މިއަދަކީ ރާއްޖޭގެ ބްރޯޑްކާސްޓިންގ ދުވަސް
ޚަބަރާއި މަޢުލޫމާތާއި މުނިފޫހިފިލުވުން ހިމެނިގެން،
ބްރޯޑްކާސްޓް ކުރުމުގައި ހިމެނޭ ހުރިހާ ކަންކަމަކީ ވަރަށް ހީވާގިކަމާއި ޒިންމާދާރުކަމާއެކު
ދޭން ޖެހޭ ޚިދުމަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ
ދުވަހުގެ މުނާސަބަތުގައި، އެމަނިކުފާނުގެ ރަސްމީ 'އެކްސް އެކައުންޓުގައި މިއަދު ހިއްސާކުރެއްވި
ޕޯސްޓެއްގައެވެ. ކޮންމެ ބްރޯޑްކާސްޓަރެއްގެވެސް ޢަޒުމަކަށް ވާން ވާނީ، އިސްލާމީ އޮނިގަނޑަށް
ފެތޭ، ދިވެހިވަންތަ، މަންފާހުރި މަޢުލޫމާތާއި ޕްރޮގްރާމްތައް އުފައްދައި ގެނެސްދިނުން
ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ޤައުމަށް ރީތި ނަން ހޯދައިދިނުމުގެ
މުހިއްމު ބައިވެރިންނަށް ވުމަށް ޢަޒުމު ކަނޑައެޅުމަށް އެމަނިކުފާނު ބްރޯޑްކާސްޓަރުންގެ
ފަރާތުން އެދިވަޑައިގެންނެވިއެވެ.
ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދުވަހަކީ، ޤައުމު ބިނާކުރުމާއި،
ޑިމޮކްރެސީ ހަރުދަނާކުރުމާއި ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު މުއްސަނދިކުރުމުގައި
ބްރޯޑްކާސްޓަރުން އަދާކުރާ މުހިއްމު ދައުރުގެ އަގު ވަޒަންކުރުމާއި، މި ސިނާޢަތުގެ ތަރައްޤީއަށް
މަގުފަހިކުރުމަށް ފާހަގަކުރާ ދުވަހެކެވެ. މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ
އޮކްޓޯބަރ މަހުގެ 4 ވަނަ ދުވަހުއެވެ.
ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދުވަހަކީ، ކޮންމެ އަހަރެއްގެ
އޮކްޓޯބަރ މަހުގެ 4 ވަނަ ދުވަސް ކަމުގައި ހަމަޖެއްސެވީ، ރާއްޖޭގައި ބްރޯޑްކާސްޓް ޚިދުމަތްދޭން
އަޖުމަބެލުމުގެ ގޮތުން ފުރަތަމަ ޓެސްޓް ސިގްނަލް ދޫކުރި ދުވަހަކީ، 4 އޮކްޓޯބަރު
1961 ކަމަށްވާތީއެވެ.
ދިވެހި ރާއްޖޭގައި އެންމެ ފުރަތަމަ ބްރޯޑްކާސްޓިންގގެ
ޚިދުމަތް ފެށީ 29 ޑިސެންބަރު 1962 ގައެވެ. އެއީ ދިވެހިރާއްޖޭގެ އަޑުގެ ރޭޑިއޯ ޚިދުމަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް