ހައްޖުވާންދިޔަ ބައެއް މީހުންގެ ދަބަސްތަކުގައި މަސްތުވާތަކެއްޗާއި މަނާ ބޭސް !

ކޮންމެ އަހަރަކުވެސް ހައްޖުގެ އަޅުކަން އަދާކުރުމަށް މުސްލިމް އުއްމަތުގެ އެކި ގައުމުތަކުން މިލިޔަން މުސްލިމުން މައްކާއަށް ދާއިރު ގިނަ ބަޔަކު ވަގު ވިސާގައި ނުވަތަ ވަގަށް މައްކާއަށް އެތެރެވާން މަސައްކަތްކ...

04 Sep 2017 | 00:56

ކޮންމެ އަހަރަކުވެސް ހައްޖުގެ އަޅުކަން އަދާކުރުމަށް މުސްލިމް އުއްމަތުގެ އެކި ގައުމުތަކުން މިލިޔަން މުސްލިމުން މައްކާއަށް ދާއިރު ގިނަ ބަޔަކު ވަގު ވިސާގައި ނުވަތަ ވަގަށް މައްކާއަށް އެތެރެވާން މަސައްކަތްކުރާ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. ނަމަވެސް މިފަހަރު މިއީ އައު ވާހަކައެކެވެ. ބައެއް ފަރާތްތަކުން ހައްޖުވާން ދާއިރު މަސްތުވާތަކެއްޗާއި މަނާ ބޭސް ގެންދިޔަ ވާހަކަ އެވެ. މި މައުލޫމާތުތައް ހާމަކޮށްފައިމިވަނީ ސައުދީގެ ކަސްޓަމުންނެވެ.

ސައުދީ ގެޒެޓަށް ދިން އިންޓަވިއުއެއްގައި "ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓުގެ" ކަސްޓަމްސް ސުޕަވައިޒަރު މުހައްމަދު އަލް ޤައްތާނީ ބުނެފައިވަނީ އެއާޕޯޓާއި ސީޕޯޓް މެދުވެރިކޮށް ސައުދީއަށް ދިޔަ ބައެއް ފަރާތްތަކުގެ ދަބަސްތަކުން މަނާ ބޭހާއި މަސްތުވާތަކެއްޗާއި އަދި ސައުދީއަށް އެތެރެކުން މަނާ ބައެއް ތަކެތި ފެނިފައިވާކަމަށެވެ.

"އަހަރެމެންގެ އޮފިޝަރުން ހައްޖުވެރިންގެ ދަބަސްތައް ބަލާ ފާސްކުރިއިރު ބައެއް ދަބަސްތަކުން، ހިރޮއިން، ޓްރަމަޑޯލް، އެމްފެޓަމިން އަދި އަފްގާނާއި ޕާކިސްތާނާއި ސީރިޔާ، ނައިޖީރީޔާ އަދި އެފްރިކާގެ ބައްރުން އަންނަ ބައެއް ފަރާތްތައް، ސައުދީއަށް އެތެރެކުން މަނާ މޭވާއެއް ކަމުގައިވާ "ގޯރޯ ފްރުޓް" އަތްދަބަހުގައި ހުރޭ" އަލް ޤަތާނީ ބުނެފައި ވެ އެވެ.

އޭނާ އިތުރަށް ބުނެފައިވަނީ ބައެއް މީހުން ހައްޖުގެ އަޅުކަން އަދާކުރަން ދާއިރު ދީނާއި ހިލާފު ބައެއް ފޮތްތަކާއި ކީރިތި ޤުރުއާނުގެ ނުބައި ތަރުޖަމާތައްވެސް އަތްދަބަސްތަކުން ފެންނަ ކަމަށެވެ.

މެލޭޝިޔާ އަދި އިންޑޮނޭޝިޔާއިން ހައްޖަށްދާ ބައެއް ފަރާތްތަކުގެ ދަބަސްތަކުން ފެންނަ ބައެއް ތަކެއްޗާއި ބެހޭގޮތުން އޭނާ ބުނެފައިވަނީ އެމީހުންގެ ދަބަސްތަކުން، ސިހުރު ހަދަން ބޭނުންކުރާ ސާމާނާއި ޖިންސީ ގުޅުން ހިންގުމުގައި ބޭނުންކުރާ ބޭސް ބޭހާއި ފަތްޕިލާވެލި ގިނައިން ފެންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް