ކުއްލި ހާލަތު އިއުލާނު ކުރެއްވުމުން، ގައުމުގެ ހާލަތު ދާނޭ އެންމެ ދަށަށް ހިނގައްޖެކަން އަންގައިދޭ: އެމްޑީޕީ

ކުއްލި ހާލަތު އިއުލާނު ކުރެއްވުމުން، ގައުމުގެ ހާލަތު ދާނޭ އެންމެ ދަށަށް ހިނގައްޖެކަން އަންގައިދޭ ކަމަށް އިދިކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީން ބުނެފި އެވެ. އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް...

04 Nov 2015 | 15:12

ކުއްލި ހާލަތު އިއުލާނު ކުރެއްވުމުން، ގައުމުގެ ހާލަތު ދާނޭ އެންމެ ދަށަށް ހިނގައްޖެކަން އަންގައިދޭ ކަމަށް އިދިކޮޅު ސިޔާސީ ޕާޓީ، އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމްގެ ސަރުކާރަށް ދެ އަހަރު ނުވަނީސް ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރައްވައިގެން ވެރިކަން ކުރެއްވުމުގެ ޙާލަތަށް ދިވެހިރާއްޖެ ގަންބަވާލައްވާފައިވާތީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރާ ކަމަށެވެ.

"ކުއްލި ނުރައްކަލުގެ ޙާލަތު މިއަދު މެންދުރު 12:00 އިން ފެށިގެން ޤާއިމުކުރައްވާފައިވާކަން އިޢުލާންކުރެއްވުމުގައި ވެސް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ޙައިޞިއްޔަތުން ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ރައްޔިތުންނަށް ފެނިވަޑައިގެން މުޚާތަބުކުރައްވާފައި ނުވާކަން ފާހަގަކުރަމެވެ. ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުން ފަދަ ބޮޑު ފިޔަވަޅެއް މުޅި ޤައުމާމެދު އެޅުއްވުމުގައި ރައްޔިތުންނާ މުޚާތަބުކުރައްވަން ޖެހިވަޑައިގަންނަވާނީ ސީދާ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ދެކެމު، އަދި މި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރައްވާފައިވަނީ ރާއްޖޭގެ ވަކި ސަރަޙައްދެއްގެ ބަދަލުގައި ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިކަމާއި، އަދި އެންމެ ދިގު މުއްދަތުކަމަށް ޤާނޫނު އަސާސީގައި ބުނާ 30 ދުވަހުގެ މުއްދަތައްކަން ކަންބޮޑުވުމާއެކު ފާހަގަކުރަމު" އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ މުޅި ޤައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރެއްވުމަކީ ޤައުމުގެ ޙާލަތު ދާނޭ އެންމެ ދަށަށް ހިނގައްޖެކަން އަންގައިދޭ އެންމެ ވަރުގަދު ހެއްކެއް ކަމަށެވެ. އަދި ރާއްޖެއަށް މިޙާލަތު ކުރިމަތިވެފައި މިވަނީ ސިދާ ރައީސް ޢަބްދުﷲ ޔާމިންގެ ނާޤާބިލުކަމުންނާއި އަދި ރައްޔިތުންގެ ތާޢީދު ނެތި ވެރިކަން ކުރައްވަން އުޅުއްވުމުން ކަމަށާއި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރެއްވުމަކީ މި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ މޫސުމުގައި ފަތުރުވެރިން ޒިޔާރަތްކުރުން ވަރަށް މަތީ ދަރަޖައަކަށް ހުއްޓިގެންދާނޭކަމެވެ. އަދި އިންވެސްޓަރުން އިންތިހާއަށް ފެއަށްޖެހޭނޭ ކަމެއް ކަމަށް އެ ބަޔާނުގައި ވެ އެވެ.

"ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރެއްވުމާއެކު ޤާނޫނު އަސާސީގައިވާ ގިނަގުނަ އަސާސީ ޙައްޤުތަކެއް އެވަނީ ހިފެހެއްޓިފައި، އަދި އެއީ ރައްޔިތަކަށް ދިމާވާނެ އެންމެ ކަންބޮޑުވާންޖެހޭ ޙާލަތެއް، އަދި މިގޮތުން ޙައްޤުތައް ހިފެހެއްޓިފައިވާއިރު، ހިފެހެއްޓިދާނޭ ކަންކަމުގެ ތެރޭގައި ނުހިމެނޭ ޤާނޫނު އަސާސީގެ މާއްދާއެއްކަމުގައިވާ 100 ވަނަ މާއްދާގެ (ރ) ހިމަނުއްވައި އަދި އެ މާއްދާއަށް ބަދަލުގެންނަވާފައިވާކަން ކަންބޮޑުވުމަކާއެކު ފާހަގަކުރަމު، މި މާއްދާގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގައި ދޭންޖެހޭ 14 ދުވަހުގެ ނޯޓިސް ދިނުމުގެ ވާހަކަ އެވެ. ނަމަވެސް އެ މާއްދާ ނުހިމެނުވޭނޭ އިރުވެސް އެމާއްދާ ހިމަނުއްވައި، އަދި 14 ދުވަސް ކަމުގައި އޮތްތަން 7 ދުވަހަށް ބަދަލުކުރައްވާފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމު" އެ ބަޔާނުގައި ވެ އެވެ.

އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މިއަދު އިޢުލާނުކުރެއްވި ކުއްލި ނުރައްކަލުގެ ޙާލަތު އެގޮތަށް އިޢުލާނުކުރައްވާފައި އެވަނީ ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ދެމެދު އޮތް ސިޔާސީ މައްސަލަތަކެއްގެ ތެރެއިންކަމަށް ދެކޭ ކަމަށެވެ. އަދި މިރާއްޖޭގެ ޤާނޫނު އަސާސީގެ މާއްދާތައް ސަސްޕެންޑްކުރައްވައި، ރައްޔިތުންގެ އަސާސީ ޙައްޤުތައް ހިފަހައްޓަވައި، އަދި ރާއްޖޭގެ އިޤުތިސާދައް ބޮޑެތި ގެއްލުންކުރުވަނިވި މިފަދަ ކަންކަމަކީ ސިޔާސީ ފައިދާއެއް ނެންގެވުމަށްޓަކައި އެއްގޮތަކަށް ވެސް ކުރަންވާވަރުގެ ކަންކަމެއް ނޫންކަމަށް މި ޕާރޓީން ދެކޭ ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް