ބައެއްގެ އަތުގައި އަދިވެސް އިތުރު ހަތިޔާރު ހުރުމަކީ އެކަށީގެންވާ ކަމެއްކަމަށް ސިފައިންނާއި ފުލުހުން މިއަދު ބުނެފިއެވެ.
ރާއްޖޭގެ ބައެއް ތަންތަނުން ހަނގުރާމަވެރި ހަތިޔާރުތަކެއް ފެނިފައިވާ މި ދަނޑިވަޅުގައި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ކުރިން ސިފައިންނާއި ފުލުހުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއެންޑީއެފްގެ ކެޕްޓަން އަލީ އިހުސާން ވިދާޅުވީ އާންމު ބައެއްގެ އަތުގައި އިތުރު ހަތިޔާރުތަކެއް ހުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ސިފައިންނާއި ފުލުހުންނަށް ގަބޫލުކުރެވޭ ކަމަށެވެ.
އަދި އޭގެ ސަބަބުން ރައްޔިތުންނާއި ޤައުމުގެ ސަލާމަތަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިހުސާން އިތުރަށް ވިދާޅުވީ މި އެއްޗެހިތައް އާންމު ރައްޔިތުންތަކަކަށް ނުވަތަ އާންމު ގިނަ ބަޔަކަށް އެއްފަހަރާ ގެއްލުން ދިނުމުގެ ނިޔަތުގައި ބޭނުންކުރާ ނުވަތަ ބޭނުންކުރަމުން ގެންދާނެ ކަމަށް ކަށަވަރު ކުރެވޭ ކަމަށާއި އެ ހަތިޔާރުތައް ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުން އަންނަ ކަމަށެވެ.
އަދި އެފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށްވެސް އެނާ ވިދާޅުވިއެވެ.
ފުލުހުންނާއި ސިފައިން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ ފޮރުވައިގެން ގެންގުޅޭ ހަތިޔާރުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެކި ތަންތަނުން މިހާރުވެސް ހަތިޔާރު ފެނިފައި ވާތީ އެއިން އެނގެނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑަށް ނުރައްކާވެފައިވާކަން ކަމަށެވެ.
ހަތިޔާރާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެކަން ފުލުހުންނަށް އެންގުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.
ބ. ހިބަޅިދޫ އިން ހަނގުރާމަވެރި ހަތިޔާރާއި ގޮވާ ތަކެތި އުފައްދަން ބޭނުންކުރާ އެއްޗެހިތަކެއް ސިފައިން ވަނީ ހޯދާފައިވާ އިރު، މުލިއާގޭގެ ކައިރީގައިި ޕާކްކޮށްފައި އޮތް ވެހިކަލެއްގެ ތެރެއިން ގޮވާ އެއްޗެއް ފެނި، އޭގެ ބާރު ކަނޑުވާލާފައިވާ ކަމަށް ސިފައިންނާއި ފުލުހުން އިއްޔެ ރޭ ވަނީ އިއުލާންކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް