ވޯޓު ކަރުދާހުގައި އިތުރު ފާހަގައެއް ޖަހައިފި ނަމަ ވޯޓު ބާތިލުވާ ގޮތަށް ރައްޔިތުން މަޖިލީހަށް ހުށަހެޅި އިސްލާހު ފާސްކޮށްފި އެވެ.
އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ޕީޕީއެމްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި އިސްލާހު ދިރާސާ ކުރެއްވި ފަސް މެންބަރުންގެ ވަގުތީ ކޮމިޓީ އިން ވަނީ އެ ހުށަހެޅި ގޮތަށް ތަޅުމަށް ފޮނުވައިފަ އެވެ. އަދި ބިލު ފާސްވީ 53 މެންބަރުންގެ އިއްތިފާގުންނެވެ.
އިންތިޚާބުތަކުގައި ބޭނުންކުރާ ވޯޓު ކަރުދާސްތަކުގައި ކުރެހުމެއް ނުވަތަ ލިޔުމެއް ހުރެއްޖެ ނަމަ، އެ ކަރުދާހެއް ބާތިލްވާ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމަށް އެކި ފަހަރު މަތިން މަޖިލިހަށް ހުށަހެޅި ނަމަވެސް މެމްބަރުން އެގޮތަށް ފާސް ކުރަން އޭރު ބޭނުމެއް ނުވި އެވެ.
ޝާހިދު ބިލް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ވަނީ ވޯޓު ކަރުދާހުގައި އެމީހަކަށް ފެންނަ ކެންޑިޑޭޓެއްގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން ވޯޓުދޭ ފަރާތް އެނގޭނެހެން އިތުރު އެހެން ފާހަގަ ޖަހައި ނުވަތަ ކުރަހާފައި ހުންނާތީ ވޯޓު ދިން މީހާގެ ސިއްރުކަން ގެއްލޭ ހާލަތްތައް މެދުވެރިވުމެވެ.
އެހެންވެ، ކަރުދާހުގައި ކުރަހާ ނަމަ ވޯޓު ބާތިލްވާ ގޮތަށް އޮތުމަކީ ގާނޫނުއަސާސީ އާއި އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެމީހަކު ލާ ވޯޓަކީ ސިއްރު ވޯޓެއްގެ ގޮތުގައި ކަށަވަރު ކުރަން ކަމަށް ވެސް ޝާހިދު ހުށަހެޅުއްވި ބިލްގައިވެ އެވެ.
ވޯޓު ކަރުދާހުގައި ފާހަގަ އެއް އިތުރު ފާހަގައެއް ޖެހުމުން ބާތިލު ނުވާ ގޮތަށް ވެސް ހެދީ ޕީޕީއެމް އިންނެވެ. އެއީ ރިޔާސީ އިންތިހާބާ ދިމާކޮށް އެ ޕާޓީ އިން ގެނައި އިސްލާހެކެވެ. އެ ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ގިނަ މެންބަރުން ވަނީ އެކަން ފާހަގަކޮށް ބިލަށް ފާޑު ކިޔައިފަ އެވެ. އަދި އިންތިހާބު ގާތްވެފައި ވަނިކޮށް ބަދަލުތައް ގެނައުމަށް ތާއީދު ނުކުރާ ކަމަށް ވެސް ގިނަ މެންބަރުން ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް