އެއްގަމު ދަތުރުފަތުރުގެ ޤާނޫނު 2009/5 ޚިލާފަށް މަގުތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނދު ޓޯކޮށްގެން ގެނައުމަށްފަހު 24 ގަޑިއިރުތެރޭގައި އެއުޅަނދެއްގެ މަޢުލޫމާތު ފުލުހުންގެ ވެބްސައިޓް www.policelife.mv ގައި ޢާއްމު ކުރާގޮތަށް ހަމަޖައްސައިފިއެވެ.
ފުލުހުން ބުނީ މިގޮތަށް ހަމަޖެއްސީ އެކިއެކި މައްސަލަތަކާ ގުޅިގެން ޓޯކޮށްގެން ގެންނަ އެއްގަމު އުޅަނދުގެ މަޢުލޫމާތު ޓޯކުރާތާ ލަސްވެގެން 24 ގަޑިއިރު ތެރޭގައި ޢާއްމުކޮށް ފެންނަން ހުންނާނެގޮތަށް ހަދަންޖެހޭނެ ކަމަށް އެއްގަމު ދަތުރު ފަތުރުގެ ޤާނޫނު 2009/5 ގެ 8 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައި އޮތުމާއެކު ޢާއްމު ރައްޔިތުންނަށް ފަސޭހައިން ދާޢިމީ ގޮތެއްގައި ފެންނަން ހުންނާނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން ކަމަށެވެ.
"ގަވާއިދާ ޚިލާފަށް ޕާކުކުރާ އެއްގަމު އުޅަނދު (މީގެ ތެރޭގައި ޕާކުކުރަން ކަނޑައަޅާފައިވާ ތަނެއްގައި މެދުކެނޑުމެއްނެތި 7 ދުވަހަށްވުރެ އިތުރަށް ޕާކުކޮށްފައި ހުންނަ އުޅަނދު ވެސް ހިމެނޭގޮތަށް) އެއްގަމު ދަތުރުފަތުރުގެ ގާނޫނު 2009/5 ގެ 7 ވަނަ މާއްދާ އަދި 8 ވަނަ މާއްދާގެ ދަށުން، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ނަގައިގެން ގެންދާނެ، މިގޮތުން އުޅަނދު ނަގައިގެން ގެންދާ ވަގުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި އެ އުޅަނދުގެ މަޢުލޫމާތު ފެންނާނެ ގޮތަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވެބްސައިޓްގައި އާންމުކުރެވިފައި ހުންނާނެ" ފުލުހުން ހާމަކުރެ އެވެ.
ފުލުހުން ބުނީ ނަގައިގެން ގެންދާ އުޅަނދުގެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވެބްސައިޓްގައި އާއްމުކުރާ ތާރީޚުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ މުއްދަތުގެ ތެރޭގައި އުޅަނދުގެ ވެރިފަރާތުން ޙަވާލުނުވެ ހުންނަ އުޅަނދާ ދޭތެރޭ ޤާނޫނު ނަމްބަރު 2009/5 ގެ 8 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޢަމަލުކުރެވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް