ޓެރަރިޒަމްގެ ކުށް ސާބިތުވެ ޖަލުގައި ހުކުމް ތަންފީޒް ކުރަމުން އަންނަ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމްގެ އިސްތިއުނާފު ޝަރީއަތް ނިމެންދެން ގޭ ބަންދަށްބަދަލުކުރެވެން ނެތް ކަމަށް ހައިކޯޓުން ނިންމައިފި އެވެ.
ހައިކޯޓުން މިގޮތަށް ނިންމާފައިވަނީ ނާޒިމްގެ މައްޗަށް އިއްވާފައިވާ ހުކުމްގެ އިސްތިއުނާފް މައްސަލައިގާ މިއަދު ބޭއްވި އަޑުއެހުމުގަ އެވެ.
މިއަދުގެ އަޑުއެހުމުގައި ނާޒިމް ވިދާޅުވީ ޖަލުގައި ބަންދުކޮށްފައި ހުންނަ އިރު ސިއްހީ ފަރުވާ އެކަށީގެންވާ ގޮތަށް ލިބެމުންނުދާ ކަމަށެވެ. އެހެންކަމުން ޑޮކްޓަރު ލަފާދީފައިވާ ގޮތަށް ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށް ނާޒިމް ކޯޓުގައި އެދިވަޑައިގަތެވެ.
ނާޒިމް ވިދާޅުވީ އޭނާގެ ލޮލުގައި މައްސަލަ އެބަހުރި ކަމަށާއި ރެޓީނާ ޑިޓޭޗްމެންޓެއް ހުރުމުން އަވަހަށް ފަރުވާ ނުދެވިއްޖެނަމަ ލޮލުގެ ފެނުން ގެއްލިދާނެ ކަމަށް ޑޮކްޓަރުން ވިދާޅުވާ ކަމަށެވެ. އަދި އަވަހަށް ބޭރަށްދާން ޑޮކްޓަރު ލަފާ ދޭ ކަމަށާއި ސިންގަޕޫރަށް ދާން ހުއްދަ ދިނެއްކަމަކު މާލީ ހާލަތު ހުރރިގޮތުން އެފަދަ ގައުމަކަށް ދެވެން ނެތް ކަމަށާއި އިންޑިއާއަށް ދެވޭނެގޮތް ހަދާދިނުމަށް އެދޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.
އަޑުއެހުމުގައި ނާޒިމް ދެއްކެވި ވާހަކަތަކާއި ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ ހެދިފައިވާ ގަވާއިދުތަކުގެ ދަށުން ޖަލުގައި ބަންދުކޮށްފައި ހުންނަ ކޮންމެ މީހަކަށްވެސް އަސާސީ ހައްގުތައް ފުރިހަމަ ކޮށްދޭންޖެހޭނެ ކަމަށް ދައުލަތުން ގަބޫލުކުރާ ކަމަށެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ވަކީލު ވިދާޅުވީ ހެދިފައިވާ ގަވާއިދުތަކުގެ ދަށުން އެހެން ގައިދީންނަށް ވެސް ލިބިދޭ އަސާސީ ހައްގުތައް ނާޒިމަށް ފުރިހަމަ ކޮށްދެމުންދާ ކަމަށެވެ. ނަމަވެސް އައިޖީއެމްއެޗް އިން ސްޕެޝަލިސްޓް ޑޮކްޓަރުންގެ އެޕޮއިންޓްމެންޓް ހޯދުމުގައި ދަތިތައް ދިމާވާތީ ޑޮކްޓަރަށް ދެއްކުމުގައި ހުރަސްތަކާއި ކުރިމަތިވާ ކަމަށެވެ.
ދެ ފަރާތުގެ ވާހަކަ އަށް ފަހު ފަނޑިޔާރު ވިދާޅުވީ އުސޫލުތަކާއި ގަވާއިދުތަކުގެ ދަށުން ސްޕެޝަލިސްޓް ޑޮކްޓަރުންނާއި އާއްމު ޑޮކްޓަރުންނަށް ނާޒިމް ދެއްކުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް އަންގާ ކަމަށެވެ. އަދި އިސްތިއުނާފް މަރުހަލާ ނިމެންދެން ގެއަށް ބަދަލުކޮށްދޭން ނާޒިމްގެ ފަރާތުން އެދުނު އެދުމާއި ގުޅިގެން ފަނޑިޔާރު ވިދާޅުވީ "ތިކަންތައްތަކަކީ ކަރެކްޝަނަލް ސާވިސް އިން ކުރިއަށް ގެންދާ ކަންތައްތައް، އެކަންކަމުގެ ތެރެއަށް އަޅުގަނޑުމެން ވަންނަންޏާ ރަނގަޅެއް ނުވާނެ،" ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް