ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް ، މިހަފްތާގެ ފުރަތަމަ ޖަލްސާއަށް އެޖެންޑާ ނުކޮށް، ކޮމެޓީގައި އެބިލް ބާއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފައްދާފައިވާ ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް މިދިއަ ހަތްފާތަގައި ހުރިހާ ޖަލްސާތަކަކަށް އެޖެންޑާ ކުރި ނަމަވެސް މެމްބަރުން ހަމަނުވުމުގެ ސަބަބުން އެއްވެސް ޖަލްސާއެއްގައި ވޯޓަށް އެހޭ ވަރު ނުވީއެވެ.
ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް މިހާރުވަނީ އަނެއްކާ އަލުން ދިރާސާ ކުރުމަށް ކޮމެޓީއަށް ފޮނުވާލާފައެވެ. އެބިލް އަނބުރާ ދިރާސާ ކުރުމަށް ފޮނުވާލާފައި ވަނީ، ކޮމެޓީ ރިޕޯޓް އެކުލަވާލާފައިވަނީ، އެބިލް ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކުރި ގޮތަށް ނޫން ކަމަށް ވިދާޅުވެ، އެކޮމެޓީގެ ބައެއް މެމްބަރުން ސޮއިކޮށް، މަޖިލީހުގެ ރައީސް ގާސީމް އިބްރާހީމަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ވިދާޅުވެ، މިދިޔަ ބުދަ ދުވަހުގެ ޖަލްސާގައެވެ.
މިކަމާއި ބެހޭގޮތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ، އެކަން ހިނގާފައިވާގޮތް ބައްލަވާނެ ކަމަށާއި ފިޔަވަޅުވެސް އަޅުއްވާނެ ކަމަށެވެ.
ގާސިމް އިބްރާހިމް މިހެން ބުނެފައިވާއިރު، މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މުގައްރިރު ރޮޒެއިނާ އާދަމް ވިދާޅުވެފައިވަނީ ކޮމެޓީ ރިޕޯޓް އެކުލަވާލާފައިވަނީ ކޮމެޓީން އެ ރިޕޯޓް ފާސްކޮށްފައިވާ ގޮތަށް ކަމަށެވެ.
އެބިލަކީ ދައުލަތުގެ ފައިސާއާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތްނޭނގޭ މަރުގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދާފައިވާ ދެ ކޮމިޝަނަށް ބާރު ލިބިދޭ ގޮތަށް ފަރުމާކޮށްފައިވާ ބިލެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް