ޔުއެފާ ޔޫރޯ 2020 ގައި ވާދަކުރާނެ ޓީމުތައް ކަނޑައެޅުމަށް ކުޅޭ ކޮލިފިކޭޝަން ބުރުގެ ގުރު ނަގައިފިއެވެ. ޔޫރަޕްގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތުގެ ޖާގައެއް ހޯދުމަށް ކުޅޭ ކޮލިފިކޭޝަން ބުރުގައި ޔޫރަޕްގެ ގައުމުތައް ވަނީ، ކޮންމެ ގްރޫޕެއްގައި 5 ގައުމު ހިމެނޭ ގޮތަށް ޖުމްލަ 10 ގްރޫޕަށް ބަހާލާފައެވެ.
މުބާރާތަށް ކޮލިފައިވުމަށް ކޮންމެ ގްރޫޕެއްގައި ހިމެނޭ 5 ޓީމު ވެސް އެ ގްރޫޕެއްގެ ހުރިހާ ޓީމަކާ ވާދަކުރަން ޖެހޭއިރު، ޔޫރޯއަށް ކޮލިފައި ވާނީ ކޮންމެ ގްރޫޕަކުން ވެސް އެއް ވަނަ އަދި 2 ވަނަ ހޯދާ ޓީމުތަކެވެ. އެއީ ޖުމްލަ 20 ޓީމެވެ. ބާކީ 4 ޖާގަ ކަނޑައަޅާފައިވަނީ ޕްލޭ-އޯފް ބުރުގެ ގޮތުގައެވެ. މި ހަތަރު ޖާގަ ލިބޭނީ މި އަހަރު ޔުއެފާ އިން ތަޢާރަފުކުރި ޔުއެފާ ނޭޝަންސް ލީގުގެ ކޮންމެ ޑިވިޝަނަކުން 1 ވަނަ ހޯދާ ޓީމަށެވެ. ކޮންމެ ޑިވިޝަނެއްގައި ހަތަރު ގްރޫޕް ހިމެނޭއިރު، 2 ލެގު ކުޅޭގޮތަށް ރާވާފައިވާ ސެމީ ފައިނަލަށް ދަތުރު ކުރާނީ ގްރޫޕްތަކުގެ އެއް ވަނަ ޓީމްތަކެވެ.
ނޭޝަންސް ލީގުގެ 4 ޑިވިޝަންގެ ޗެމްޕިއަނުންގެ ގޮތުގައި ޔޫރޯއަށް ކޮލިފައިވާ ގައުމުތަކުގެ ތެރެއިން ގައުމެއް، ކޮފިލިކޭޝަން ބުރުގެ ތެރެއިން މުބާރާތުގެ ޖާގައެއް ކަށަވަރު ކޮށްފައިވާނަމަ، އެ ޖާގައެއް ދެން ލިބޭނީ އެ ޑިވިޝަނެއްގެ 2 ވަނައަށް ނަތީޖާ އެންމެ ރަނގަޅު ޓީމަކަށެވެ.
ޔުއެފާ ޔޫރޯ 2020 ގެ ކޮލިފިކޭޝަން ބުރުގައި އެންމެ ވާދަވެރިވާނެކަމަށް ބެލެވޭ އެއް މެޗަކީ ގްރޫޕް ސީ ގައި ޖަރުމަނާއި ނެދަލޭންޑް ވާދަކުރާ މެޗެވެ. ނެދަލޭންޑަށް އެންމެ ފަހުގެ 2 ޔޫރޯއަށް ވެސް ކޮލިފައި ވެވިފައި ނުވާއިރު، ވޯލްޑް ކަޕްގެ ނާކާމިޔާބީއަށް ފަހު ޖަރުމަނަށް އަދި ވެސް އަޑިގަނޑުން އަރައި ނުގަނެވެއެވެ. އެހެނަސް، ނެދަލޭންޑުން ވަނީ ނޭޝަންސް ލީގުގެ ފުރަތަމަ ޑިވިޝަންގެ ސެމީއަށް ދަތުރު ކޮށްފައެވެ. ޖަރުމަނު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެފައި އޮތުމުން އެ ޓީމަށް އޮތީ ކޮފިލިކޭޝަން ބުރުގައި ނަތީޖާ ރަނގަޅު ކުރުމެވެ.
ކޮލިފިކޭޝަންގެ އެހެން ގްރޫޕްތަކަށް ބަލާއިރު، ޔޫރޯގެ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް އޮތީ ގްރޫޕް ބީ ގައެވެ. އެ ޓީމާ އެންމެ ބޮޑަށް ވާދަކުރާނީ ޔޫކްރެއިން އެވެ. އިންގްލެންޑާއި ޗެކްރިޕަބްލިކް ގްރޫޕް އޭ އަށް ލައްވާލިއިރު، ވޯލްޑްކަޕްގެ ފައިނަލުން ބަލިވި ކްރޮއޭޝިއާއަށް ގްރޫޕް އީ ގައި ވަރުގަދަ ވޭލްސް އާ ވާދަކުރަން ޖެހޭނެއެވެ. ދުނިޔޭގެ ޗެމްޕިއަން ފްރާންސްއަށް ގްރޫޕް އެޗްގައި އެންމެ ބޮޑު ވާދަވެރިއަކަށް ވާނީ އެންމެ ފަހުގެ ޔޫރޯގައި ސަޕްރައިޒިންގ ޓީމަކަށްވި އައިސްލޭންޑެވެ.
ޔުއެފާ ޔޫރޯ 2020 ކޮލިފައިންގ ގްރޫޕްތައް:
ގްރޫޕް އޭ: އިންގްލެންޑް، ޗެކް ރިޕަބްލިކް، ބަލްގޭރިއާ، މޮންޓެނެގޯ، ކޮސޯވޯ
ގްރޫޕް ބީ: ޕޯޗުގަލް، ޔޫކްރެއިން، ސާބިއާ، ލިތުއޭނިއާ، ލުޒެންބާގް
ގްރޫޕް ސީ: ނެދަލޭންޑްސް، ޖަރުމަން، ނޮދާން އަޔަލޭންޑް، އެސްޓޯނިއާ، ބެލަރޫސް
ގްރޫޕް ޑީ: ސްވިޒަލޭންޑް، ޑެންމާކް، ރިޕަބްލިކް އޮފް އަޔަލޭންޑް، ޖޯޖިއާ، ޖިބްރަލްޓާ
ގްރޫޕް އީ: ކްރޮއޭޝިއާ، ވޭލްސް، ސްލޮވޭކިއާ، ހަންގޭރީ، އަޒަރްބައިޖާން
ގްރޫޕް އެފް: ސްޕެއިން، ސްވިޑެން، ނޯވޭ، ރޯމޭނިއާ، ފެރޯ އައިލޭންޑްސް، މަލްޓާ
ގްރޫޕް ޖީ: ޕޮލެންޑް، އޮސްޓްރިއާ، އިސްރޭއީލް، ސްލޮވޭނިއާ، މެކެޑޯނިއާ، ލެކްވިއާ
ގްރޫޕް އެޗް: ފްރާންސް، އައިސްލޭންޑް، ތުރުކީ، އަލްބޭނިއާ، މޮލްޑޯވާ، އެންޑޮރާ
ގްރޫޕް އައި: ބެލްޖިއަމް، ރަޝިޔާ، ސްކޮޓްލޭންޑް، ސައިޕްރަސް، ކަޒަކިސްތާން، ސަން މަރީނޯ
ގްރޫޕް ޖޭ: އިޓަލީ، ބޮސްނިއާ އެންޑް ހަޒެގޮވީނާ، ފިންލޭންޑް، ގްރީސް، އަރްމޭނިއާ، ލީޗްޓެންސްޓައިން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް