އެގްރިކަލްޗާ މިނިސްޓްރީގެ އިސްވެރިންތަކެއްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރަން ފޮނުވައިފި

ގދ. މާރެހާ އާއި އެ އަތޮޅު ކެރަމިއްތާ ކުއްޔަށް ދޫކުރުމުގައި ކޮރަޕްޝަނުގެ މައްސަލައެއް ހިމެނޭތީ، އެ ދެރަށް ކުއްޔަށްދޫކުރުމަށް ނިންމި ފިޝަރީޒް މިނިސްޓްރީގެ އިވެލުއޭޝަން ކޮމެޓީގެ މެމްބަރުންތަކެއްގެ މައްޗަ...

03 Dec 2014 | 08:46

ގދ. މާރެހާ އާއި އެ އަތޮޅު ކެރަމިއްތާ ކުއްޔަށް ދޫކުރުމުގައި ކޮރަޕްޝަނުގެ މައްސަލައެއް ހިމެނޭތީ، އެ ދެރަށް ކުއްޔަށްދޫކުރުމަށް ނިންމި ފިޝަރީޒް މިނިސްޓްރީގެ އިވެލުއޭޝަން ކޮމެޓީގެ މެމްބަރުންތަކެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި އެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީއިން ޕްރޮސެކިއުޓާ ޖެނަރަލް، ޕީޖީ އޮފީހަށް ދައުވާ ކުރަން ފޮނުވާފައިވަނީ އިވެލުއޭޝަން ކޮމިޓީގައި ހިމެނިވަޑައިގެންނަވާ ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނަރަލް މ. ސަމަރުބްލޫ އާދަމް މަނިކާއި، އެސިސްޓެންޓް ޑިރެކްޓަރު ށ. ފޭދޫ ދުނގެތިމާގޭ އަލީ އާމިރާއި، ސީނިއާ ލީގަލް އޮފިސާ ގ. ވަޒަންވެހި ފަރީޝް އާދަމުގެ އިތުރުން ސީނިއާ ފީލްޑް އޮފިސާ ބ. އޭދަފުށީ ދޮންދުނބުރިގޭ ހާލިދު ޔޫސުފްގެ މައްޗަށެވެ.

އިވެލުއޭޝަން ކޮމެޓީގެ މެމްބަރުންގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ ކުރުމަށް ފޮނުވާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާއި ބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ)ގެ ދަށުން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާ ކުރުމަށް ކަމަށް އޭސީސީން ބުނެ އެވެ.

އޭސީސީން ބުނީ މާރެހާ އާއި ކެރަމިއްތާ ކުއްޔަށް ދީފައިވަނީ އެ ދެރަށް ކުއްޔަށްނެގުމަށް ހުށަހެޅި ޕްރޮޕޯސަލްތައް ޝަރުތު ހަމަނުވަނީސް ކަމަށެވެ. އެގޮތުން މާރެހާ ކުއްޔަށް ނެގުމަށް ތިން ފަރާތަކުން ޕްރޮޕޯސަލް ހުށަހެޅި ނަމަވެސް އެ އެއްވެސް ޕްރޮޕޯސަލެއް ޝަރުތު ފުރިހަމަ ނުވާއިރު ކެރަމިއްތާ ކުއްޔަށް ނެގުމަށް ފަސް ފަރާތަކުން ޕްރޮޕޯސަލް ހުށަހެޅި ނަމަވެސް، އެއިން އެއްވެސް ޕްރޮޕޯސަލެއްވެސް ޝަރުތު ފުރިހަމަ ނުވާ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް