ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެމްބެސެޑަރުން އައްޔަން ކޮށްފި

ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެގޮތުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން މިއަދު ހާއްސަ ހަފްލާއެއް ބާއްވައިފިއެވެ. ހޮޓެލް ޖެންގައި މިއަދު ހެނދުނު ބޭއްވި...

03 Dec 2017 | 13:21

ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެގޮތުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން މިއަދު ހާއްސަ ހަފްލާއެއް ބާއްވައިފިއެވެ.

ހޮޓެލް ޖެންގައި މިއަދު ހެނދުނު ބޭއްވި ހަފްލާގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީގެ އިތުރުން ދަޢުލަތުގެ ވަޒީރުންނާއި، ޑިސްއެބިލިޓީ ކައުންސިލްގެ މެމްބަރުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުތައް ކުރިއެރުވުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާތަކާއި، މުއައްސަސާތަކާއި، އާންމު ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މެނޭޖްމަންޓާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިހަފްލާގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތްކޮށް ކުރިއެރުވުމަށާއި، އެފަރާތްތަކަށާއި ޢާއިލާތަކަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ އެކަންކަމަށް ހައްލު ހޯދުމަށާއި އެފަރާތްތައް ބާރުވެރިކޮށްދިނުމަށާއި މުޖުތަމަޢު ހޭލުންތެރިކުރުވުމަށް މިނިސްޓްރީން ކުރާ މަސައްކަތްތަކުގައި އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަކަށް "ގުޑްވިލް އެމްބެސެޑަރުން" ވަނީ އައްޔަނުކޮށްފައެވެ. "ގުޑްވިލް އެމްބެސެޑަރުން"ގެ ގޮތުގައި އައްޔަންކޮށްފައިވަނީ އަމިއްލަ ހައިސިއްޔަތުން އެކި ދާއިރާތަކުގައި ކުރައްވާ މަސައްކަތްތަކުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުގައި މަސައްކަތްކޮށް، މިދާއިރާ ކުރިއެރުވުމަށް ޤައުމީ ފެންވަރުގައި ކާމިޔާބީތައް ހާސިލްކޮށްފައިވާ ތިން ބޭފުޅުންނެވެ. މިއީ:

  • މަރިޔަމް ފަޒްނީ
  • އަހްމަދު އަންސާމް
  • ޒިހްނަތް ހަސަން

މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އެކި ޚިދުމަތްތައް ހޯދުމުގައި ދިމާވާ ދަތިތައް މަދުކުރުމަށާއި މުޢާމަލާތުކުރުމުގައި ހުރި ހުރަސްތައް ނައްތާލުމަށްޓަކައި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އަމާޒުކޮށްގެން މިނިސްޓްރީން ކުރިއަށްގެންދިޔަ ބޭސިކް އަދި އެޑްވާންސްޑް ސައިން ލެންގުއެޖް ކޯސްތަކުގެ ބައިވެރިންނަށް މިހަފްލާގައި ވަނީ ހަނދާނީ ލިޔުން ދީފައެވެ. އެގޮތުން އާންމު ހިދުމަތްދޭ 11 ކުންފުންޏަކުން 30ށްވުރެ ގިނަ މުވައްޒަފުން ވަނީ މިކޯސް ފުރިހަމަކޮށްފައެވެ.

މިހަފްލާގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީގެ ވާހަކަފުޅުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް އިހުތިރާމްކުރާ މުޖުތަމަޢުއެއް ރާއްޖޭގައި ބިނާކުރުމަށާއި އެފަރާތްތަކުގެ ބައިވެރިވުމާއި ހިއްސާ އިތުރުކޮށް، އެފަރާތްތަކަކީ މުޖުތަމަޢުގައި ހަމަހަމަ ފުރުސަތުތަކެއް ލިބިފައިވާ ބަޔަކަށްހެދުމަށް މަސައްކަތްކުރުމަށް އިލްތިމާސްކުރެއްވިއެވެ.

ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހަކީ 1992 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު ފާހަގަކުރަމުންދާ ދުވަހެކެވެ. މިދުވަހަށް މިއަހަރު ކަނޑައަޅާފައިވާ ޝިއާރަކީ، "ކުރިމަގު ބައްޓަންކުރުމަށާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަންޑިތައް ހާސިލްކުރުމަށްޓަކައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމެވެ".

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް