ރައީސް ޞާލިޙް އުފެއްދެވި ދެ ކޮމިޝަނަކަށް ބާރުތައް ދޭ ބިލު މަޖިލީހަށް ބަލައިގަނެ ބަހުސް ފަށައިފި

ކޮރަޕްޝަން ބެލުމަށް އުފެއްދެވި ކޮމިޝަނާއި މަރުތަކުގެ ހަގީގަތް ހޯދުމަށް އުފެއްދެވި ކޮމިޝަނަށް ބާރުތައް ދޭ ބިލު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ބަލައިގަނެ އެބިލުގެ ބަހުސް ފަށައިފިއެވެ. ސަރުކާރުގެ ފަރާތ...

03 Dec 2018 | 05:39

ކޮރަޕްޝަން ބެލުމަށް އުފެއްދެވި ކޮމިޝަނާއި މަރުތަކުގެ ހަގީގަތް ހޯދުމަށް އުފެއްދެވި ކޮމިޝަނަށް ބާރުތައް ދޭ ބިލު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ބަލައިގަނެ އެބިލުގެ ބަހުސް ފަށައިފިއެވެ.

ސަރުކާރުގެ ފަރާތުން އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރޝީދު ހުށަހެޅުއްވި މި ބިލު މަޖިލީހަށް ބަލައިގެންފައިވަނީ ހާޒިރުވެ ތިއްބެވި 30 މެމްބަރުންގެ ތެރެއިން 28 މެމްބަރުންގެ ވޯޓުންނެވެ.

މި ބިލަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިޙް އުފައްދަވާފައިވާ "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" އަދި "މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަން" އަށް ލިބިދޭ ބާރުތަކާއި އިހްތިޔާރުތައް އަދި ކޮމިޝަނުން ނިންމާ މައްސަލަތަކުގެ ޝަރީއަތްތައް ކުރިއަށް ގެންދަންޖެހޭ ގޮތާއި ދައުވާ ކުރުމުގެ އުސޫލުތަކާއި ކޮމިޝަންގެ މުސާރައާއި އިނާޔަތްތައްވެސް ކަނޑައެޅުމުގެ ކަންކަން ހިމަނާފައިވާ ބިލެކެވެ.

މި ބިލުގެ ބަހުސް މަރުހަލާ ފަށާފައިވާއިރު މި ބިލު ފާސްވެ ގާނޫނަކަށް ވުމުން އެ ދެ ކޮމިޝަނަށް ބާރުތައް ލިބިގެންދާނެއެވެ. ލިބިދޭ ބާރުތަކުގެ ތެރޭގައި އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމާއި ޝައްކު ރެވޭ މީހުންގެ އެކައުންޓްތައް ފްރީޒް ކުރަން އެންގުމުގެ ބާރާއި އަދި ޖިނާއީ ތަހުގީގު ހިންގުމުގެ ބާރުގެ އިތުރުން ތަހުގީގު ހިންގުމަށް ބޭނުންވާ އެންމެހާ އެހީތައް ހޯދުމަށް ފުލުހުންނާއި ކޯޓުގައި އެދުމުގެ ބާރުވެސް މި ދެ ކޮމިޝަނަށް ލިބިގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް