''މަންމަ ދަރިފުޅަށް ގޮވަން ދިޔަތަނާ ނޫރާ ގުޅި ދަރިފުޅުގެ ފޯނަށް......... އެހެންވެ މަންމަ މި އަހާލީ އެއީ ކޮންކުއްޖެއްތޯ.......'' ސަކީނާ އިނީ ހަމްޒާއަށް ވާ ގޮތް ރަނގަޅަށް ބަލާށެވެ.
''އޯވ........ އެހެންދޯ......... އެއީ ދޯ ވީގޮތަކީ.........'' ހަމްޒާ ކުޑަކޮށް ހަމަޖެހިލަމުން އިސްޖަހާލިއެވެ. ނޫރާގެ ނަން ހަމްޒާގެ މަންމައަށް އެނގުނު ގޮތް އޮޅުންފިލުމުން ކުޑަކޮށް ހިތްހަމަޖެހޭގޮތް ވިއެވެ. އެހެނަސް ދެން ކުރިމަތިވާނެ ސުވާލެއް ނޭނގޭތީ އޭނާ ކަންބޮޑުވާންފެށިއެވެ.
ހަމްޒާ ކާންފެށިއެވެ. އޭނާ ބޭނުންވީ އިތުރު ސުވާލެއް ނާންނަނީސް ކައިގެން އެތަނުން ދާށެވެ. އެހެނަސް ހަމްޒާގެ މަންމަ މާ ކުޅަދާނައެވެ.
''އެއީ ކޮން ކުއްޖެއްތަ ދަރިފުޅާ.......'' ސަކީނާ ސުވާލު ތަކުރާރު ކޮއްލިއެވެ.
''ރައްޓެހި ކުއްޖެއް......'' ހަމްޒާ ބެލީ ކުރު ޖަވާބަކުން ނިންމާލާށެވެ. އެހެނަސް ކޮންމެވެސް ދުވަހަކުން މަންމަ މެންނަށް ނޫރާ އަކީ ކާކުކަން ބުނެދޭން ޖެހޭނެކަން ހަމްޒާއަށްވެސް އެނގެއެވެ. އެކަމަކު އަދި ތަންކޮޅެއް އަވަސްކަމުގައި ހަމްޒާ އަށް ގަބޫލު ކުރެވޭތީ ތަފްސީލް ދޭން ބޭނުން ނުވީއެވެ.
''ރައްޓެއްސެއްތަ ހަމަ.........'' ސަކީނާ ހީވަނީ ވަކިޖަވާބެއް ބޭނުން ވެގެން އުޅޭ ހެނެވެ.
''ހޫމް......'' ހަމްޒާ އިސްޖަހައިގެން އިނދެ ކަމުން ގެންދިޔައެވެ.
''މަންމަ އަކަށް ގަބޫލެއް ނުކުރެވޭ.......'' މަންމަ ކައިރީގައި ހަމްޒާ ބުނަން ބޭނުން ނުވަންޏާ ދެން އަޅާނުލާ...... ހަމްޒާ ހިތުން މަންމަ އަކަށް ހަމަ އެކައްޗެއްވެސް ނޭނގޭދޯ........ ދެން އެންމެ ރަނގަޅޭ.......'' ސަކީނާ މާޔޫސްވާގޮތް ވިއެވެ. އޭނާގެ އަޑުގައިވާ ހިތްހަމަ ނުޖެހުން އޭނާގެ މޫނުމަތިންވެސް ފެންނަން ހުއްޓެވެ.
''ސަކީނާ ދެން ތި ވާހަކަ ހުއްޓާލާފަ ސައިބޯންއުޅޭ.......އަދި ހަވީރު ފުރަންވާ އިރަށް ވަރަށް ގިނަ ކަންތައްތައް ކުރަން އެބައޮތް.......'' ސަކީނާގެ މިޒާޖާ، ސަކީނާގެ މޫނުމަތީގައި ހުރި އަސަރުތަކާ، ގުޅުވާލުމުން ދެންވެދާނެ ގޮތެއް މުސްތަފާއަށް ވިސްނޭތީ އޭނާ ބޭނުންވީ ވާހަކަ ބަދަލުކޮއްލާށެވެ.
''ސައިބޯހިތެއް ނެތް........'' ސަކީނާ ހަމަ ގަސްދުގައި ހެދީ ދޮގެކެވެ. އޭނާ ބޭނުންވީ އާދައިގެ މަތިން އޭނާގެ ކޮޅު ގަދަކުރާށެވެ.
''އެއްކަލަ މަންމަ ......... '' ހަމްޒާ ކަންބޮޑުވެފައި ކެއުން ހުއްޓާލިއެވެ. އަދި އިސްޖަހާލައިގެން އިން އޭނާގެ މަންމަގެ މޫނަށް ބަލާލިއެވެ.
''ނޫރާ އަކީ އަހެރެންގެ ...........'' ހަމްޒާއަކަށް ވާހަކަ ފުރިހަމަ ކުރާކަށް ނުކެރުނެވެ. ނޫނީ އޭނާ ހަމަ ގަސްދުގައި ހުއްޓާލީއެވެ. މުސްތަފާއާއި ސަކީނާގެ ނަޒަރު އޭރު ހުއްޓިފައިވަނީ ހަމްޒާގެ މޫނަށެވެ. އެ ދެމަފިރިން ތިބީ ހަރަކާތް ހުއްޓާލައިގެން ސަމާލުކަމާއެކު ހަމްޒާ ބުނަން އުޅުނު ޖުމުލަ އަޑުއަހާށެވެ. ހަމްޒާ އިސްއުފުލާލާ އޭނާގެ ބައްޕަގެ މޫނަށް ބަލާލިއެވެ.
''ހަމްޒާގެ ......ބުނެބަލަ ހަމްޒާގެ ކާކުކަން........ ކުރިއަށްގެންދޭ.......'' މުސްތަފާ ހަމްޒާއަށް ހިތްވަރު ދިނުމުގެ ގޮތުން އަތުން އިޝާރާތް ކޮއްލިއެވެ.
''މަންމާ......ނޫރާއަކީ ވަރަށް ރަނގަޅުކުއްޖެއް..........'' ހަމްޒާއަށް ބުނެވުނީ ކުރިން ބުނި އެއްޗަކާ އެއްވެސް ގުޅުމެއް ހުރި އެއްޗެއް ނޫންކަން އޭނާއަށް އެނގޭ ހެނެއް ހިޔެއްނުވެއެވެ. ނޫރާ އަކީ ކާކުކަން އެނގޭ ހިސާބުން ވެދާނެ ގޮތަކާ ދޭތެރޭ ހަމްޒާ ބިރުގަންނަނީއެވެ. އޭނާގެ މަންމަގެ މިޒާޖު އެނގޭތީ، ނޫރާގެ ހަޤީގަތް ހާމަކުރަން ޖެހިލުން ވަނީއެވެ.
''އެންމެ ރަނގަޅު....... މިހާރު ބައްޕައަށް ވިސްނިއްޖެ........'' މުސްތަފާ ބޯޖަހާލަމުން ބުނެލިއެވެ. ސަކީނާ ދެބުމަ ގޮއްޖަހާލަމުން މުސްތަފާއާ ދިމާއަށް ބަލާލިއެވެ. އޭނާ އަށްވެސް ހަމްޒާ ބުނަންއުޅޭ އެއްޗެއް ނޭނގެނީއެއް ނޫނެވެ. އެހެނަސް ހަމްޒާގެ ދުލުން ބުނުވަން ބޭނުންވަނީއެވެ. އަދި އެނގެންޖެހޭ އެތައް ކަމެއް ހުރީމައެވެ. އެކަމަށް ފުރުސަތު ފަހިކުރެވޭނީ ހަމްޒާއަށް ވާހަކަދައްކަން ފުރުސަތެއް ހުޅުވިގެން ކަން ސަކީނާއަށް އެނގެއެވެ.
''މަންމާ....... މިއީ ނޫރާ........'' ހަމްޒާ ފޯނު ދިއްކޮއްލީ ސަކީނާއާ ދިމާއަށެވެ. ފެންނަން ހުރީ ނޫރާގެ ފޮޓޯއެކެވެ. އެއީ ސަކީނާ ކުރިންވެސް ދެކުނު ފޮޓޯއެވެ. އެ ފޮޓޯ މީގެ ކުރިން ފެނިފައިނުވަނީ މުސްތަފާއަށް ކަމުން އޭނާ ވަގުތުން އަތް ދިއްކޮއްލިއެވެ. ސަކީނާ މުސްތަފާއަތަށް ހަމްޒާގެ ފޯނު ދިނެވެ.
''ހޫމް....އާނ...... މީ .... ދޯ .... ނޫރާ........'' މުސްތަފާއަށް ކުރިންވެސް ނޫރާ ފެނިފައިވާހެން ހީވާ ރާގެއްގައި ބުނެލިއެވެ. އިތުރުއެއްޗެކޭ ނުބުނެ ހަމްޒާގެ އަތަށް ފޯނު ދިއްކޮއްލަމުން މުސްތަފާ ތެދުވިއެވެ. އަތް ދޮވުމަށް ފަހު އެއްވެސް އެއްޗެކޭ ނުބުނެ ޓިޝޫއަކުން އަތް ފޮހެމުން އޭނާ ދިޔައީ ސިޓިންރޫމުގެ ސޯފާއާ ދިމާއަށެވެ.
ސަކީނާއަށް ފުރުސަތު ލިބުމާއެކު އޭނާ ބޭނުންވީ އޭނާ ހިތުގައި އުފެދިފައިވާ ހުރިހާ ސުވާލަކަށް ޖަވާބު ހޯދާށެވެ.
''ދަރިފުޅާ....... ނޫރާ އަކީ މާލޭ ކުއްޖެއްތަ؟........'' ސަކީނާ ސުވާލުތައް ފެށީ އޭނާ ޔަގީން ކުރަން ބޭނުންވާ ހިސާބުންނެވެ. އޭނާ ސުވާލުކުރަން އެފެށީ މުހިއްމުކަންދޭ ތަރުތީބުންހެން ހީވެއެވެ.
''ނޫން........ ކުޅުދުއްފުށީ ކުއްޖެއް .......'' ހަމްޒާ އިސްޖަހާލިއެވެ. އޭނާގެ ހިތް ތެޅިގަތްވަރުން ހީވީ މޭފަޅާފައި ބޭރަށްވެސް ނުކުމެދާނެހެންނެވެ.
ހަމްޒާގެ ޖުމުލަ ވީ ސަކީނާއަށް އަޑުއަހަން އުނދަގޫވި ޖުމުލަ އަކަށެވެ. ސަކީނާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ހަމްޒާ އިން ފަރާތް ނޫން އަނެއް ފަރާތަށް މޫނުވެސް އަނބުރާ ލެވިއްޖެއެވެ. އޭނާގެ އަމިއްލަ އިޚްތިޔާރުގަ އެއް ނޫނެވެ. އެހެނަސް ވީ ފޫއްސަކުންނެވެ.
''މަންމާ........ މާލޭ ކުއްޖެއް ނޫންވިއްޔާ ވާނީ ކީއްތަ؟.......... ނޫރާއަކީ ވަރަށް ރަނގަޅު ކުއްޖެކޭ........ މަންމަ އަށްވެސް ވަރަށް ހެޔޮވާނެ......ހަމަޔަގީން.........'' ހަމްޒާގެ މަންމަ އިނީ ނުރުހުން ވެފައިކަން އެނގޭތީ ހަމްޒާ ބެލީ ވީހާވެސް މަޑުމައިތިރި ކަމާއެކުގައި ވާހަކަދެއްކޭތޯއެވެ. ނޫރާ އަކީ ކާކުކަން އޮޅުން ފިލުވައިދޭން ހަމްޒާ ޖެހިލުންވީ ވެސް މިކަން މިހެން ވާނެހެން ހީވާތީއެވެ. އެހެނަސް ކޮންމެވެސް ދުވަހަކުން މިކަމާ ކުރިމަތިލާން ޖެހޭނެއެވެ. ވީމާ މިކަން މަންމަ އަށް އަންގަންވީ ވަގުތު ޖެހިއްޖެ ކަމުގައި އޭނާ ނިންމިއެވެ.
''ދަރިފުޅު އަދި ތިކަހަލަ ކަންތައްތަކަށް ޅަވާނެ ........ ދުނިޔޭގެ ތަޖުރިބާ ނެތީމާ ދަރިފުޅަށް އަދި ދުރު ވިސްނުން ވާނީ އުނދަގޫ ކަމަކަށް........... ދަރިފުޅު ތި ބަލަނީ މީހާގެ ސޫރައަށް......... ސޫރަ ރީތި ވުމަކުން ހުރިހާ ކަމެއް ނިމުނީކީ ނޫން........ ދިރިއުޅުމެއް ފަށަންވާނީ ވަރަށް ވިސްނާފައި.... ކުރިއާ ފަހަތަށްވެސް ބަލާފައި....... ވެދާނެ ގޮތަކާ ވަމުންދާ ގޮތްތަކަށްވެސް ބަލާފައި...........'' ސަކީނާ ވާހަކަދެއްކީ މަޑުންކަމުގައި ވިޔަސް އޭނާ އިނީ ހިތްހަމަނުޖެހިފައިކަން އޭނާގެ އަޑުންނާ ރާގުންދޭހަވެއެވެ.
''މަންމާ........ އަހަރެން ބެލީ ރީތިކަމަކަށް ނޫނޭ........ ރީތިކުދިން މާލޭއިންވެސް ބައިވަރު ފެނޭ........ މަންމަ މެން ވިސްނާ ވަރަށް އަހަރެންވެސް ވިސްނަމޭ މަންމާ......'' ހަމްޒާ ބެލީ ސަކީނާ ހިތް ރުހޭނެހާ ގޮތަކަށް ވާހަކަ ދެއްކޭތޯއެވެ.
''ވިސްނޭނަމަ، ރާއްޖެތެރޭ ކުއްޖަކު މި ގެޔަށް ގެންނާކަށް ހަމްޒާ ނޫޅުނީސް........ ތިހެން ގެނައި ކިތަންމެ ބަޔަކު ކަންތައް ކުރިގޮތް މަންމަ ގެ މި ދެލޮލުން ދެކެފީމޭ.......... ހަމްޒާ އަދި އިތުރަށް ތިކަމާ ވިސްނަން މަންމައަށް ފެންނަނީ......'' ސަކީނާ އިންތަނުން ތެދުވެއްޖެއެވެ. އޭނާ ރަނގަޅަށް ނާސްތާވެސް ނުކުރެއެވެ. އެޅި ޖޫސްތަށިވެސް އެޅިގޮތަށް ހުއްޓެވެ.
މަންމަ ނުކައި ތެދުވުމުން ހަމްޒާ ވެސް ތެދުވިއެވެ. ހަމްޒާގެ ނަމުން އޭނާގެ މަންމަ މުޚާތަބު ކުރުމުން، ހަމްޒާ ދެކެ މަންމަ ހިތްހަމަ ނުޖެހިފައި ހުރިވަރު އިހްސާސް ވެ އިންތިހާއަށް ދެރަވިއެވެ. ހަމްޒާގެ މަންމަ އަކީ ހަމްޒާ ދެކެ އިންތިހާއަށް ލޯބިވާ މަންމަ އެއްކަން ހަމްޒާ ޤަބޫލު ކުރަނީ އޭނާގެ ހިތުގެ އެންމެ ފުންމިނުންނެވެ. މިވީހާތަނުގައިވެސް އެ މަންމަ، ހަމްޒާގެ ނަމުން މުހާތަބު ކޮށްފައިވަނީ އިނގިލިން ގުނާލެވޭހާވެސް މަދު ފަހަރެއްގައި ކަމީ މިކަމަށް ހެކިދޭ ކަމެކެވެ.
ހަމްޒާ އިސްއުފުލާ ބަލާލިއެވެ. އޭރު އޭނާގެ މަންމަ ސިޑިން މައްޗައް އަރަން ދަނީއެވެ. ސޯފާގައި އިން މުސްތަފާއަށް ސަކީނާއަށް ވެފައި ހުރިގޮތް ރަނގަޅަށް އެގުނު ނަމަވެސް، އޭނާ ހަމަ ދެނެހުރިކަމަށް ހަދާނުލާ ޓީވީ ބަލާކަމަށް ހެދިގެން އިނީއެވެ.
''ހަމްޒާ...........'' ސަކީނާ ފަހަތުން ސިޑިއާ ދިމާއަށް ހަމްޒާ ހިނގައިގަތުމުން މުސްތަފާ ގޮވާލިއެވެ. ހަމްޒާ ބޭނުންވީ އޭނާގެ މަންމަ ފަހަތުންގޮސް އިތުރަށް ވާހަކަދއްކައިގެން މަންމަ ރުއްސޭތޯ ބެލުމަށެވެ. އެހެނަސް އެވަގުތަށް އެ ޚިޔާލު ދޫކޮށްލީ އޭނާގެ ބައްޕަ ކައިރިއަށް އައުމަށް އަތުން އިޝާރާތް ކޮއްލުމުންނެވެ.
މަޑުމަޑުން ހިނގާފައިގޮސް މުސްތަފާ ކުރިމަތީ ހުރި ސޯފާގައި ހަމްޒާ އިށީނެވެ. އިސްއުފުލާ ބައްޕަގެ މޫނަށް ފަރުވާތެރިކަމާއެކު ހަމްޒާ ބަލާލިއެވެ. ހަމްޒާ ހީކުރީ އޭނާގެ ބައްޕަވެސް އިންނާނީ ހިތްހަމަ ނުޖެހިފައި ކަމަށެވެ. އެކަމަކު މުސްތަފާގެ މޫނުމަތިން އެކަހަލަ އެއްވެސް އަސަރެއް ފެންނާކަށް ނެތުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ހަމްޒާއަށް އިހްސާސް ކުރެވުނެވެ.
''ނޫރާ އަކީ ގޯސް ކުއްޖެއް ނޫން...... ރަނގަޅު ކުއްޖެއް.........ރީތިވެސް ކުއްޖެއް.........'' މުސްތަފާ ވާހަކަ ފެށިއެވެ.
މުސްތަފާ ބުނި ޖުމުލަ އިން ހަމްޒާ ހައިރާން ވިއެވެ. އޭނާގެ ބައްޕައަށް ނޫރާ އެނގުނީ ކިހިނެއްކަމާމެދު ވިސްނާލިއެވެ.
''ބައްޕަ ....... ނޫރާ ދަންނަތަ؟...... އެނގޭތަ؟........'' ހަމްޒާ އަށް އެ ސުވާލުކޮށްލެވުނީ އަޅައަޅައިގަންނަމުންނެވެ.
''ބައްޕައަށް ވަރަށް ރަނގަޅަށް ނޫރާ އެނގޭ.........ނޫރާ އަކީ ކާކުގެ ދަރިއެއްކަންވެސް އެނގޭ........... '' މުސްތަފާ ފޯއްފޮއްޗެއް އަނގަޔަށްލަމުން ހަމްޒާގެ މޫނަށް ބަލާލިއެވެ. ހަމްޒާ އިނީ ނިތްކުރިއަށް ދެތިން ރޫއަރުވާލައިގެންނެވެ. ހީވާގޮތުން އޭނާގެ ބައްޕައަށް ނޫރާ އެނގުނުގޮތަކާމެދު ވިސްނަނީއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 06 މާރިޗް، ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް