ދުވާފަރުން އުނގޫފާރަށް ދަތުރުކުރި ފެރީއެއް އެކްސިޑެންޓްވެ ގިނަ ބަޔަކަށް އަނިޔާވެއްޖެ

ރ. ދުވާފަރުން އެއަތޮޅު އުނގޫފާރަށް ދަތުރުކުރި ފެރީއެއް އެކްސިޑެންޓްވެ ގިނަ ބަޔަކަށް އަނިޔާވެއްޖެ އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުއްނާސިރު އަލީ ވިދާޅުވީ މި އެކް...

04 Nov 2015 | 05:41

ރ. ދުވާފަރުން އެއަތޮޅު އުނގޫފާރަށް ދަތުރުކުރި ފެރީއެއް އެކްސިޑެންޓްވެ ގިނަ ބަޔަކަށް އަނިޔާވެއްޖެ އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުއްނާސިރު އަލީ ވިދާޅުވީ މި އެކްސިޑެންޓް ހިނގީ ހެނދުނު 9:30 ހާއިރު ކަމަށާއި އެކްސިޑެންޓް ހިނގި ވަގުތު ކައުންސިލް މެމްބަރުން ތިއްބެވީ ބައްދަލުވުމެއްގައިކަމުން މާ ބޮޑު ތަފްސީލެއް އަދި ނުލިބޭ ކަމަށެވެ.

" ގިނަ ބަޔަކަށް އަނިޔާލިބުނު ކަމަށް މައުލޫމާތު ލިބެނީ، ހޮސްޕިޓަލުން ފަރުވާ ހޯދަމުން ދަނީ، ދޯނީގެ ކެޕްޓަނު ހައްޔަރުކޮށްފައިވާކަމަށްވެސް މައުލޫމާތު ލިބޭ" ކައުންސިލް ރައީސް ވިދާޅުވި އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިޝަރު އިސްމާއިލް އަލީ ވިދާޅުވީ ފެރީ ޖެޓީގައި ޖެހި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ރަށުގެ ފަޅުތެރެއަށް ވަނުމުން ކަމުގައި ބެލެވޭ ކަމަށާއި ދޯންޏަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު ދޯނިން ދަތުރުކުރި ގިނަ ބަޔަކަށް ފަރުވާ ދިނުމަށް އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ.

މީގެ އިތުރުން މައުލޫމާތު ސާފު ކުރުމަށް ދޯނީގެ ކެޕްޓަން ހާޒިރުކޮށް ސުވާލުކޮށްފައިވާކަމަށްވެސް އިސްމާއިލް އަލީ ވިދާޅުވި އެވެ.

އުނގޫފާރު ހޮސްޕިޓަލުގެ ހިންގެވުމާ ހަވާލުވެ ހުންނެވި ހުސެއިން ޝިޔާމް ވިދާޅުވީ ގިނަ ބަޔަކަށް ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ކަމަށާއި އެހެން ނަމަވެސް އަނިޔާވި މީހުންގެ އަދަދާއި ލިބުނު އަނިޔާތަކުގެ ތަފްސީލް ހާމަކުރަން އަދި ދަތި ކަމަށެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި އެކްސިޑެންޓްގެ ސަބަބުން އަނިޔާވެފައިވަނީ ހަތަރު މީހަކަށެވެ. ފުލުހުން ވަނީ މި މައްސަލަ މިހާރު ތަހުގީގު ކުރަން ފަށާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް