"މަންމާ...! މަންމާ....!" މަންމަ ފެނުމުން އައިލީން ގިސްލަމުން އަނެއްކާވެސް ގޮވާލިއެވެ.
"ކިހިނެތްވީ....؟ އަނެއްކާވެސް ހޮޑުލެވެން ފެށީތަ....؟ ތިއީ އެވަރުގެ ކަމެއް ނޫނޭ....! ބަނޑު ބޮޑުއިރު ހޮޑު ލެވުން ތިއީ އާންމު ކަމެކޭ....!" ފަރީޝާ ގޮސް އައިލީން ގާތަށް ހުއްޓެމުން ބުނެލިއެވެ.
"ބަލާބަލަ މަންމާ.....!" މޫނު ދޮންނަތަށި ދައްކާލަމުން އައިލީން ބުނެލިއެވެ.
ފަރީޝާ އެވަގުތު މޫނު ދޮންނަ ތަށްޓައް ބަލާލުމާއެކު މޫނުމައްޗަށް ހާސްކަން ވެރިވެގެން ދިޔައެވެ.
"އަސްތަޤްފިރުﷲ....! ކޮންމެވެސް ވަރަކަށް ލޭވެސް އައިއްސަ މިހިރީ....! ހިނގާ ފެންފޮދެއް ބޯލައިގެން އެނދުގައި އޮށޯވެލަންދާން....! އަރާމު ކޮށްލީމަ އިރާދަ ކުރެއްވިއްޔާ ރަނގަޅު ވެދާނެ....!" އައިލީންގެ އުނަގަނޑުގައި ހިފައިގެން މަޑުމަޑުން ހިނގައިގަންނަމުން ފަރީޝާ ބުނެލިއެވެ.
"މަންމާ، ބަނޑަށްވެސް ތަދުވާން ފަށައިފި.....!" ބަނޑުގައި އަތް އަޅައިގެން ހުރެ އައިލީން ވާހަކަ ދެއްކިއެވެ.
އެވަގުތު ފަރީޝާ ސިހިގެން ދިޔައީ އައިލީންގެ ހެދުމުގައި ފަހަތުގައި ވަރަށް ބައިވަރު ލޭ ހޭކިފައިވާތީ އެވެ.
"ދަރިފުޅާ....! ހާދަ ލެޔެއް އައިސްސަ ތިހިރީ....! ހިނގާ އަވަހަށް ހޮސްޕިޓަލަށްދަމާ....! ކޮނެމެވެސް ގޯހެއް އެބައުޅޭ....!
ކޮބާ ރާއިފު...!" ހާސްވެފައިވާ ފަރީޝާ ވާހަކަ ދެއްކިއެވެ.
އައިލީން ހެދުމުގައި ހިފާފައި ބަލާލިއެވެ. ހެދުމުގެ ފަހަތުގައި ވަރަށް ގިނަ ލޭ ހުއްޓެވެ.
"ރާއިފު ވީ ބޭރަށްގޮސް.....! މަންމަ ގުޅާލާފަ ބުނެބަލަ....! ފާހާނާއަށް ވަދެ އެއްޗެހި ބަދަލުކޮށްގެން އައިސް މި ރެޑީވަނީ...!" އައިލީން ބަނޑުގައި އަތް އަޅައިގެން އަލަމާރިއާ ދިމާއަށް ހިނގައިގަންނަމުން ބުނެލިއެވެ.
ފަރީޝާ ދެފަހަރު ރާއިފުއަށް ގުޅިނަމަވެސް ރާއިފު ފޯނެއް ނުނަގައެވެ.
"ދަރިފުޅާ، ރާއިފު ފޯނެއް ނުނަގަ....! އަވަހަށް ތައްޔާރު ވެލައިގެން ނުކުމޭ....! ލަސްވެއްޖިއްޔާ މާ ގޯސް ވެދާނެ...! މަންމަ ދާނަން ދަރިފުޅު ގޮވައިގެން...." ފާހާނާ ކައިރަށް ހުއްޓެމުން ފަރީޝާ ބުނެލިއެވެ.
އައިލީން ފާހާނާއިން ނިކުތުމުން ފަރީޝާވެސް ދިޔައީ ތައްޔާރުވާށެވެ. އެވަގުތު ރާއިފު ބޭރުން އައިސް ކޮޓަރިއަށް ވަނެވެ.
"މިރޭ ކިހާއިރަކު ގެއަށް އައީ...؟ މިހާ ލަސްވީމާ އަނެއްކާ ކޮންތާކަށްދާން ތި ތައްޔާރުވަނީ....! މިހާރަކަށް އައިސް އަބަދު ބޭރުގައި....! ބޭރަށްދާކަށް ވަކި ގަޑިއެއްވެސް ނޯވޭތަ....؟" އައިލީން ފުނާއަޅަން ހުރިތަން ފެނުމުން ހިތްހަމަ ނުޖެހިފައި ރާއިފު ސުވާލު ކުރިއެވެ.
"ރާއިފުއަށް އެއްވެސް ކަމެއް އެބަ އެގޭތަ....؟ ގުޅިމާ ފޯނެއް ނަގަނީކީ ނޫން...!" އައިލީންވެސް ހިތްހަމަ ނުޖެހިފައި ވާހަކަ ދެއްކިއެވެ.
"ކޮން އިރަކު ގުޅީ....؟ އައިލީން މަށަކަށް ގުޅާފައެއް ނެތް....!" ރާއިފު ފޯނު ބަލާލުމަށްފަހު ބުނެލިއެވެ.
"މަންމައޭ ގުޅީ...! ކީއްވެތަ ފޯނު ނުނެގީ....! ހޮސްޕިޓަލަށް ދާން ވެގެން މަންމަ ގުޅީ....!" އައިލީން، ރާއިފު އާ ދިމާއަށް ބަލާލުމަށްފަހު ބުނެލިއެވެ.
"މިހާ ލަސްވީމަ ކޮން ހޮސްޕިޓަލަކަށް ދާކަށް....! އެހެން ނޫނަސް މަންމަ ގޮވައިގެން އަހަރެން ޖެހޭތަ ހޮސްޕިޓަލަށް ދާން...!" ރާއިފު ގޮސް އެނދުމަތީގައި އިށީންނަމުން ބުނެލިއެވެ.
"އަހަރެން ގޮވައިގެން....! ރާއިފުއަށް ކަމެއް އެނގޭނީ އަހަންނާ އަޅާލާނަމަތާ....! ދެންވެސް އަވަހަށް ރެޑީވެބަލަ...!" އައިލީން ބުނެލިއެވެ.
"ކީއްކުރަން....؟ ކޮންތާކަށް ދާން...." ފަރުވާކުޑަ ގޮތަކަށް ރާއިފު ބުނެލިއެވެ.
"އަހަރެން ގޮވައިގެން ހޮސްޕިޓަލަށް ދާން...." އަނެއްކާވެސް އައިލީން ވާހަކަ ދެއްކިއެވެ.
"ވީ ކީއްހޭ މަ މިއަހަނީ.... މިދަންވަރު ހޮސްޕިޓަލަށް ދާން ތިއުޅެނީ....! މިގަޑީގައި ނުދިޔަޔަކަސް ޑޮކްޓަރަށް ދެއްކިދާނެތާ....! އެހެން ނޫނަސް އަހަރެން މިހިރީ ވަރަށް ވަރުބަލިވެފައި...! މިގަޑީގައި ނިދާލަން ބޭނުންވަނީ....!" ހިތްހަމަ ނުޖެހޭ ރާގަކަށް ރާއިފު ބުނެލިއެވެ.
އައިލީން އެންމެ ފަހުން އައިސް ރާއިފު ގާތުގައި އެނދުގައި އިށީނދެ ވީގޮތް ކިޔާދިނެވެ.
"މަންމަ ގާތުގައި ބުނަންވީނު....! މަށަކަށް ނުދެވޭނެ.... އައިލީން އަށް ހަމަރަނަގަޅަށް އެނގޭނެ މަށަކީ އެކަހަލަ ތަންތަނަށް ދާހިތްވާ މީހެއް ނޫންކަން....!" އެނދުގައި އޮށޯންނަމުން ފަރުވާކުޑަ ރާގަކަށް ރާއިފު ބުނެލިއެވެ.
"މިއީ ކޮންމެހެން ހިތް ވެގެން ކުރަންޖެހޭ ކަމެއް ނޫނޭ...! މިއީ އަހަރުމެންގެ ފުރަތަމަ ދަރިފުޅޭ....! ދެރަގޮތެއް ވިއްޔާ ދެރަވާނީ އަހަރުމެންނަކަށްނު...! މިކަހަލަ ކަންކަމުގައި އެހާ ފަރުވާކުޑަނުކޮށް ހިނގާބަލަ އަވަހަށް ދާން....!" ބަނޑުގައި އަތް ޖައްސާލަމުން އައިލީން ވާހަކަ ދެއްކިއެވެ.
"ތިވާހަކަ ދައްކާނެ ކަމެއްނެތް...! ތިކަހަލަ ކަންތައް ތިވަނީ އަމިއްލައަށް އުޅެވޭގޮތުން....! ހެނދުނު ބޭރަށްދާމީހާ ގެއަށް ތިވަދެލަނީ ނިދަން.....! އެހެންވީމަ ތިކަހަލަ ހުރިހާ ކަމެއްވެސް ވާނެ....!" ހިތްހަމަނުޖެހިފައި އޮވެ މިފްޒާލް ބުނެލިއެވެ.
"ދެން ވީކަމެއް ނުވާކަމަކަށް ނުވާނެތާ....! ދެންވެސް އަވަހަށް ހިނގާބަލަ.....!" ރާއިފުގެ އަތުގައި ހިފަމުން އައިލީން ބުނެލިއެވެ.
"މަށަކަށް ނުދެވޭނެ....! މަންމަ ގޮވައިގެން ދޭ...! މަ ކުޑަކޮށް ނިދާލަން މިއުޅެނީ....!" ލޯމަރައިގެން އޮވެ ރާއިފު ބުނެލިއެވެ.
"މިއީ އަހަރުމެން ދެމީހުންގެ ދަރިއެކޭ....! މަންމަ ގޮސްދޭން ހުއްޓަސް މިހާ ލަސްވީމަ އެއުނދަގޫ ކީއްކުރަން މަންމައަށް ޖައްސަންވީ....! މަންމައަކަށްވެސް އެހާ ފަސޭހައެއް ނުވާނެއެއްނު....!" ރާއިފުއަށް ވިސްނާދެވޭތޯ އައިލީން މަސައްކަތް ކުރިއެވެ.
"ކިއްތަވާނީ މަންމަ ދިޔައިއްޔާ....! ގައިމު ތިއީ އެ މަންމަގެ ދަރިއެއްތާ....!" ލޯމަރައިގެން އޮތްގޮތަށް އޮވެ ރާއިފު ވާހަކަ ދެއްކިއެވެ.
"ބަނޑުބޮޑު އަތްންބެއް ގޮވައިގެން ދާން ރާއިފު ލަދުގަންނަނީތަ....؟' ހިތްހަމަ ނުޖެހިފައި އަނެއްކާވެސް އައިލީން ބުނެލިއެވެ.
"މަށެއް ލަދެއް ނުގަނޭ....! ފޫހިވަނީ....! ދަންޏާ މަންމަ ގޮވައިގެން ދާށޭނު މިބުނީ....! މަށަކަށް ނުދެވޭނެ...!" ރާއިފު އަނެއްކާވެސް ތަންކޮޅެއް ބާރަށް ބުނެލިއެވެ.
"ބަލަ ކީއްވެ ލަދުގަންނަންވީ...! މިއީ ރާއިފުގެ އަންހެނުންނޭ....! މިއީ ރާއިފުގެ ދަރިއެކޭ....! މިދަރިފުޅަކަށް ދެރަގޮތެއްވާން ރާއިފު ބޭނުންތަ....؟" އައިލީން މަސައްކަތް ކުރަމުން ގެންދިޔައީ ރާއިފުއަށް ވިސްނައިދެވޭތޯ އެވެ.
އެންމެފަހުން ރާއިފު އެއްބަސް ނުވެގެން އައިލީން ކޮޓަރިން ނުކުމެގެން ދިޔައީ މަންމަ ކޮޓަރިއަށެވެ. އައިލިން ހިތަށް އަހަރަމުންދިޔައެވެ. މިފްޒާލް، އައިލީންގެ ހަޔާތުގެ ބައިވެރިއަކަށް ވީނަމަ އެކަހަލަ ހުރިހާ ކަމެއް ލޯބިން ކޮށްދިނީހެވެ. ހަޔާތަށް ނައި މީހެއްގެ މަތިން ހަނދާންވަނީ އެފަދަ ވަގުތުތަކުގައެވެ. އެވެނި މީހަކު ހުރިނަމަ މިވެނިކަމެއް ކުރެވޭނެ ކަމަށް ހީކުރެވެއެވެ. މިފްޒާލްގެ ހިޔާލުތައް އެއްކޮށް ފޮހެލައިގެން އުޅެނިކޮށް ކުއްލިއަކަށް މިފްޒާލްގެ ހިޔާލުތައް ހިތަށް އަންނަން ފެށީ ކީއްވެ ކަމެއް އައިލީން އަކަށް ނޭނގުނެވެ.
އެންމެފަހުން ޓެކްސީއަކަށް ގުޅައިގެން އައިލީން މަންމައާއެކު ހުޅުމާލެ ހޮސްޕިޓަލަށް ދިޔައެވެ. ޓެކްސީއިން ފައިބައިގެން ހޮސްޕިޓަށް ވަދެ އައިލީން އިށީނީ ގޮނޑީގައެވެ. އައިލީންގެ މަންމަ ދިޔައީ މެމޯ ކޮޅު ހައްދަން ކައުންޓަރަށެވެ.
"ހާދަ އެކަނި ތީނީ...! ކޮބާ ރާއިފު....؟" އައިލީން ސިހިގެން ދިޔައީ މިފްޒާލްގެ އަޑަށެވެ.
"އެބައުޅޭ ގޭގައި...! މަންމައާއެކީ އައިސް މީނދީ...! މިފްޒާލް މިތާ ކީއްކުރަނީ....!" މިފްޒާލްގެ ސުވާލަށް އައިލީން ޖަވާބު ދިނެވެ.
"މިގަޑީގައި ކީއްކުރަނީ މިތަނުގައި....! އައިލީންގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި މިފްޒާލްވެސް ކޮށްލީ ސުވާލެކެވެ.
"ޑޮކްޓަރަށް ދައްކާލަން އައީ ހަމަ....! މިފްޒާލް ކީއްކުރަނީ މިތާ....!" އަނެއްކާވެސް އައިލީން ސުވާލުކޮށްލިއެވެ.
"ޑޮކްޓަރ މުސާ ލަޠީފު އާ މީޓްކޮށްލަން....! އެއީ ވަރަށް ކްލޯސް ފްރެންޑެއް....! ދިމާނުވާތާ ގިނަދުވަސްވީމާ މިތަނަށް ވަދެލީ ހަމަ....!"އައިލީން އާ ދިމާއަށް ބަލަން ހުރެ ހީނލާފައި މިފްޒާލް ބުނެލިއެވެ.
"ތިއީ ހާދަ ނައިސް މީހެކޭދޯ....! ވަރަށް ރަނގަޅު...!" ހީނލާފައި އައިލީން ބުނެލިއެވެ.
އެވަގުތު ޑޮކްޓަރ ކޮޓަރިން ނުކުމެގެން ޑޮކްޓަރ މޫސާ ލަތީފު އައިސް މިފްޒާލް ކައިރިއަށް ހުއްޓުނެވެ.
"އަހާން....! އަންހެނުންވެސް ގޮވައިގެންތަ އައިސް ތިއުޅެނީ....! މިހާދުވަސް ވީއިރުވެސް އަދި އަންހެނުންނާ ދިމާނުވެ....!"
އައިލީން އާ ދިމާއަށް ބަލަން ހުރެ މޫސާ ލަޠީފު ބުނެލިއެވެ.
ޑޮކްޓަރ މޫސާ ލަޠީފު އެހެން ބުނުމުން އައިލިން ވަރަށް ރަކިވިއެވެ. އެހެން ނަމަވެސް މިފްޒާލް ހުރީ އެކަމާ ވަރަށް އުފަލުންނެވެ.
"އޯކޭ ނައިސްޓޫ މީޓްޔޫ....! ފަހުން އަދި ދިމާވާނެ...." ޑޮކްޓަރ މޫސާ ލަތީފު ދަމުން ދަމުން ބުނެލިއެވެ.
"ވަރަށް އުފާވެއްޖެ އަނެއްކާ މިތަނުންވެސް ދިމާވީމަ...! އެކަމަކު މިކަންތައްވީގޮތުން ހަމަ އެހާ ލަދުވެސް ގަނެއްޖެ އިނގޭ....! މެމޯކޮޅު ހައްދައިގެން މަންމަ އެއޮށް އަންނަނީ....! މިދަނީ އިނގޭ...!" ދުރުން އައި މަންމައާ ދިމާއަށް ބަލަން ހުރެ އައިލިން ބުނެލިއެވެ.
އައިލީން ދިޔުމުން މިފްޒާލް ވިސްނާލިއެވެ. މިގަޑީގައި އައިލީން ހޮސްޕިޓަލަށް އައީ ކީއްކުރަންބާއެވެ. މިހާ އަވަހަށް މިފްޒާލްގެ ރޭވުން ކާމިޔާބުވަނީބާވެއެވެ. މިފްޒާލްގެ ތުންފަތް މައްޗަށް މަކަރުވެރި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. މިފްޒާލް މިރޭ އައިލީން އާއެކު ކެންޓީނަށްގޮސް އައިލީން ފާހާނާއަށް ދިޔަވަގުތު އައިލީން ބޯން ގެނައި ފްރެޝް އޮރެންޖު ޖޫސްތައްޓަށް ވައްޓާލި ހައެއްކަ ފެންތިއްކަކީ މިފްޒާލް އަށް އައިލީން ލިބޭތޯ ފަންޑިތަ ހަދާމީހެއް ކައިރިއަށްގޮސް ކިޔަވާފައިވާ ފެންފުޅިއަކުން ވައްޓާލި ހައެއްކަ ފެންތިއްކެވެ. މިފްޒާލް އެކަންތައް ކޮށްފައިވަނީ ވަރަށް ސިއްރުންނެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 7 ޖުލައި، އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް