ޓޫރިޒަމް މިނިސްޓްރީ އިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ "މޯލްޑިވްސް ވިޒިޓާރ ސާވޭ" ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ.
މި ސާވޭ އަކީ ރާއްޖެއަށް އަންނަ ފަތުރުވެރިން ރާއްޖެއާއި މެދު ދެކޭގޮތް ދެނެގަތުމަށް ހަދާ ސާވޭ އެކެވެ. މި ސާވޭގައި ރާއްޖެއިން ލިބެން ހުންނަ ޚިދުމަތްތަކާއި މެދު ފަތުރުވެރިން ދެކޭ ގޮތާއި، މިނޫންވެސް ފަތުރުވެރިންނާއި ގުޅުން ހުރި މިފަދަ މައުލުމާތުތަކާއި ބެހޭގޮތުން ފަތުރުވެރިންނާއި ސުވާލު ކުރެވޭނެ ކަމަށް މި އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
ޓޫރިޒަމް މިނިސްޓްރީއިން މި ސާވޭ އާ ގުޅޭގޮތުން ނެރެފައިވާ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް) ގައި ބުނެފައިވާ ގޮތުން މި ސާވޭ ކުރާނީ އެ ފަތުރުވެރިއެއްގެ ގައުމުގެ ބަހުންނެވެ. މިގޮތުން ޖުމްލަ އަށް ގައުމެއްގެ ބަހުން ސާވޭ ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށް އެ މިނިސްޓްރީއިން ހާމަކޮށްފައިވެއެވެ.
މި ސާވޭ ކުރިޔަށްގެންދަން ޝައުގުވެރިވާ ފަރާތްތަކުން 14 މާރޗް 2019 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެ މިނިސްޓްރީއަށް ޕްރޮޕޯސަލް ހުށަހެޅުމަށް މި އިއުލާނުގައި ހާމަކޮށްފައިވެއެވެ.
މި ސާވޭ އަކީ އަހަރަކު ތިން ފަހަރު މަތިން، ތިން އަހަރުގެ މުއްދަތަކަށް ކުރިޔަށް ގެންދިއުމަށް ގަސްތުކޮށްފައިވާ ސާވޭއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް