"ބޯއީއެއް ވިޔަސް، ގާރލްއެއް ވިޔަސް ނާޝިދަށް އޯކޭ.... އެކަމަކު ނާޝިދު ކަހަލަ ކުއްޖަކަށް ވާންވާނެ....! ނާޝިދުގެ މަންމަވެސް ބައްޕަވެސް ބޭނުންވާނީ ނާޝިދު ކަހަލަ ކުއްޖެއް...." ނާޝިދު ހީނލާފައި ބުނެލިއެވެ.
އެވަގުތު ނާޝިދުމެން ތިބި ރުއްގުޅީގެ ފަހަތުން ބާރުގަދައަޑެއް އިވިގެންދިޔައެވެ. އެއަޑާއެކު އެހިސާބު ގަސްގަހުގައި ނިދަންތިބި ދޫނިސޫފާސޫފިތައް އުދުއްސައިގަތެވެ. ނާޝިދުއާއި ހުމޭދާއަށް ފަހަތަށް ބަލާލެވުނީ އެއްފަހަރާއެވެ. އެވަގުތު ހުމޭދާ ދިޔައީ ސިއްސައިގެންނެވެ. ފަހަތުން ގަސްތަކުގެ ތެރެއިން އަލިފާންގަނޑެއް އަރައިގެން ދިޔައެވެ.
"ކޮންމެސް ތަނެއްގަ ރޯވެގެން ކަންނޭނެ އެއުޅެނީ.... މިދިމާއަށް ދުންގަނޑާ އަލިފާންގަނޑު އެހެރީވެސް... ހިނގާ އަވަހަށް މިތަނުންދާން...." ފަހަތަށް ބަލަންއިނދެ ހުމޭދާ ބުނެލިއެވެ.
ހުމޭދާއަށް ހަމައެކަނި އަލިފާންގަނޑެއް އަރައިގެން ދިޔަތަން އެދިމާއިން ފެނުނަސް ނާޝިދުއަށް އެތަނުން ބޮޑު ހިޔަންޏެއްވެސް ފެނުނެވެ.
"ހިނގާދެންދަމާ.... ނޭނގެ ކޮންތާކުކަމެއްވެސް ރޯވެގެން އެ އުޅެނީ.... އަވަހަށް ގެއަށްދާން ހިނގާ...." ރުއްގުޅިމަތިން ތެދުވަމުން ނާޝިދު ބުނެލިއެވެ.
ލާމިހު ފުރައިގެންދިޔަތާ 4 މަސްވެގެން ދިޔައިރުވެސް ޚަބަރެއްނުވެއެވެ. ނާޝިދު ބުނާގޮތުން ވިއްޔާ ލާމިހު، ޢާއިޝާއާއި ކައިވެނި ކުރުމަށް ލާމިހުގެ މަންމަމެން ޤަބޫލުނުވާތީ ރަށުގައި މަޑުކޮށްގެން ހުރީއެވެ. ފެމިލީގެ ރުހުން ލިބުނުހާ އަވަހަކަށް ލާމިހު އެނބުރި އަންނާނެއެވެ. ރާއިދު ކަންތައްކުރި ގޮތުން ޢާއިޝާ ފޫހިވެފައިވާތީ، ކޮންމެހެން ލާމިޙު އަޔަސް ނަޔަސް އެކަމަކުން ޢާއިޝާއަށް ކުރާނެ މާބޮޑު އަސަރެއް ނެތެވެ. އެކަމާދޭތެރޭ ޢާއިޝާ އެއްގޮތަކަށްވެސް ނުވިސްނައެވެ. ޢާއިޝާގެ މިހާރުގެ ހުރިހާވެސް އުއްމީދަކީ ކިޔެވުން ފުރިހަމަ ކުރުމެވެ. ކުރިން ކިޔަވަން ފަށާފައިވާ މާސްޓަރސް އޮފް އާޓްސް ފުރިހަމަ ކުރުމެވެ.
ދުވަސްތައް މާޒީވަމުންގޮސް ހުމޭދާގެ ބަނޑަށް ދުވަސްފުރި ވިހާދުވަސް ޖެހިއްޖެއެވެ.
"މިއަދު ބަނޑަށް ވަރަށް އުނދަގޫ.... ހުމޭއަށް ހީވަނީ ވިހަން ކައިރިވެއްޖެހެން..." ނާޝިދުއާ ދިމާއަށް ބަލަން އޮވެ ހުމޭދާ ބުނެލިއެވެ.
"ޑޮކްޓަރ ބުނި ތާރީޚު އަންނަން އަދި ހަތަރު ދުވަސް އެބައޮތެއްނު.... ބަނޑުގެ ރިއްސާތަ....؟" ނާޝިދު ސުވާލުކޮށްލިއެވެ.
"ފާޑަކަށް އުނދަގޫވެފަ ހުންނަނީ.... ފުރަތަމަ ފަހަރުވީމަ ޑޭޓަށްވުރެ ކުރިންވެސް ވިހާފާނެއެއްނު... ހުމޭއަށް ފެންނަނީ ސައިބޮއިގެން ހޮސްޕިޓަލަށްގޮސް ދައްކާލަން... މިހެންހުއްޓަ ވިހައިފިއްޔާ ހަދާނެ ގޮތެއްވެސް ނޭނގޭނެ..." ހުމޭދާ ހީނލާފައި ބުނެލިއެވެ.
"ތީ ހުމޭއަށް ހީވާގޮތް.... ނާޝިދުއަށް އިނގޭނެ ހުމޭ ވިއްސަން..." ހީނލާފައި ސަމާސާ ރާގަކަށް ނާޝިދު ބުނެލިއެވެ.
"ކޮންމެ ކަމެއްގަވެސް ސަމާސާ.... ކުއްޖަކު ލިބެން އުޅޭއިރުވެސް މި ނާޝިދު ބޮޑެއްނުވާނެ.... މިހާރު ބައްޕައަކަށޭ ތިވަނީ...." ނާޝިދުގެ ކޮނޑުގައި ޖަހާލަމުން ހުމޭދާ ބުނެލިއެވެ.
"ކުއްލިއަކަށް ވަރަށް ބޮޑަށް ރިއްސައިގަނެއްޖެ... ކެތެއްނުވާނެ ދެން.... ހިނގާދާން... ހުމޭއަކަށް ހީއެއްނުވެ ދެން މާގިނަ ވަގުތެއް އޮތްހެނެއް..." އުނަގަނޑުގައި އަތް ޖައްސާލަމުން ހުމޭދާ ބުނެލިއެވެ.
"ކާރަކަށް މިގުޅަނީ.... ހުމޭ އަވަހަށް ރެޑީވޭ...." ނާޝިދު ޖީބުން ފޯނުނަގަމުން ބުނެލިއެވެ.
ހުމޭދާ ލޭބަރ ރޫމަށް ވެއްދިއިރު ހޮސްޕިޓަލުގައި އެންމެންވެސް ތިއްބެވެ.
"އަވަސް އަރުވާލާފަ އަންނަންވެގެން ހަނދާން ނެތި ކުޑަމީހާގެ ވަށިގަނޑު ބަހައްޓާފަ މިއާދެވުނީ...." ހަސީނާ، ނާޝިދާ ދިމާއަށް ބަލާލަމުން ބުނެލިއެވެ.
"ނާޝިދު އަންނާނަން ގެއަށް ގޮސް އެ ހިފައިގެން.... ކޮންތާކު ވަށިގަނޑު ހުރީ....؟" ނާޝިދު ސުވާލުކޮށްލިއެވެ.
"އެ ހުންނާނެ ސިޓިންގ ރޫމް މޭޒުމަތީ... ތައްޔާރުކޮށްފަ ހުންނާނީވެސް.... ގޮއްސަ އެ ހިފައިގެން އަވަހަށް އަންނައްޗޭ...." ހަސީނާ ބުނެލިއެވެ.
ހުމޭދާ ބަނޑުގައި ރިއްސާތީ ލޭބަރ ރޫމް ތެރޭގައި ތެޅިފޮޅެނީއެވެ. ހަސީނާއާ ޚާލިދު ދެކޮޅަށް ހިނގާލަ ހިނގާލަ ލޭބަރ ރޫމް ކުރިމަތީގައި ތިއްބާ ކުއްލިއަކަށް މުޅި ހޮސްޕިޓަލުން ކަރަންޓް ދިޔައެވެ.
"އަހާނ... ކަރަންޓު އެދިޔައީ.... މިގަޑީގަ ކުއްލިއަކަށް މިވީ ކިހިނެތް... ރަށުތެރެއިން މިތާ ކައިރީ ހިސާބުތަކުގަވެސް ކަރަންޓް އެބަހުރި.... އެހެރީ ގެތަކުން ލައިޓް ފެންނަން..." ހަސީނާ ކުޑަދޮރުން ބޭރު ބަލާލަމުން ބުނެލިއެވެ.
އެވަގުތު ލޭބަރ ރޫމުން ބޭބީ ރޮއިގަން އަޑު އިވުނެވެ.
"ވިއެހީ ކަންނޭނގެ...." ޚާލިދު ބުނެލިއެވެ.
"އާނ... އެވިހެއީ.... ކަރަންޓް ދިޔަގަޑީގަ އެވިހެއީ... ވަރަށް ކަޅުވާނެ ކަންނޭނގެ...." ޙަސީނާ މަޖާރާގަކަށް ބުނެލިއެވެ.
އެވަގުތު ވަށިގަނޑު ހިފައިގެން ނާޝިދު އައިސް ވަނެވެ.
"ކޮބާ ކިހިނެތްވަނީ....؟ ވިހައިފިތަ....؟" ނާޝިދު މަނޭވާލަމުން ސުވާލުކޮށްލިއެވެ.
"އާން... ދެންމެ ހަމައެވިހެއީ.... ހާދައަވަހަށް ގެއަށްގޮއްސަ ތިޔައީ... މިހާރު ތީ ބައްޕައެއް އިނގޭ...." ޚާލިދު ހެވިލާފައި ބުނެލިއެވެ.
"ކޮބާ ބޭބީ.... ދައްކާލައިފިތަ....؟ މިހާރު އެތެރެއަށް ވަދެވޭތަ....؟ ނާޝިދު ސުވާލު ކުރިއެވެ.
"ނޫނޭ... އަދި ބޭބީ ނުނެރެ... އެތެރެއަކަށްވެސް އަދި ނުވަދެވޭ... ދެންމެ ހަމަ އެ ވިހެއީ..." ހަސީނާ ބުނެލިއެވެ.
"ކޮބާ މިހާރު ގެއިން ގެންނަންޖެހޭ ހުރިހާ އެއްޗެއް ގެނެސް ނިމުނީތަ....؟" ޚާލިދު ސުވާލުކޮށްލިއެވެ.
"އާނ... ގެއިން ގެންނަންޖެހޭ މާގިނަ އެއްޗެއްނެތޭ... ބޭބީގެ ވަށިގަނޑާ މިކޮތަޅާއި ގެންނަންހުރީ...." ހަސީނާ ޖަވާބު ދިނެވެ.
އެވަގުތު ނަރސް، ބޭބީ ގޮވައިގެން ލޭބަރ ރޫމަށް ނުކުމެ ބޭބީ ދިއްކޮށްލުމާއެކު ނާޝިދު ބޭބީ އުރާލިއެވެ.
"ދަރިފުޅާ މިއީ ބައްޕަ އިނގޭ.... ދެން މިތިބީ ކާފައާއި މާމައާ ދެމީހުން..." ނާޝިދު ބޭބީގެ ކޮލުގައި ހިފާލަމުން ބޭބީ އާ ވާހަކަ ދެއްކިއެވެ.
ހަވީރުގެ ވަގުތެވެ. ހޮސްޕިޓަލުގައި ހަސީނާ އިންދާ އައިސްވަނީ ނާޝިދެވެ.
"ދަރިފުޅާ މަންމަ އަންނާނަން ގެއަށްގޮސް ފެންވަރާލައިގެން.... ދަރިފުޅު، މަންމަ އަންނަންދެން މަޑުކުރައްޗޭ...." ނާޝިދު އައިސް ހޮސްޕިޓަލަށް ވަނުމާއެކު ހަސީނާ ބުނެލިއެވެ.
"މަންމަގޮސް ފެންވަރާލައިގެން ރެސްޓްކޮށްލާފަ އާދޭ.... ނާޝިދު މިކޮޅުގަ މަޑުކުރާނަން....." ނާޝިދު ބުނެލިއެވެ.
"ހުމޭ ކިހެނެތް....؟ އަދިވެސް ބަނޑަށް ވަރަށް ތަދުވޭތަ....؟ ހުމޭދާ ގާތުގައި އިށީންނަމުން ނާޝިދު ސުވާލުކޮށްލިއެވެ.
"ކުޑަކޮން.... މިހާރު ބޮޑަށް ވަރުބަލިވެފަ ހުންނަނީ...." ހުމޭދާ ކުޑަކޮށް މައްޗަށް ޖެހިލަމުން ބުނެލިއެވެ.
"ހިނގާ ދޮންކެޔޮވަކަކާ ކިރުތައްޓެއް ބޯލަން.... އޭރުން ގައިގަ ވަރުޖެހޭނީ... ޑޮކްޓަރ ބުންޏެއްނު ލޭ ވަރަށް ދަށޭ.... ލޭވެސް ރަނގަޅުވާނީ ދޮންކެޔޮ ކަހަލަ އެއްޗިހި ކޭމައޭ...." ހުމޭދާގެ ބޮލުގައި ފިރުމާލަމުން ނާޝިދު ބުނެލިއެވެ.
"ދެންމެވެސް މަންމަ ދެދޮންކެޔޮވައް ކާންދީފި.... އެހާވަރަށް ކިހިނެތް ދޮންކެޔޮކާނީ.... ހައްތަހާ ފަލަވާނީ...." ހުމޭދާ ބުނެލިއެވެ.
"އެކަމަކު ލޭ ރަނގަޅުވާނީ އެކަހަލަ އެއްޗިހި ކޭ ވަރަކަށް.... ވަރުބަލިވަނީވެސް ލޭ މަދުވާތި... އިއްޔެއަށްވުރެ މާބަލިކޮށް ހުމޭ ފެންނަނީވެސް.... ހުމޭ ބަލިވެއްޖިއްޔާ ނާޝިދު ވަރަށް ދެރަވާނެ..." ހުމޭދާގެ އަތުގައި ހިފަހައްޓައިގެން އިނދެ ނާޝިދު ބުނެލިއެވެ.
"ހުމޭއަށް ތިކަހަލަ އެއްޗިހި މާގިނައިން ކާންދެންޏާ ދުވަސްކޮޅަކުން ހުމޭ ހީވާނީ ބޮޑު ފީފާއެއްހެންނު.... އޭރުން މިހާރުތިވާ ލޯބި ނާޝިދުވެސް ނުވާނެ ކަންނޭނގެ.... ކޮންމެހެން ތިކަހަލަ އެއްޗިހި ނުކެޔަސް ބޭސްކޭމަވެސް ރަނގަޅުވާނެއެއްނު....." ނާޝިދުއާ ދިމާއަށް ބަލާލަމުން ހުމޭދާ ބުނެލިއެވެ.
"ނާޝިދު ލޯބިވަނީ ހަމައެކަނި ހުމޭގެ ސިފަ ދެކެއެއް ނޫނޭ.... އަދިވެސް އެކަމެއް ނޭނގޭތަ...." ހުމޭދާގެ އަތުގައި ހިފާލައިގެން އިނދެ ނާޝިދު ވާހަކަ ދެއްކިއެވެ.
"ތިޔެއްނޫނޭ.... ހުމޭ ވިހޭއިރު ނާޝިދު ނެތިންދޯ.... އެގަޑީގައި ކަރަންޓް ގޮއްސައޮތީ... ހަމަ ކަރަންޓް ދިޔަވަގުތު ހުމޭ ވިހެއީ... ކަރަންޓް ނެތަސް ހުމޭ ވިހޭއިރު މުޅިތަނަށް ފާޑެއްގެ އަތްޔެއް ވެގެންދިޔަ.... ހީވީ ވިދާލިހެން..." ނާޝިދުއާ ދިމާއަށް ބަލަންއޮވެ ހުމޭދާ ބުނެލިއެވެ.
ނުނިމޭ... ވާހަކައިގެ އާ ބައެއް، 06 ފެބްރުއަރީ 2024، އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް