ދިވެހި ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސެއިން އާދަމް ބިލްޑިންގ
މާރާމާރީއެއް ރާވަމުންދިޔަ ކަމުގެ ތުހުމަތުގައި ހަ މީހަކު ހައްޔަރުކޮށް ދެ މީހަކު ދޫކޮށްލައިފި
މާލެ އަދި ހުޅުމާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން ރާވަމުން ދިޔަ ކަމުގެ ތުހުމަތުގައި ހަ މީހަކު ހައްޔަރުކޮށް، އޭގެ ތެރެއިން ހަތަރު މީހަކު 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ބަންދު އަމުރުތަކުން އެނގިއްޖެއެވެ.
ފުލުހުން ބުނީ ޖުލައި ދޭއްގެ ރޭ ކޯޓު އަމުރެއްގެ ދަށުން ރައިވެރި ހިނގުމުގައި ހުންނަ ގެސްޓް ހައުސްއަކާއި އެ ސަރަޙައްދު ބަލައި ފާސްކޮށް ހަ މީހަކު ހައްޔަރުކުރީ ކަމަށެވެ. ބަލައި ފާސްކުރި އިރު އެ މީހުންގެ އަތުން ފަތްޖެހި ވަޅިއަކާއި 39,695 ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކުރީ 21 އަހަރާއި 34 އަހަރާ ދެމެދުގެ ހަ ދިވެހި ފިރިހެނުންނެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހަތަރު މީހަކު 15 ދުވަހަށް ކަސްޓޯޑިއަލް ޖެއިލްގައި ބަންދުކުރީ ދޫކޮށްލައިފި ނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ ކަމަށް ބަންދު އަމުރުތަކުގައިވެއެވެ. ބާކީ ތިބި ދެ މީހުން ޝަރުތުކުރުމަށް ފަހު ވަނީ ދޫކޮށްލައިފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް