އެމްއެމްބީއެސްގައި ކިޑްސް ކޯޑިންގ ކްލަބެއް އުފައްދަން ނިންމައިފި

މެރިޓައިމް އެކަޑެމީ އޮފް މޯލްޑިވްސް ބިޒްނަސް ސްކޫލް (އެ.މްއޭ.އެމްބީއެސް) ގައި ކިޑްސް ކޯޑިންގ ކްލަބެއް އުފެއްދުމަށް ނިންމައިފިއެވެ. އެ.މްއޭ.އެމްބީއެސްއިން ކުރިއަށްގެންދިޔަ އައިޓީ ފޯ ކިޑްސް ބެޗް ފަހެއްގ...

03 Dec 2018 | 04:47

މެރިޓައިމް އެކަޑެމީ އޮފް މޯލްޑިވްސް ބިޒްނަސް ސްކޫލް (އެ.މްއޭ.އެމްބީއެސް) ގައި ކިޑްސް ކޯޑިންގ ކްލަބެއް އުފެއްދުމަށް ނިންމައިފިއެވެ.

އެ.މްއޭ.އެމްބީއެސްއިން ކުރިއަށްގެންދިޔަ އައިޓީ ފޯ ކިޑްސް ބެޗް ފަހެއްގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން އެ.މްއޭ.އެމްބީއެސްގެ ޑިރެކްޓަރ އޮފް އެކަޑެމިކްސް މުހައްމަދު ފިރާޒް ވިދާޅުވީ އެ.މްއޭ.އެމްބީއެސްގެ އަމާޒަކީ ހަލުއިކަމާއެކު ކުރިއަރަމުންދާ އައިޓީގެ ދާއިރާއަށް ކުޑަކުދިން އަހުލުވެރިކޮށް އައިޓީގެ ދާއިރާއިން މީހުން ބިނާކުރުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުމެވެ. އަދި ހެދިބޮޑުވަމުން އަންނަ ކުދިންނަށް މިކަންކަން ދަސްކޮށްދީ މިދާއިރާއަށް ވީހާވެސް ގިނަ ފަރާތްތައް ނެރުމަށް ކުރެވޭ މަސައްކަތުގައި އެ.މްއޭ.އެމްބީއެސްއިން ބައިވެރިވާނެކަމަށެވެ. މިގޮތުން އެ.މްއޭ.އެމްބީއެސްގެ އަމާޒަކީ އައިޓީ ދާއިރާގެ ތަފާތު ފަންނުތަކުގައި މަސައްކަތްކުރާނެ ފަރާތްތައް ބިނާކުރުމެވެ.

އައިޓީގެ ދާއިރާއަށް މީހުން ނެރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކުޑަކުދިންނަށް ޚާއްސަކޮށް އެ.މްއޭ.އެމްބީއެސް ކިޑްސް ކޯޑިންގ ކްލަބްގެ ނަމުގައި ކްލަބެއް އުފައްދާނެކަން އިޢުލާންކުރައްވާ ފިރާޒު އިތުރަށް ވިދާޅުވީ މިޕްރޮގްރާމްގެ ތެރެއިން މިފެށިގެންދާ ފެށުމަކީ އައިޓީގެ ދާއިރާއަށް ކުދިން އަހުލުވެރިކުރުމުގެ ފެށުމެއް ކަމަށެވެ. އަދި ދާއިރާއާއިމެދު ކުދިންގެ ވިސްނުމާއި ޝައުގުވެރިކަން ކުރިއަރައިގޮސް އައިޓީގެ ދާއިރާގެ މައްސަލަތަކަށް ހައްލު ހޯދައިދެވޭނެކަމަށެވެ.

މިހަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ފިއެސް ސިސްޓަމްސް ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯ އިކްރާމް ހަސަން ވިދާޅުވީ ރާއްޖޭގައި އައިޓީ ދާއިރާއިން ތަޢުލީމު ހާސިލްކޮށްގެން ރަނގަޅު މުސްތަޤްބަލެއް ބައްޓަންކުރެވޭނެކަމަށާއި އައިޓީ ދާއިރާއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި މިވަގުތު މީހުން ނެތްކަމަށެވެ. ނަތީޖާއެއްގެ ގޮތުން ބިދޭސީންގެ އަތްމައްޗަށް މަސައްކަތްތައް ދޫކޮށްލަން ޖެހޭ ކަމަށާއި، އައިޓީ ދާއިރާއަށް މީހުން އުފެއްދުމަކީ ރާއްޖެއަށް މިވަގުތަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި އައިޓީގެ ދާއިރާގައި މަސައްކަތްކޮށްގެން ރަނގަޅު އާމްދަނީއެއް ހޯދޭނެކަމަށެވެ.

ޖުމްލަ 30 ގަޑިއިރު ފުރިހަމަކުރާ ގޮތަށް އޮކްޓޯބަރގައި އެ.މްއޭ.އެމްބީއެސްގެ ފަރާތުން ކުރިއަށްގެންދިޔަ އައިޓީ ފޯ ކިޑްސް ބެޗް 5ގައި ޖުމްލަ 18 ކުދިންވަނީ ބައިވެރިވެފައެވެ. އެންމެ މޮޅު ބައިވެރިއަކަށް ހޮވިފައިވަނީ މަރިޔަމް ރުހުޝާ މުހައްމަދު ރަޝީދުއެވެ. މިއަދު އެ.މްއޭ.އެމްބީއެސްގެ އައިޓީ ފޯ ކިޑްސްގެ ބެޗް 8 ގެ ކިޔެވުން ވަނީ ފަށައިފައެވެ.

އެ.މްއޭ.އެމްބީއެސްއަކީ މެރިޓައިމް އެކަޑެމީ އޮފް މޯލްޑިވްސްގެ ބިޒްނަސް ސްކޫލެވެ. 18 ސެޕްޓެމްބަރ 2017ގައި އެ.މްއޭ.އެމްބީއެސް އުފެދުނުފަހުން ވިޔަފާރީގެ ދާއިރާގެ ތަފާތު ޕްރޮގްރާމްތަކާއި ކުރު ޓްރެއިނިންގ ޕްރޮގްރާމްތަކާއި ކުރު މުއްދަތުގެ ކޯސްތައް ވަރަށް ކާމިޔާބުކަމާއެކު ދަނީ ހިންގަމުންނެވެ. އެ.މްއޭ.އެމްބީއެސްގެ މައިގަނޑު އަމާޒަކީ ފެންވަރު ރަނގަޅު ތަޢުލީމު ޒަމާނީ ވަސީލަތްތަކާއެކު ހެޔޮއަގެއްގައި ފޯރުކޮށްދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް