާސް ފިހާރަ ތެރެއިން 39 އަހަރުގެ ދިވެހި ފިރިހެނެއް އޮކްޓޯބަރ 29 ވަނަ ދުވަހު ވަނީ ހައްޔަރު ކޮށްފައި ކަމަށާއި އަދި މި މައްސަލާގައި ހައްޔަރު ކުރި 39 އަހަރުގެ މީހާއަށް ވަނީ 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް