"އެ ކީއްވެ....؟" ލާމިޙު އާއި ދިމާއަށް ބަލަން އިނދެ ޢާއިޝާ ސުވާލުކުރިއެވެ.
"ވަރަށް އަވަހަށް އަދި އެކަން އެނގޭނެ...." އިސްދަށަށް ޖަހައިގެން އިނދެ ލާމިހު ވާހަކަ ދެއްކިއެވެ.
"ލާމިހުގެ ފެމިލީ ޤަބޫލު ނޫނިއްޔާ ކޮންމެހެން ފެމިލީއާ ދެކޮޅަށް ތެޅިފޮޅިގަނެގެން ކައިވެނި ކުރުމަކީ ރަނގަޅުގޮތެއް ނޫނެއްނު... އިތުރަށް ފެމިލީއާ ވާހަކަ ދައްކަން އަދި ދުވަސްކޮޅަކު މަޑުކުރަންވީނު...." ލާމިޙްއާ ދިމާއަށް ބަލަން އިނދެ ޢާއިޝާ ވާހަކަ ދެއްކިއެވެ.
"ކިތަންމެ ގިނަދުވަހެއްވިޔަސް ހިޔެއްނުވެ ލާމިހުގެ ފެމިލީ މިކައިވެންޏަށް އެއްބަސްވެދާނެ ހެނެއް... އެމީހުން އެއްބަސް ނުވިޔަސް ލާމިހު ބޭނުން ޢާއިޝާ އާ ކައިވެނި ކުރަން.... ޢާއިޝާ މިގޮތް ޤަބޫލިއްޔާ ލާމިޙު މިހިރީ މިހާރުވެސް ކައިވެނި ކުރަން ތައްޔާރަށް..." ޢާއިޝާއާ ދިމާއަށް ބަލަންއިނދެ ލާމިހު ވާހަކަ ދެއްކިއެވެ.
"އެކަމަކު ޢާއިޝާ ބޭނުމެއްނޫން ލާމިހުގެ ފެމިލީ ނުޤަބޫލުގަ ލާމިހުއާ ކައިވެނި ކުރާކަށް... ޢާއިޝާއަށް ފެންނަނީ ކައިވެނި ކުޑަކޮށް ލަސްކޮށްލަން...." ޢާއިޝާވެސް ލާމިހު އާ ދިމާއަށް ބަލަންއިނދެ ވާހަކަ ދެއްކިއެވެ.
"ކައިވެނީގެ ވާހަކަ ޢާއިޝާ މަންމަމެންނާ ދައްކާފަ ލާމިހުއަކަށް ދެން ނުކުރެވޭނެ ލާމިހުގެ ފެމިލީ ޤަބޫލު ނުވެގެން ކައިވެނި ލަސްކޮށްލީއޭ ބުނާކަށް...." ލާމިޙް ބުނެލިއެވެ.
"ތިކަން ޢާއިޝާއަށް ދޫކޮށްލާ.... ޢާއިޝާ ބުނެފާނަން ޢާއިޝާ ރެޑީވާން ދުވަސްކޮޅެއް ބޭނުމޭ.... އޭރުން އެކަން އެނިމުނީނު... އެހާ ހާސްވާއެއްޗެއްނޫނޭ... ވަރަށް ލަސްވެއްޖެ... ދެން މިދަނީ ނިދާލަން އިނގޭ.... މާދަމާ މަންމައާއި ތިވާހަކަ ދައްކާލާނަން...." ޢާއިޝާ ތެދުވެގެން ހިނގައިގަންނަމުން ބުނެލިއެވެ.
"އަދި ބުންނަތަ ވާހަކައެއް....! ލާމިޙު މިވިސްނަނީ ދުވަސްކޮޅަކު ފެމިލީއާއެކު އުޅެން އެކޮޅަށް ގޮސްލަން... މަހެއްހާ ދުވަހަށް.... އޭރުން އެކޮޅުގަ ހުރެގެން ފެމިލީ އެއްބަސް ކުރުވައިގެން މިކޮޅަށް އަންނާނީ.... އައިސް ޢާއިޝާއާ މެރީ ކުރަން... އެގޮތް ކިހިނެތްވާނެ....؟ ލާމިހު ބުނެލިއެވެ.
"ތީގައޮތީ ލާމިހު ބޭނުންގޮތެއް.... ޢާއިޝާއަށް އޯކޭ.... ޢާއިޝާ ބޭނުންވަނީ ލާމިހުގެ ފެމިލީގެ ޤަބޫލުގަ މިކައިވެނި ކުރެވެން... އޭރުން ޢާއިޝައަށް އޯކޭ...." ޢާއިޝާ ޖަވާބު ދިނުމަށްފަހު ގޮސް ކޮޓަރިއަށްވަނެވެ.
ލާމިހު ޖޯލީގައި ވިސްނާލަށް އިރުކޮޅަކު އޮތެވެ. އެއަށްފަހު ލާމިހުވެސް ގޮސްވަނީ ކޮޓަރިއަށެވެ.
ހުމޭދާ ގެއަށްއައިސް އެއްޗިހި ބަދަލުކޮށްގައި އޮށޯތީ ނިދާށެވެ. ހުމޭދާ ގެއަށް އައިއިރު ކޮންމެވެސް ވަރަކަށް ބޮލުގަ ރިއްސުމެއް ހުރިކަން ފާހަގަ ކުރެވުނެވެ.
"ނެތްތަ ބޮލުގައި ރިއްސާތި ކާބޭހެއް....؟ ކުޑަކޮށް އެބަ ބޮލުގަ ރިއްސާ....." ހުމޭދާ އެއްޗިހި ބަދަލު ކޮށްލައިގެން އައިސް އެނދުގެ ބެޑްޝީޓު ރަނގަޅު ކޮށްލަމުން ބުނެލިއެވެ.
"ހުމޭ، ތިހެން މަސައްކަތް ނުކޮށްބަލަ....! ނާޝިދު މިހާރު ގިނަވަގުތު ގޭގައި މިހުންނަނީވެސް ހުމޭއަށް ކަންކަން ކޮށްދޭން... ނާޝިދު އެބައަންނަން ބޭސްގުޅައެއް ގަނެލައިގެން.... ވަރަށް އަވަހަށް އަންނާނަން...." ނާޝިދު އަލަމާރި ހުޅުވާލުމަށްފަހު ޓީޝާޓެއް ނަގައިގެން ލަމުންލަމުން ބުނެލިއެވެ.
"ގެއަކު އެއްވެސް ކަހަލަ ބޭހެއް ނެތްތަ....؟ ޕެނެޑޯލް ގުޅައެއްވެސް އޯކޭވާނެ... މިހާރު ބާރަޖެހީނު... ފިހާރަތައްވެސް ބަންދުވާނެ...." ނާޝިދު ނިކުންނަން ހިނގައިގަތުމާއެކު ހުމޭދާ ބުނެލިއެވެ.
"ފިހާރަތައް ބަންދުކޮށްފަ ހުއްޓަސް ތި ޕެނެޑޯލްއަށްވުރެ މާރަނގަޅު ބޭހެއް ހޯދައިގެން އަންނާނަން.... އެންމެ ގުޅައަކުން ރަނގަޅުވާނެ...." ނާޝިދު ހީނލާފައި ބުނެލިއެވެ.
'އަނެއްކާ ތިދަނީ އަމިއްލައަށް ބޭހެއް ހަދަންތަ....؟ ލަސްނުވެ އަންނައްޗޭ....!" ހީނލާފައި ހުމޭދާ ބުނެލިއެވެ.
ދަންވަރުގެ ވަގުތު ކަމުގައިވާތީ މުޅިމަގުމައްޗަށްވަނީ އަނދިރިކަން ވެރިވެފައެވެ. މަގުމަތީގައި އެއްވެސް މީހެއްގެ ހިލަމެއްވެސްނެތެވެ. ނާޝިދު ބޭރަށް ނުކުމެ ދެކޮޅު ހޯދާބަލާލުމަށްފަހު ކުރިއަށް ހިނގައިގަތެވެ. ނާޝިދު ބޭރަށް ނުކުތުމާއެކު ހުމޭދާއަށް ނިދިއްޖެއެވެ. ނާޝިދު ގެއަށްއައީ ބޭހެއް ހިފައިގެންނެވެ.
"ހުމޭ.... ހުމޭ.... ހޭލަބަލަ... މި ބޭސްކޮޅު ބޯލައިގެން ނިދާނީ.... ތެދުވޭ...." ނާޝިދު ފެންތައްޓަކާއެކު ބޭސްތައްޓެއް ހިފައިގެންހުރެ ހުމޭދާއަށް ގޮވަމުންދިޔައެވެ.
"ކިހާއިރެއް ގަޑިން.... ތި އައީތަ....؟" ހުމޭދާ މަޑުމަޑުން ތެދުވަން މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ.
"ދޭއްޖެހީ.... ބޭސްގުޅަ ކާލަބަލަ...." ބޭސްގުޅަ ދިއްކޮށްލަމުން ނާޝިދު ބުނެލިއެވެ.
"ހާދަލަހުން ތިއައީ... މިހާރަކަށް އައިސް ކޮންމެރެއަކު ކޮންތާކަށްތަ ތިދަނީ....؟ ބޭސްގުޅަ ކާލުމަށްފަހު ފެންފޮދެއް ބޯލަމުން ހުމޭދާ ސުވާލުކޮށްލިއެވެ.
"މިއައީ ހުމޭއަށް ބޭހެއް ހޯދަން ގޮއްސައެއްނު.... ހުމޭ ގާތުގަ ބުނެފައެއްނު ދިޔައީވެސް.... ފިހާރަތައް ބަންދުކޮށްފަހުރީމަ މީހަކު ހޯދައިގެން އޭނަ ގޮވައިގެން ފިހާރައަށްގޮސް ފިހާރަ ހުޅުވައިގެން ބޭހެއް މިހޯދީ.... އެހެންވެ ލަސްވީ.... ގެއަށް އައި އިރު ލާމިހު ބޭރުގަހުރީމަ އޭނަ ކައިރީގަވެސް މަޑުކޮށްލާފަ މިއައީ... އޭނަ ރަށަށް ގޮސްލަން ބޭނުންވަނީޔޯ... ދެން ހިނގާ ނިދަން އުޅެން...." ހުމޭދާ އެނދުމަތީގައި ބާއްވަމުން ނާޝިދު ބުނެލިއެވެ.
'އޭން...! ކީއްވެ އޭނަ ރަށަށްދާން ބޭނުންވަނީ...." ހުމޭދާ އެނދުގައި ހަމަޖެހިލަމުން ބުނެލިއެވެ.
"ލާމިހުގެ މަންމަމެން ޤަބޫލެއް ނޫނޯ ޢާއިޝާއާ ކައިވެނި ކުރާކަށް.... އެހެންވެޔޯ...." ނާޝިދުވެސް އެނދުގައި އޮށޯންނަމުން ބުނެލިއެވެ،
"ދެން.... ޢާއިޝާ ދޫކޮށްލާފަ ލާމިހު ދަނީތަ....؟" ނާޝިދުއާއި ދިމާއަށް ބަލަންއޮވެ ހުމޭދާ ބުނެލިއެވެ.
"ނޫނޭ.... މަހެއްހާދުވަހު އެކޮޅުގަ މަޑުކޮށްލާފަ މަންމަމެން އެއްބަސް ކުރުވައިގެން އަންނާނަމޯބުނީ.... ޢާއިޝާ އާ ނުލާ ދެން ނޫޅެވޭނެޔޯ...." ހީނލާފައި ނާޝިދު ބުނެލިއެވެ.
"މީހުން ބުނާތީ އަޑުއަހަން ލޯތްބަކީ ކޮންމެ މީހެއްގެ ހަޔާތުގަ އަންނަ އެންމެ އުފާވެރި ދުވަސްތަކޭ.... އެކަމަކު ޢާއިޝާގެ ހަޔާތުގަ ލޯތްބަކީ އެހާ އުފާވެރި ދުވަސްތަކެއް ނޫން.... އެހެރީ ރާއިދު އޭނައާ ދޭތެރޭ ކަންތައްކުރިގޮތް.... ލާމިހު އެހެން ނަހަދައިފިއްޔާ ކިތަންމެހާވެސް ރަނގަޅު...." ޢާއިޝާ އެނދުގައި ހަމަޖެހިލަމުން ބުނެލިއެވެ.
"ބުނަންތަ ވާހަކައެއް....؟ ކޮންމެ މީހެއްގެ ދިރިއުޅުމުގަވެސް ހީވެސްނުކުރާ ކަހަލަ ކަންކަމާ ކުރިމަތި ލާންޖެހޭނެ... ބައެއް ފަހަރު ހިތާމަވެރިކަން... އަނެއްބައި ފަހަރު އުފާވެރިކަން.... އެއީ ދުނިޔޭގެ އާދަ... މިކަންކަމަށް އެންމެންވެސް ކެތްކުރަންވާނެ.... ޢާއިޝާއަށް ދެރަގޮތެއް ނުވާނެ..... ހިނގާ ދެން ނިދަންއުޅެން...." ނާޝިދު ބުނެލިއެވެ.
ރޭގަނޑުގެ ކެޔުމަށްފަހު ހުމޭދާ އޮތީ ގޯތިތެރޭގައި ހުރި ޖޯލިފަތީގައި ވައިޖައްސާލުމަށެވެ. ރެއަކީ ހަނދުވަރު ރީތި ހިސާބަކަށް ވައިޖެހޭ ރެއެކެވެ. އުޑުމަތިން ފެންނަމުންދާ ތަރިތަކަށް ނަޒަރު ހުއްޓާލައިގެން އޮއްވާ ހުމޭދާ ސިހިގެންދިޔައީ ނާޝިދުގެ އަޑަށެވެ.
"ވަރަށް ހަނދުވަރު ރީތީ ރެއެއްނު.... ހިނގާބަލަ ބޭރަށްދާން.... މިރޭ އެފަރާތު ބީޗު ވަރަށް ރީތިވާނެ.... އޮފް އަރާ އަކިރިތަކަށް ހަނދުވަރުގެ އަލި އެޅިފަ އޮންނައިރު ވަރަށް ރީތިވާނެ... ހިނގާދާން...." ނާޝިދު އައިސް ޖޯލީގައި އިށީންނަމުން ބުނެލިއެވެ.
"ސަޅިވާނެ... ހިނގާދާން... އެބައަންނަން ކުޑަކޮށް ރެޑީ ވެލައިގެން...." ހުމޭދާ ޖޯލިން ތެދުވަމުން ބުނެލިއެވެ.
ނާޝިދުއާއި ހުމޭދާ ސައިކަލް ދުއްވަމުންދިޔައީ ތުނޑިއާ ދިމާއަށެވެ. ތުނޑިއަށްދާ ސަރައްޙައްދުގައި ހެދިފައިވާ ރުއްތަކުގެ ތެރެއިން ލާފައިގޮސް އެސަރަޙައްދުގައި ސައިކަލް ބެހެއްޓުމަށްފަހު އެމީހުން މަޑުމަޑުން ފޭބީ އެދިމާ ތުނޑިއަށެވެ. ތުނޑިއަށް ފައިބައިގެން މަޑުމަޑުން ހިނގަމުން ދިޔައެވެ.
"ހިނގާ މިތާ އިށީންނަމާ... ފާޑަކަށް ވަރުބަލިވެއްޖެ...." ހުމޭދާ ހިނގުން މަޑުކޮށްލުމަށްފަހު އުނަގަނޑުގައި އަތްޖައްސާލިއެވެ.
"ހިނގާ އެތާ އެއޮތް ރުއްގުޅި މައްޗަށް... އޭރުން އިށީންނަށް ފަސޭހަވެސް ވާނެ..." ކުރިމަތިން ފެންނަންއޮތް ރުއްގުޅި ދައްކާލަމުން ނާޝިދު ބުނެލިއެވެ.
"މިހަފުތާގަ ޑޮކްޓަރަށް ދައްކަންޖެހޭނެ.... ޑޮކްޓަރަށް ދައްކާ ދުވަސް ކައިރިވާތި ކަންނޭނގެ އުނދަގޫ މިވަނީ...." ރުއްގުޅި މަތީގައި އިށީންނަމުން ހުމޭދާ ބުނެލިއެވެ.
"ހުމޭ ބޭނުމީ ކޮން ކަހަލަ ކުއްޖެއްތަ....؟" ހުމޭދާގެ އަތުގައި ހިފަހައްޓައިގެން އިނދެ ނާޝިދު ސުވާލުކޮށްލިއެވެ.
"ނާޝިދު ބޭނުމީ ކޮންކަހަލަ ކުއްޖެ...؟ ފުރަތަމަ ނާޝިދު ބުނެބަލަ.....؟" ނާޝިދުއާ ދިމާއަށް ބަލާލުމަށްފަހު ހުމޭދާ ސުވާކޮށްލިއެވެ.
"ނާޝިދު ބޭނުމީ ހަމަ ނާޝިދު ކަހަލަ ކުއްޖެއް....!" ހުމޭދާއާ ދިމާއަށް ބަލަންއިނދެ ނާޝިދު ބުނެލިއެވެ.
"ތީގެ މާނައަކީ ނާޝިދު ބޭނުންވަނީ ބޯއީ އެކޭދޯ...! އެކަމަކު ހުމޭ ބޭނުމީ ގާރލްއެއް...." ހީނލާފައި ހުމޭދާ ބުނެލިއެވެ.
ނުނިމޭ.. ވާހަކައިގެ އާ ބައެއް، 04 ފެބްރުއަރީ 2024، އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް