ކޮޅު ބަދަލުކުރާ މަތިން މިލިޔަނުން ފައިސާ އާއި ތިން ކޮޓަރީގެ އެޕާޓްމެންޓެއް ހުށަހެޅި ކަމަށްބުނެ މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ކުރައްވާފައިވާ ޓްވީޓަކީ އެކަމަނާ ލިޔުއްވަމުން ގެންދަވާ ވާހަކައެއް ކަމަށް މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެފައިވާކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހާމަ ކޮށްފި އެވެ.
އޭސީސީ އިން މިކަން ހާމަކޮށްފައިވަނީ ޕާޓީ ބަދަލުކުރާ މަތިން މާލޭ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދަށް ރިޝްވަތުގެ ގޮތުގައި 03 ކޮޓަރީގެ އެޕާޓްމަންޓަކާއި، މިލިޔަނުން ފައިސާ ހުށަހަޅާފައިވާ ކަމަށް ބުނެ މީޑިއާގައި ޝާއިޢުކޮށްފައިވާ ލިޔުމަކާ ގުޅިގެން މިކޮމިޝަނުން ބެލި މައްސަލަ ނިންމައި އާންމު ކޮށްފައިވާ ބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ އެކަމާ ސުވާލު ކުރުމުން ކޮޅުބަދަލުކުރާ މަތިން 03 ކޮޓަރީގެ އެޕާޓްމަންޓަކާއި، މިލިޔަނުން ފައިސާ ހުށަހަޅާފައިވާ ކަމަށް ބުނެ 18 އޮކްޓޫބަރު 2017 ގައި އޭނާ ކުރި ޓްވީޓުން ވަކި ޕާޓީއަކަށް ނުވަތަ ވަކި ފަރާތަކަށް ނިސްބަތްވެފައިވާކަމުގެ މާނައެއް ދޭހަނުވާނެ ކަމަށާއި، މިފަދަ އެތައް ވާހަކައެއް އާންމުން ހޭލުންތެރި ކުރުމުގެގޮތުން ޓްވީޓްކޮށްފައި ހުންނާނެ ކަމަށް ޝިފާ މުޙައްމަދު މިކޮމިޝަނަށް ބަޔާންދީފައިވާތީއާއި، އަދި މި މައްސަލާގައި ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަން ފާހަގަކުރެވިފައިނުވާތީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ފަދައިން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއްކަމަށް ކަނޑައަޅައި، މި މައްސަލަ މިކޮމިޝަނުން 02 ޑިސެންބަރު 2017 ގައި ވަނީ ނިންމާފައި ވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް