ގެއްލުނު މީހާ އަދިވެސް ނުފެނޭ، ޑިންގީވެސް ނުފެނޭ: އެމްއެންޑީއެފް

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިރާކޮޅު ވަގުތެއްގައި ލޯންޗަކާއި ޑިންގީއެއް ޖެހި ކަނޑުމަތީގައި ހިނގި ހާދިސާއިން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން އަދި އެ ސަރަހައްދުގެ ރައްޔިތުން ކު...

04 Jan 2020 | 06:05

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އިރާކޮޅު ވަގުތެއްގައި ލޯންޗަކާއި ޑިންގީއެއް ޖެހި ކަނޑުމަތީގައި ހިނގި ހާދިސާއިން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން އަދި އެ ސަރަހައްދުގެ ރައްޔިތުން ކުރަމުން އަންނައިރު އަދިވެސް އެމީހާ ފެނިފައިނުވާކަމަށާއި އަޑިއަށް ދިޔަ ޑިންގީވެސް ފެނިފައިނުވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުން އަންނަނީ ބ. އޭދަފުށީ މުސްތަރީގޭ، އުމުރުން 41 އަހަރުގެ ނަސްރުﷲ އަބްދުﷲ އެވެ.

މިއަދު މީޑިއާތަކަށް އެންމެ ފަހުގެ މައުލޫމާތު ދެމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ މީހާ ހޯދުމަށް އެމްއެންޑީއެފްއިން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަން ހުއްޓާނުލާ ކުރިއަށްގެންދާކަމަށާއި މިއަދުވެސް ކޯސްޓްގާޑުގެ ޑައިވަރުން ޑައިވް ކުރަމުން އަންނަ ކަމަށެވެ. ޑައިވިން ރޮބޮޓްވެސް ބޭނުން ކުރަމުން އަންނަ ކަމަށެވެ. އަދި ކޯސްޓްގާޑު ލޯންޗުން ދަނީ ކަނޑުގެ ސާފޭސް ބަލަމުން ކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.

އެ ހާދިސާ ހިނގިއިރު ޑިންގީގައި ނަސްރުﷲގެ އިތުރުން އުމުރުން 42 އަހަރުގެ މީހަކާއި 38 އަހަރުގެ މީހަކުވެސް ހުރިކަމަށްވެއެވެ. ނަސްރުﷲ ނޫން އަނެއް ދެމީހުން ވަނީ ސަލާމަތްވެފައެވެ.

ޑިންގީއާއި ލޯންޗެއް ޖެހި އެކްސިޑެންޓް ހިނގާފައިވަނީ ބ. ދޮންފަނާއި ހަނިފަރާއި ދެމެދު ސަރަހައްދުގައެވެ. އޭރު ޑިންގީ އޮތީ އެ ސަރަހައްދުގައި މަސްވެރިކަމަށް މަޑުކޮށްގެން ކަމަށްވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް