ގަދަކަމުން ބަދުއަހުލާގީ އަމަލުހިންގަން އުޅުމުން ފަތުރުވެރިއަކު އަމިއްލަ ދިފާއުގައި ބިދޭސީއަކަށް ހަމަލާ ދީފި

ބ އަތޮޅުގައި އޮންނަ ސޮނެވާފުށި ރިސޯޓުގައި ޗުއްޓީ ހޭދަކޮށްލަމުންދިޔަ އަންހެން ފަތުރުވެރިޔަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގަން މަސައްކަތްކުރުމުން ފަތުރުވެރިޔާ އޭނާގެ ދިފާއުގައި ބިދޭސީ މީހާއަށް ތޫ...

04 Nov 2015 | 06:04

ބ އަތޮޅުގައި އޮންނަ ސޮނެވާފުށި ރިސޯޓުގައި ޗުއްޓީ ހޭދަކޮށްލަމުންދިޔަ އަންހެން ފަތުރުވެރިޔަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގަން މަސައްކަތްކުރުމުން ފަތުރުވެރިޔާ އޭނާގެ ދިފާއުގައި ބިދޭސީ މީހާއަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މިކަން ހިނގާފައިވަނީ ހޯމަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެ ރިސޯޓްގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާ ގްރޫޕެއްގައި ހިމެނޭ ބިދޭސީ މީހާއަށް ފަތުރުވެރިޔާ ހަމަލާދިނީ އެ ފަތުރުވެރިޔާ އުޅޭ ކޮޓަރިއަށް ދަންވަރު ވަގުތު ވަދެ އެ ފަތުރުވެރިޔާއާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގަން އުޅުމުންނެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިފަދަ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލް އޮފިޝަލް ނުދެއްވަ އެވެ.

އެ ބިދޭސީ މީހާއަށް ބ އޭދަފުށީ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު އެ ހޮސްޕިޓަލްގެ ހިންގުމާއި ހަވާލުވެ ހުންނެވި އަހުމަދު ވަހީދު ވިދާޅުވީ އެ ބިދޭސީ މީހާ ހޮސްޕިޓަލަށް ގެނެސް ފަރވާ ދޭން ފަށާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށާއި ބިދޭސީ މީހާއަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށެވެ.

"މޭމަތިންނާއި މޫނުމަތިން ތޫނު އެއްޗަކުން ޒަހަމްކޮށްލާފައިވޭ، މޭމަތީގެ ބައެއް ޒަހަމްތައް ހުރީ ފުންކޮށް، މިހާރު ހާލު ސްޓޭބަލް، އިތުރު ފަރުވާއަށް މާލެ ފޮނުވާލަން ޑޮކްޓަރު ލަފާދޭ، ނަމަވެސް ބިދޭސީ މީހާ އަތުގައި އެއްވެސް ލިޔެކިޔުމެއް ނެތީމަ އަދި އެކަން ވާގޮތް ނުވޭ" އަހުމަދު ވަހީދު ވިދާޅުވި އެވެ.

ފަތުރުވެރިޔާގެ މައުލޫމާތު ސާފުވެފައި ނުވި ނަމަވެސް މިހާދިސާގައި ފަތުރުވެރިޔާގެ މޫނު މަތީގައި ކޮންމެވެސް ވަރެއްގެ ޒަހަމްތަކެއް ހުރި ކަމަށްވެސް ދުވަހަށް މައުލޫމާތު ލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް