N/A
ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީއީއެފް) ގެ ހިލޭ އެހީގައި ރާއްޖޭގެ ކަނޑުގެ ތިމާވެށި ހިމާޔަތްކުރުމަށް "ކްލީން އެންޑް ހެލްތީ އޯޝަން މޯލްޑިވްސް" ގެ ނަމުގައި ބޮޑު މަޝްރޫޢެއް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މި މަޝްރޫޢު ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ ޝަރީފެވެ. މި މަޝްރޫޢަށް ޖީއީއެފް އިން 4.5 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ފޯރުކޮށްދީފައިވާ އިރު، 49 މިލިއަން ޑޮލަރަށް ވުރެ ގިނަ އިން-ކައިންޑް ކޮންޓްރިބިއުޝަން ވަނީ ހަމަޖެހިފައެވެ.
ފަސް އަހަރު ދުވަހުގެ މުއްދަތަށް ހިންގާ މި މަޝްރޫޢަކީ ޖީއީއެފް-8 ގެ ދަށުން 109 މިލިއަން ޑޮލަރުގެ ބަޖެޓަކާ އެކު 13 ޤައުމެއްގައި ހިންގާ "ކްލީން އެންޑް ހެލްތީ އޯޝަން އިންޓެގްރޭޓެޑް ޕްރޮގްރާމް" ގެ ދަށުން ހިންގާ މަޝްރޫޢެކެވެ. މި ގްލޯބަލް ޕްރޮގްރާމް ލީޑްކުރަނީ އދ. ގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމާ ބެހޭ ޖަމިއްޔާ (އެފްއޭއޯ) އިންނެވެ. އެ ޖަމިއްޔާއާ ގުޅިގެން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ލެޓިން އެމެރިކާ އެންޑް ކެރީބިއަން ޑިވެލޮޕްމަންޓް ބޭންކް (ސީއޭއެފް) އާއި ޔޫރަޕިއަން ބޭންކް ފޯ ރީކޮންސްޓްރަކްޝަން އެންޑް ޑިވެލޮޕްމަންޓް (އީބީއާރްޑީ) އިން ވެސް މި ޕްރޮގްރާމްގައި ބައިވެރިވެއެވެ.
މި މަޝްރޫޢުގެ މައިގަނޑު މަގުސަދަކީ ދަނޑުވެރިކަމާއި ސިނާޢީ އަދި މުނިސިޕަލް ދާއިރާތަކުން ކަނޑަށް ދޫކުރެވޭ ނައިޓްރޮޖެން އާއި ފޮސްފަރަސް ފަދަ ނިއުޓްރިއެންޓް ތަޣައްޔަރުވުން ހުއްޓުވައި، ކަނޑުގެ ފެން މަދުވެ ހައިޕޮކްސިއާ ކުރިމަތިވުމުގެ މައްސަލައަށް ހައްލު ހޯދައިދިނުމެވެ. މި މަޝްރޫޢުގެ ދަށުން ނެޝަނަލް ނައިޓްރޮޖެން އެކްޝަން ޕްލޭނެއް އެކުލަވައިލުމާއި، ނަރުދަމާ ރީސައިކަލްކޮށް ދަނޑުވެރިކަމަށް ބޭނުންކުރެވޭ ގޮތް ހެދުމާއި، ނިއުޓްރިއެންޓް ރިކަވަރީ އަށް "ނައިޓްރޯފައިނޭންސް" ގެ ނަމުގައި ޕްރައިވެޓް ސެކްޓާ ބައިވެރިކުރުވުން ހިމެނެއެވެ.
މި މަޝްރޫޢު ތަންފީޒުކުރާނީ އދ. ގެ ތިމާވެށީގެ ޕްރޮގްރާމް (ޔުނެޕް) މެދުވެރިކޮށް، އެމްއެންޔޫ އާއި ޔޫކޭ ސެންޓާ ފޯ އިކޮލޮޖީ އެންޑް ހައިޑްރޮލޮޖީ (ޔޫކޭސީއީއެޗް) ގުޅިގެންނެވެ. މީގެ އިތުރުން ރާއްޖެ އާއި އިނގިރޭސިވިލާތާއި ނޯވޭ ގެ ޕާޓްنަރުން ވެސް މި މަޝްރޫޢުގައި ބައިވެރިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް