ވާހަކަ: ޑައިރީ – ތޭވީސްވަނަބައި

ކުރީގެ އަދަދާއި ގުޅޭ.... "އެހެންވީމަ ތީގެ މާނައަކީ އަހަރެންގެ ރަޙްމަތްތެރިކަން އައިލީން ޤަބޫލު ނުކުރަނީޔޭ ދޯ....!" އިސްދަށަށް ޖަހާލަމުން މިފްޒާލް ބުނެލިއެވެ. "ނޫނޭ ތި ރަހްމަތްތެރިކަން އަހަރެން ޤަބޫލު ...

02 Jul 2024 | 05:03

ކުރީގެ އަދަދާއި ގުޅޭ....

"އެހެންވީމަ ތީގެ މާނައަކީ އަހަރެންގެ ރަޙްމަތްތެރިކަން އައިލީން ޤަބޫލު ނުކުރަނީޔޭ ދޯ....!" އިސްދަށަށް ޖަހާލަމުން މިފްޒާލް ބުނެލިއެވެ.

"ނޫނޭ ތި ރަހްމަތްތެރިކަން އަހަރެން ޤަބޫލު ކުރަމޭ....! އެކަމަކު ތިހާ އަގުބޮޑު އަނގޮޓިއެއްވީމަ ޤަބޫލު ކުރަން ޖެހިލުންވަނީ...! އަހަންނަށް ރަނގަޅަކީ ހަދިޔާއެއް ދެންޏާ ތަންކޮޅެއް އާދައިގެ ހަދިޔާއެއް ދިނިއްޔާ....!  މިއަނގޮޓީގައި ޖަހާފައޮތީ އޭ އަކުރެއްނު.....! އެހެންވީމާ މިއަނގޮޓި ގެންގޮސް މިފްޒާލްގެ އަންހެނުން އަންޖަލްގެ އިނގިލީގައި އަޅުވަބަލަ....! އޭރުން އޭނަ ކިހާ އުފާވާނެ....!" އިސްދަށަށް ޖަހައިގެން އިން މިފްޒާލް އާ ދިމާއަށް ބަލަން އިނދެ އައިލީން ވާހަކަ ދެއްކިއެވެ.

މިފުޒާލްގެ އުންމީދުތައް ފެނަށްވެގެން ދިޔުމުން އެކަމާ އޭނާ ވަރަށް ބޮޑަށް ދެރަވިއެވެ. އަދި ރުޅިވެސް އައެވެ. އެހެން ނަމަވެސް އެ އިހުސާސްތަކެއް ބޭރަކަށް ފާޅެއް ނުކުރެއެވެ. އިންސާނުންގެ ތެރެއިން އެންމެ ނުރައްކާތެރި ބަޔަކީ އެފަދަ އިޙްސާސްތައް ބޭރަށް ފާޅުނުކޮށް ހިތުގައި ފޮރުވައިގެން އުޅޭ މީހުންނެވެ. އެ ކަހަލަ މީހުން ދެން ކުރާނެ ކަމެއް އެކަކަށް ވެސް ނޭނގޭނެއެވެ.

"އެންމެ ރަނގަޅު...! ތިއީވެސް ރަނގަޅު ގޮތެއް.... އަންޖަލްގެ އިނގިލީގައި ތި އަގޮނޓި އަޅުވާނީ....!" މިފްޒާލް ހިތާ ދެކޮޅަށް ބުނެލިއެވެ.

އެވަގުތު ކޯކު ފުޅިއަކާ ޕޮޕްކޯން ކޮތަޅެއް ހިފައިގެން އަނެއްކާވެސް ހީނާ އެތަނަށް އަތުވެއްޖެއެވެ.

"ކޮބާ....! ގެއަށް ދާކަށް ނުވޭ....؟" ހީނާ ސުވާލުކޮށްލީ އައިލިން އާއެވެ.

"ދެން އަހަރެންދަނީ...! އަންހެނުންނަށް ވަރަށް ގިނައިން ސަލާން ބުނާތި....!" އައިލީން ތެދުވަމުން މިފްޒާލް އަށް ބަލާލުމަށްފަހު ބުނެލިއެވެ.

އޭރު މިފްޒާލްގެ ލޮލުން ކަރުނަތައް އޮހިގަންތަން އައިލީން އަށް ފެނުނެވެ. އެހެން ނަމަވެސް އައިލީން އެކަމާ އަޅާވެސް ނުލާ ހީނާ އާއެކު ހިނގައިގަތީއެވެ. އެ ވަގުތު މިފްޒާލްގެ ހިތަށް އެކަނިވެރިކަން އިޙްސާސްވި ވަރަކަށް މިފްޒާލްގެ މުޅި ހަޔާތުގައިވެސް ދުވަހަކު ވެސް އެކަނިވެރިކަން އިހްސާސްއެއް ނުވެއެވެ. ލޯތްބަކީ ކޮބައިކަން މިފްޒާލް އަށް އޮޅުނު ކަހަލައެވެ. ލޯބިދީފައި، ލޯމަތިން އެންމެ ފަސްމަސް ދުވަހަށް ގެއްލުމުން އެހާ ދުރަށް އަނެކާ އެއްލާލަންޖެހޭ ހެއްޔެވެ؟ އިންސާނުން އެހާ އަވަހަށް ބަދަލުވަނީ ކީއްވެ ހެއްޔެވެ؟ ހާލުގައި ޖެހުނު ދުވަހު އެހީއަށް އެދުމުން އެހީ ފޯރުކޮށްދިން އަތުގައި ފަހުން ކޮޅުފައިން ޖަހަނީ ކީއްވެ ހެއްޔެވެ؟ ކުށަކީ ލޯބިވުން ހެއްޔެވެ؟ ތިމާއަށް ކަނދުފައްޗެއް ލިބުނީމަ، ދެން ހުރި މީހާ ކަނޑަށް ޣަރަޤުވާން ދޫކޮށްލުމަކީ ކޮންކަހަލަ އިންސާފެއް ހެއްޔެވެ؟ ކޮންކަހަލަ އުސޫލެއް ހެއްޔެވެ؟ މިފްޒާލްއަކީ ވަރަށް ހަމަޖެހިގެން އުފާވެރިކަމާއެކު އުޅުނު މީހެކެވެ. މިފްޒާލް ދެކޭގޮތުގައި އެ ޢާއިލާ ރޫޅާލީ އައިލީން އެވެ. އައިލީން ދިން ދަޢުވަތު ތަކުންނެވެ. އެހުރިހާ ކަމެއް ކުރުމަށްފަހު އައިލީން އެދިޔައީ އެނބުރި ދެން ނާދެވޭނެހާ ދުރަށެވެ. އޭނާގެ ޢާއިލާ ސަލާމަތް ކުރުމަށް ކަމަށް ބުނެއެވެ. އެންމެ ފަހު ވަގުތު މިފްޒާލް އަށް ލިބުނީ ކޯޗެއް ހެއްޔެވެ؟ ހިތްދަތިކަމާއި ހިތާމަ އެވެ. އެ ކުށަށް މިފްޒާލް މާފު ކުރަން ވީހެއްޔެވެ. ކުއްލިއަކަށް މިފްޒާލް އަތުގައި އޮތް އަނގޮޓި ލާފައިވާ ދަޅު އާޓިފިޝަލް ބީޗާ ދިމާއިން މޫދަށް އެއްލާލިއެވެ. އެހާ ފަސޭހައިން އައިލީން ދޫކޮށްލާކަށް މިފްޒާލް ގަސްތެއް ނުކުރިއެވެ.

ޕަބްލިކް ސާވިސް މީޑިއާ އިން ކުރިއަށް ގެންދިޔަ މޯލްޑިވިއަން އައިޑަލްގެ ފައިނަލް ޝޯ އޮތް ރެއެކެވެ. އައިލީން އެތަނުގައި މަސައްކަތް ކުރަމުން ދިޔައީ ސްޓޭޖު ގެ ފުރަގަހުގައެވެ. މިފްޒާލް އަކީ ދުވަހަކުވެސް ފޮޓޯއެއް ނެގިމީހެއް ނޫނަސް، އެރޭ މިފްޒާލް އެތަނަށް ދިޔައީ ފޮޓޯގްރަފީ ފާހެއް ހޯދައިގެން އެތަނުގައި އައިލީން އުޅޭނެކަން އެނގޭތީ އައިލީން އާ ބައްދަލު ކުރުމަށެވެ. ކެމެރާއެއް ނެތުމުން މިފްޒާލް ކެމެރާއެއްވެސް ހޯދީ އޭނާގެ ރައްޓެއްސެއްގެ އަތުންނެވެ. ދުވަހަކުވެސް ކެމެރާއެއްގައި އަތްނުލި ކަމުގައިވިޔަސް ޝޯ ހިނގަމުން ދިޔައިރު ޝޯގެ އެކިއެކި ފޮޓޯތައް ނަގަމުންގޮސް އައިލީން ފެންނަން ނެތުމުން އެންމެ ފަހުން މަޑުމަޑުން ބެކް ސްޓޭޖަށްވެސް މިފްޒާލް ދިޔައެވެ. އޭރު ބެކް ސްޓޭޖުގައި އައިލީން ވަރަށް އަވަދިނެތި އުޅެމުން ގެންދިޔައެވެ. އެކަމަކު އައިލީން އަށް މާ ބޮޑު ސަމާލުކަމެއް ދޭކަމަކަށް މިފްޒާލް ނުހަދައެވެ. ދަނޑިވަޅު ހޯދާފައި ބައްދަލުކުރިޔަސް އެ ވެސް ހެދީ އިއްތިފާޤަކަށެވެ.

"އަހާނ....! މިތާ އައިލީން ވެސް އެބައުޅެންތަ....؟ ދުވަސްކޮޅަކަށްފަހު އަނެއްކާވެސް ދިމާވީމާ ވަރަށް އުފާވެއްޖެ....!" އައިލިން އާ ދިމާއަށް ބަލާލުމަށް މިފްޒާލް ބުނެލިއެވެ.

"މިކަހަލަ ކޮންމެ ތަނެއްގައި އަހަރެން އުޅޭނެއެއްނު....! އެކަނިތަ ތިއުޅެނީ.... ކޮބާ އަންހެނުން....؟ ނާދޭތަ...؟ މިއީ ފައިނަލް ޝޯއޭ...! ޝޯ ބަލައިލަން ގެނައިނަމަ.... ސަލާން ބުނައްޗޭ...!" މޭޒުމަތީގައި ހުރި ސެޓްފިކެޓްތައް ހަމައަކަށް އަޅުވަމުން އައިލީން ވާހަކަ ދެއްކިއެވެ.

އައިލީން ބޭނުންވީ ހަމަ އާދައިގެ ރަޙްމަތްތެރިއަކާ ވާހަކަ ދައްކާ އުސޫލުން ވާހަކަ ދައްކާށެވެ. ދެމީހުންގެ ދެމެދުގައި ކަމެއް ހިނގާފައިނުވާ ކަހަލައެވެ.

"ވައިފްވެސް އެބައުޅޭ.... އޭނަވެސް އައިލީންއަށް ސަލާމް ބުނި...! މިފްޒާލް ގަސްދުގައި ދޮގެއް ހަދާލިއެވެ.

"އެހެންތަ....؟ ވައަލައިކުމުއް ސަލާމް.....!" މިފްޒާލް އާ ދިމާއަށް ބަލާލުމަށްފަހު އައިލީން ބުނެލިއެވެ.

"ކީއްވެ މިރޭ ސްޓޭޖަށް ނާރަ މާދުރުދުރުން މިތާ ފަހަތުގައި ތިއުޅެނީ...." މިފްޒާލް ބޭނުންވީ އިތުރު ވާހަކަތައް ދައްކާށެވެ.

"މިހިރީ ހުރިގޮތް....! ބޮޑު ބަނޑެއްލާފައި....! މިހާރު މިހިރަ ބަނޑާ އެއްކޮށް ސްޓޭޖަށް އެރޭތަ....؟ މީހުން މަލާމާތް ކުރާނެއެއްނު...! އައިލިން ހީލާފައި ބުނެލިއެވެ.

"ތީ މީހުން މަލާމަތްކުރާނެ ކަމެއްތަ....؟ ތިހެން ހުއްޓަ ފެނުނީމަ މީހުން ޙައިރާން ކަންނޭނގެ ވާނީ..." މިފްޒާލް އައިލީން އާ ދިމާއަށް ބަލާލުމަށްފަހު ހީނލާފައި ބުނެލިއެވެ.

'އެކީއްވެ....؟ ނޭނގުނު ތިބުނި އެއްޗެއް....!" މިފްޒާލް އަށް ބަލާލުމަށްފަހު އައިލީން ބުނެލިއެވެ.

"އެއީ، ބަނޑުބޮޑުވާ ވަރަކަށް އައިލީންވަނީ ހައްތަހާ ރީތިވިއްޔަ....! ރާއިފު އަކީ ހާދަ ލަކީ މީހެކޭ...." ސަމާސާ ރާގަކަށް މިފްޒާލް ބުނެލިއެވެ.

ބޭއިޚުތިޔާރުގައި ވެސް މިފްޒާލްއަށް ބެހެވެނީ އައިލީންގެ ޒާތީ ކަންތައްތަކާއެވެ. އެ ވަގުތު އައިލީންގެ މޫނުން ހިތްހަމަ ނުޖެހުމުގެ އަސަރު ފާޅުވިއެވެ. އެހެންނަމަވެސް ހަމައެހާމެ އަވަހަށް އައިލީން އޮޅުވާލިވެސް މެއެވެ.

"ރާއިފު ވެސް އަބަދު ކިޔާނެ އަހަރެން މާ ރީތިވަނިއްޔޯ...!" އައިލީން ބުނެލިއެވެ.

"ތެދެއްވާނީ ތެދަކަށްތާ....! އެންމެން އެހެން ކިޔާނީ ހަމަ ތެދެއްވީމާ...! ކޮބާ އަހަރުމެންގެ ރަޙްމަތްތެރި ކަމުގެ ގަވާއިދުގެ ދަށުން ކެންޓީނުން ކޮފީއެއް ބޯލަން ދާންވީނު....!" އައިލީން އާއެކު ވަގުތު ކޮޅެއް ހޭދަކުރުމުގެ ބޭނުމުގައި މިފްޒާލް ބުނެލިއެވެ.

"ދެވިދާނެ އެކަމަކު އަހަރުމެން ދެމީހުންގެ މެދުގައި އެއްވެސް....." އައިލީން އަށް ބުނެބުނީ އެވަރަށެވެ. މިފްޒާލް ވާހަކަ ދައްކަން ފެށިއެވެ.

އެހެން ވެއްޖިއްޔާ އަޅާނުލާ....! ކުޑަކޮށް ބަނޑުހައި ވެގެން އެއްޗެއް ބޯލަން އެކަނި ނުދާންވެގެން މިބުނީ....! އަހަރެން އެކަނި ގޮސްލަފާނަން....! ހިނގައިގަންނަމުން މިފްޒާލް ބުނެލިއެވެ.

މިފްޒާލް އެހެން ބުނީ ގަދަކޮށްލުމުގެ ބޭނުމުގައެވެ. އެ ގޮތަށް އަމިއްލައަށް ނިކަމެތިވުމަކީ އަންހެންކުދިންގެ ހިތް ލެނބޭ ކަމެއްކަން މިފްޒާލް އަށް އެނގެއެވެ.

އާނ އެހެން ވެއްޖިއްޔާ ދެން ހިނގާ....! ތިހާ ބަނޑުހައިވެފަ ހުރިއްޔާ ދެންވާނީ ދާންތާ....! އައިލީން އެހެން ބުނުމުން މިފްޒާލްގެ ހިތުގައި ޖެހުނީ ކަމުގައި ހީކޮށް އައިލީން ބުނެލިއެވެ.

އައިލީން ދެކޭގޮތުގައި މިފްޒާލް އަކީ މިހާރު ރަޙުމަތްތެރިކަމެވެ. އެހެންވީމާ ރަޙްމަތްތެރިއަކު ބަނޑުހައިވެގެން އެއްޗެއް ބޯލަން ދާން ބުނީމާ ނުދިޔުމަކީ ގޯސްކަމެކެވެ. އެހެން ނަމަވެސް ޙަޤީޤަތުގައި އެއީ އައިލީންގެ ހިތް ފަތަޙަ ކުރުމަށްޓަކައި މިފްޒާލް ބޭނުންކުރި އާ ވައްތަރެއްގެ ހަތިޔާރެކެވެ. މާބަނޑު އަންހެނުން ހިތުގައި ޖެހޭލެއް އަވަސްވާނެކަން މިފްޒާލް އަށް އެނގެއެވެ. އަދި ރަޙުމަތްތެރިކަމުގެ ނަމުގައި ފަށުވި ބަސްތަކާއި، ކުލުނާއި އޯގާތެރިކަމުގެ ދަޅައިގައި އައިލީން ހައްލައިލެވިދާނެކަން މިފްޒާލަށް އެނގެއެވެ. އަދި ހަމްދަރުދީގެ ނަމުގައި އައިލީން އަށް ޒަހަރެއް ވެސް ބޯންދެވިދާނެކަންވެސް މިފްޒާލް އަށް އެނގެއެވެ. އެއްގޮތެއް ނެތިއްޔާ އަނެއްގޮތަކުންވެސް އައިލީން ހާސިލު ކުރުމުގެ ޢަޒުމު އަދި ވެސް މިފްޒާލްގެ ހިތުގައި އެބަ އޮތެވެ. މަގު ދިގުވިޔަސް އެ މިސްރާބަކަށް ބަދަލެއް ނާދެއެވެ.

އައިލީން އާއި މިފްޒާލް ގޮސް އިށީނީ ކެންޓީނުގައެވެ.

"އަހަރެން ބޯނީ ކޮފީއެއް....." ވެއިޓަރު އައުމުން މިފްޒާލް ބުނެލިއެވެ.

"އަހަރެން ކޮފީއެއް ނުބޯނަން....! ފްރެޝް އޮރެންޖެއް ގެނެސްދީ...." ވެއިޓަރ އާއި ދިމާއަށް ބަލާލުމަށްފަހު އައިލީން ބުނެލިއެވެ.

ވެއިޓަރު ދިއުމުން އައިލީން ދިޔައީ ފާހާނާއަށެވެ. ފާހާނާއިން ނުކުމެގެން އައިއިރު ޑްރިންކްސްހުރީ ގެނެސްފައެވެ. އޭރު ޝޯ ނިމޭ ގަޑި ވަރަށް ކައިރިވެފައިވާތީ، އަވަސްކޮށްލައިގެން ދެމީހުންވެސް ދިޔައީ ޝޯ ހިނގަމުންދިޔަ ހޯލް އަށެވެ.

އައިލީން ގެއަށް އައިސް ކުޑަކޮށް ރެސްޓް ކޮށްލުމަށްޓަކައި އެނދުގައި އޮށޯވެލިއެވެ. އެވަގުތު ކުއްލިއަކަށް ބަނޑަށް ތަދެއް އަރާފައި އޯކާ ދެމެން ފަށައިފިއެވެ. ހީވަނީ ހޮޑުލެވެން އުޅޭހެންނެވެ. އައިލީން ބަނޑަށް ދެމަސްވީއިރުވެސް ވަރަށް ގިނައިން ހޮޑު ލެވުނެއެވެ. އެހެން ނަމަވެސް މަޑުމަޑުން ރަނގަޅުވަމުންގޮސް ހޮޑުލެވުން ހުއްޓުނުތާ މިހާރު ކިތަންމެ ދުވަހެކެވެ. ކުއްލިއަކަށް ދެންމެ ދެންމެ ހޮޑު ލެވިދާނެހެން ހީވާވަރު ވުމުން އައިލީން އެނދުން ތެދުވެގެން ބާރުބާރަށް ހިނގާފައި ގޮސް ފާހާނާއަށް ވަދެ މޫނުދޮންނަ ތަށި ކައިރިއަށް ގުދުވުމާއެކު ހޮޑު ލެވިއްޖެއެވެ. އައިލީން ދިޔައީ ސިހިގެންނެވެ. ހޮޑު ލެވުނު އިރު ހޮޑުގައި ކޮންމެވެސް ވަރަކަށް ލޭކުލަ ހުރުމުންނެވެ. އެވަގުތު ކުއްލިއަކަށް އައިލީން ވަރަށް ބާރަށް އޭނަގެ މަންމައަށް ގޮވާލިއެވެ.

"ކިހިނެތްވީ ދަރިފުޅާ....! މާބާރަށް ތިގޮވަނީ....!" ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރިއަށް އައިސްވަން އައިލީންގެ މަންމަ ފަރީޝާ ބުނެލިއެވެ.

"މަންމާ...! މަންމާ....!" މަންމަ ފެނުމުން އައިލީން ގިސްލަމުން އަނެއްކާވެސް ގޮވާލިއެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 04 ޖުލައި، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް