މަހްލޫފް ހައްޔަރުކުރީ ގާނޫނާއި ހިލާފަށް ކަމަށް ހައި ކޯޓުން ކަނޑައަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް، މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒުތަކ...

04 Nov 2018 | 07:14

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް، މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒުތަކާއިބެހޭ ގާނޫނާއި ހިލާފަށް ކަމުގައި ހައި ކޯޓުން ކަނޑައަޅައިފިއެވެ.

މިގޮތަށް ހައި ކޯޓުން ކަނޑައަޅާފައިވަނީ އޭނާ ހައްޔަރު ކުރުމަށް ނެރުނު އަމްރުގެ މައްސަލަ އޭނާގެ ފަރާތުން އިސްތިއުނާފު ކުރުމުން އެ މައްސަލައިގާ މިއަދު ބޭއްވި ކޯޓު ޝެޝަންގައެވެ.

22 ފެބްރުއަރީ 2018ގައި މަހްލޫފް ހައްޔަރުކޮށްފައިވަނީ އެމްޑީޕީ ހަރުގެ ސަރަހައްދުގައި ކުރިއަށްދިޔަ އެއްވުމުގެއްގެ ތެރޭގައި މާސްކު ބަހަން ހުއްޓައެވެ. އެ މައްސަލައިގާ މަހްލޫފް ހައްޔަރުކޮށް 43 ދުވަހު ޖަލުގައި ބަހައްޓާފައިވެއެވެ. އެ މައްސައިގާ އޭނާގެ މައްޗަށް އުފުލާފައިވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅުމުގެ ދައުވާއެވެ.

މަހްލޫފް ހައްޔަރުކުރީ ގާނޫނާއި ހިލާފަށް ކަމަށް ހައި ކޯޓުން މިއަދު ކަނޑައަޅާފައިވާއިރު ރައީސް ޔާމީންގެވެރިކަމުގައި މަހްލޫފްގެ މައްޗަށް ދެ ދައުވާއެއް ސާބިތުވެ ޖަލު ހުކުމްތަކެއް ތަންފީޒު ކުރެއްވިއެވެ. އެގޮތުން ފުލުހުންނަށް ފިލަން މަސައްކަތްކުރި މައްސަލައިގާ އުފުލި ދައުވާގައި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް މަހްލޫފްގެ މައްޗަށް އިއްވިއެވެ. އަދި ފުލުހުން ބެރިކޭޑް ޖަހައި ބަންދުކޮށްފައިވާ ސަރަހައްދަކަށް ހުއްދަ ނުހޯދާ ވަދެފައިވާ ކަމަށް ބުނާ މައްސަލައެއްގައި، ފުލުހުންނަށް ދަތިކުރުމުގެ ދައުވާ ސާބިތުވާކަމަށް ނިންމާ ހަ މަސް ދުވަހުގެ ޖަލު ހުކުމެއް ވެސް އޭނާ ވަނީ ތަންފީޒުކޮށް ނިންމާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް